Wednesday, July 26, 2017

ސިޔާދަތު




ޢަބްދުﷲ ސަޢީދު 


ދިވެހިބަހުގައި ސިޔާދަތުގެ މާނައަކީ މާތްކަން، ވެރިކަން، ރަސްކަން، ސަރުކާރު އަދި ޤައުމެއްގެ މިނިވަންކަމެވެ. ޤައުމެއްގެ ސިޔާދަތޭ ބުނެފިނަމަ އޭގެ މާނަކީ އެ ޤައުމެއްގެ މާތްކަމާއި، އެ ޤައުމެއްގެ ވެރިކަމާއި، އެ ޤައުމެއްގެ ސަރުކާރާއި އެ ޤައުމެއްގެ މިނިވަންކަމެވެ. ސިޔާދަތުގެ މަފުހޫމަށް ބަލާއިރު، ސިޔާދަތު ނިސްބަތްކުރެވެނީ ދައުލަތަށެވެ. ރައްޔިތުންނަށެވެ. ސިޔާދަތީބާރަކީ ދައުލަތުގެ ސަރަޙައްދުގެ މައްޗަށް އެ ދައުލަތެއްގެ ބާރު އެންމެ ފުރިހަމައަށް ލިބިގެންވުމެވެ. އަމިއްލައަށް ޤާނޫނުތައް ހަދައި، އެ ޤާނޫނުތައް ތަންފީޒުކޮށް ހެދުމުގެ ބާރު އެ ޤައުމަށް ލިބިގެން ވުމެވެ.

 

ޤައުމަކަށް ދައުލަތެއްގެ ފުރިހަމަ ދަރަޖަ ލިބެނީ ސިޔާދަތީ ބާރު އެ ޤައުމަކަށް ލިބިގެންނެވެ. ނުވަތަ ސިޔާދަތު އެ ބަޔަކަށް އޮވެގެންނެވެ. އެބައެއްގެ އަތުން ސިޔާދަތު ގެއްލިއްޖެނަމަ ދައުލަތެއްގެ ދަރަޖަ ގެއްލިގެންދާނެއެވެ. ސިޔާދަތަކީ ދައުލަތުގައި ހުންނަންޖެހޭ އަސާސީ ސިފައެކެވެ. އެ ސިފައާއެކުގައި ނޫނީ ދައުލަތް ދައުލަތަކަށް ނުވެއެވެ. ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާގޮތުގެ މަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤައުމެއްގެ އެންމެހައި ރައްޔިތުންނާއި، އެ ޤައުމެއްގެ ސިޔާސީ ސަރަޙައްދާއި މިހުރިހައި ފަރާތަކަށް ޖުމުލަކޮށް ކިޔާނަމެކެވެ. ބޭރުގެ ފަރާތްތައް އެދޭގޮތަށް އެ ޤައުމުގެ ޤާނޫނުތަކާއި ޤަވާޢިދުތައް ހަދައި ބަދަލުކޮށް ތަންފީޒުކުރަން ފަށައިފިނަމަ ނުވަތަ ބޭރުގެ ފަރާތްތަކަށް އެބައެއްގެ މައްޗަށް ބަސްކިޔާ އަމުރު މަޢުރޫފު ހިންގުމަށް ފުރުސަތު ދެވިއްޖެނަމަ އެބައެއްގެ ސިޔާދަތު އެ ގެއްލުނީއެވެ. ބޭރުގެ ޤައުމުތަކާއި ނުފޫޒުގަދަ ޖަމާޢަތްތައް ބޭނުންވާގޮތަށް ޤައުމެއްގެ ރައްޔިތުންގެ ވިންދާ ދެކޮޅަށް ޤާނޫނުތައް ބަދަލުކޮށް، ޤާނޫނުތައް ތަންފީޒުކުރާނަމަ އޭގެ މާނައަކީ އެ ޤައުމަކަށް ލިބިގެންވާ ސިޔާދަތީ ބާރެއް ނެތެވެ. ޚާއްޞަކޮށް އެ ޤައުމެއްގެ ރައްޔިތުން ބޭނުންނުވާ ގޮތާ ޚިލާފަށް ބޭރުގެ ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން މަޖުބޫރުވުމަކީ އެބައެއްގެ ސިޔާދަތުގެއްލިއްޖެކަމުގެ ދަލީލެކެވެ. އެހިސާބަށް ދާއިރު އެ ޤައުމެއްގައި ޙަޤީޤީ މިނިވަކަމެއް ނޯންނާނެއެވެ.

 

މިނިވަންކަމާއި ސިޔާދަތާ ވަރަށް ގާތް ގުޅުމެއް އޮވެއެވެ. މިނިވަންކަމަކީ އަޅުވެތިކަމެއްނެތުމާއި އެބައެއްގެ އަމިއްލަވަންތަކަން އޮތުމެވެ. ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިގެންވުމާއި، މުޢާމަލާތު ކުރުމުގައި ވެސް އެއްވެސް ހުރަހެއްނެތުމެވެ. މިކަންކަން ލިބިގެންދަނީ ސިޔާދަތު އޮވެގެންނެވެ. ސިޔާދަތާ ނުލައި މިނިވަންކަން ފުރިހަމައެއްނުވާނެއެވެ. ބައިނަލް އަޤްވާމީ ގޮތުން އެއް ދައުލަތް އަނެއް ދައުލަތާ ހަމަހަމަަކަން އަންގައިދެނީ ސިޔާދަތެވެ. ސިޔާދަތީ ބާރު އޮވެއްޖެނަމަ އެ ޤައުމަކުން ބޭނުންވާނަމަ ކޮންމެ ޤައުމަކާވެސް ގާތްކަމާއި ރަޙުމަތްތެރިކަން ޤާއިމުކޮށް ހެދޭނެއެވެ. އެއްގައުމުން އަނެއް ޤައުމުގެ ސިޔާދަތީ ބާރަށް އިޙުތިރާމުކުރާނަމަ ދޭދޭ ޤައުމުތަކުން ކުރާ މުއާމަލާތްތަކަށް ޙުރުމަތްތެރިކޮށް ހިތާނެއެވެ. އަދި ކޮންމެ ޤައުމަކަށް ވެސް އެ ޤައުމަކަށް މަންފާއާއި ލާބަހުރި ގޮތްގޮތަށް ބައިނަލް އަޤްވާމީ އުސޫލުތަކުގެ ތެރެއިން ގުޅުންތައް ބަދަހިކޮށް ކަންކަން ނިންމުމުގެ އިޙްތިޔާރު އޮންނަންވާނެ ކަމަށް ޤަބޫލުކުރާނެއެވެ.

ޤައުމުގެ ކަންކަން އަމިއްލައަށް ނިންމުމުގެ ޙައްޤު (ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން) އަކީ ބައިނަލް އަޤްވާމީ ޤާނޫނުތަކުން ވެސް ލިބިގެންވާ ޙައްޤެކެވެ. މި ޙައްޤަށް އެއް ޤައުމުން އަނެއް ޤައުމަށް އިޙްތިރާމު ކުރަންޖެހެއެވެ. އެ ޤައުމެއްގެ ރައްޔިތުން އުޅެން ބޭނުންވާ ދީނަކަށް އުޅުމާއި، އެ ރައްޔިތުން ބޭނުންވާ ގޮތަކަށް އެ ޤައުމެއްގެ ޤާނޫނު އަސާސީއާއި ޤާނޫނުތައް ހަދައި ހިންގުމުގެ ޙައްޤު އޮންނަންވާނެކަން ޤަބޫލުކުރަން ޖެހެއެވެ. އަދި އެކަންކަމަށް އިޙުތިރާމް ވެސް ކުރަންޖެހެއެވެ.

 

ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމެއްގެ ސިޔާދަތު ދެމެހެއްޓުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނީ، އަދި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ އެ ޤައުމެއްގެ ރައްޔިތުންނަށެވެ. އެ ދައުލަތެއް ތަމްސީލުކުރާ ސަރުކާރާއި ދައުލަތުގެ އިސްވެރިންނެވެ. އެ ދައުލަތެއްގެ ސަލާމަތީ ޚިދުމަތްތަކާއި ސަލާމަތީ ބާރުތަކެވެ. އެ ޤައުމެއްގެ ޤައުމީ މަޞްލަޙަތު ހިފެހެއްޓުމުގައި އެ ޤައުމެއްގެ ރައްޔިތުން އިހުމާލުވެ ފަރުވާކުޑަކޮށްފިނަމަ  އުފެދިގެންދާ ބާގަނޑުތަކުން ބޭރުގެ ނުފޫޒު ވަންނަން ފަށާނެއެވެ. އަދި އެ ނުފޫޒު ވެގެންދާނީ ޤައުމުގެ ސިޔާދަތަށްދޭ ޙަމަލާއަކަށެވެ. މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ކޮންމެ ޤައުމެއްގައި ވެސް އޮންނަ އެންމެ މަތީ މަސްލަހަތެވެ.

 

 


No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...