ލިޔުނީ: ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖެއަށް ވޭތުވެދިޔަ ދެތިން އަހަރެއްގެ
ތެރޭގައި އިޖުތިމާޢީ ބޮޑެތި ބަދަލުތަކެއްވަނީ އައިސްފަ. މީހުންގެ އުޅުމާއި
ގުޅުމަށް އަދި އެކިއެކި ކަންކަމުގެ ވައްޓަފާޅިއަށާއި މީހުންގެ
ހޭލުންތެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއްވަނީ އައިސްފަ. މީޑިއާގެ މިނިވަންކަމާއި މި
ނޫނަސް އަލަށް ތަޢާރަފުވެ ބޭނުންހިފަމުންދިޔަ އަސާސީ ޙައްޤުތަކާއެކު ކުރިން ނީވޭ
އެތައް އަޑުތަކަކާއި މަންޒަރުތަކެއް ވަނީ ފެނިގެންގޮސްފަ. ދިވެހި މުޖުތަމަޢަށް މި
އައި ބަލާއެކު ކިޔަވާކުދިން ނުވަތަ ދަރިވަރުންގެ އަޚްލާޤާއި ސުލޫކަށްވެސް ވަނީ ބޮޑެތި
ބަދަލުތަކެއް އައިސްފަ.
ސްކޫލު ކުދިންގެ އަޚްލާޤާއި ސުލޫކު އެއްދުވަހުން
އަނެއް ދުވަހަށް ދަށަށްދާ ޝަކުވާގެ އަޑަކީ އަބަދުވެސް އިވެމުންދާ އަޑެއް. އެކި
ދުވަސްވަރަށް އެއަޑު ގަދަވެ، މަޑުވިޔަސް އެއަޑަކީ ރާއްޖޭގައި ސްކޫލުތައް އުފައްދާ
ހިންގަން ފެށުނިއްސުރެވެސް އިވެމުންދާ އަޑެއް. މިގޮތަށް މި އަޑު އިވެނީ
ކީއްގެންބާ؟ ޒަމާނާ، ޙާލަތާ، މުޖުތަމަޢަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކުދިން
ބައްޓަންވަމުން ދާއިރު، އެކަން ޤަބޫލު ކުރެވެނީބާ؟ ނޫނީ ކުރީގެ އާދަކާދައާ
ސަޤާފަތު އަޅުގަނޑުމެންނަށް ދިފާޢު ކުރެވެނީބާ؟ އެހެން ނޫނީ ކިޔަވާ ކުއްޖެއްގެ
ސުލޫކީ މިންގަނޑުތައް މުޖުތަމަޢުގެ އަފުރާދުން ޤަބޫލުކުރާ ފެންވަރަށް ނުހިފެހެއްޓެނީބާ؟
ޒަމާނަށް އަންނަ ބަދަލުތަކުގެ އޮއިވަރުގައި އެންމެ ފުރަތަމަ ޖެހިގެންދާ ބަޔަކީ
ދަރިވަރުންނަށް ވަނީބާ؟
ސްކޫލް ކުދިންގެ އަޚްލާޤާއި ސުލޫކު މިހާރު ހުރި
ފެންވަރު ބަލާލުމަކީ މާބޮޑު ދަތިކަމެއްނޫން. ސްކޫލުތަކުގެ ކިޔެވުން ފެށޭ ގަޑިތަކުގަޔާއި
ނިމޭ ގަޑިތަކުގައި ދަރިވަރުން އުޅޭ ގޮތްތަކުން އެކަނިވެސް ސްކޫލުގެ ދަރިވަރުންގެ
އުޅުމާއި އަޚްލާޤަށް އައިސްފައިވާ ނުވަތަ އަންނަމުންދާ ބަދަލުތައް ފެންނަމުންދާނެ.
ބައެއް ސްކޫލުތަކުގެ ކިޔެވުން ނިމޭ ގަޑިތަކަކީ މާރާމާރީއާ ހަމަނުޖެހުންތައްވެސް
ހިނގާ ގަޑިތަކަކށް އޮންނަނީވެފަ. ބައެއް ސްކޫލުތަކުގައި ދަރިވަރުންގެ
މައްސަލަތަކުގެ ތެރެއަށް ބެލެނިވެރިންވަދެ، ބެލެނިވެރިންގެ މެދުގައިވެސް ޒުވާބު
ކުރުމާއި މާރާމާރީ ހިންގާފައި އެބަހުރި.
ސްކޫލްތަކުން ދަރިވަރުން ނިމޭ ގަޑީގައި މަގުމަތީގެ
ޤަވާޢިދުތަކަށް އެއްވެސް ހުރުމަތެއްނެތި ކުދިން އުޅޭ މަންޒަރަކީވެސް އާންމު
މަންޒަރެއް. ހަމަ އެގޮތަށް ސްކޫލުގެ ހަތަރު ފާރުން ބޭރަށް ނިކުމެވުމުން، ބައެއް
ކުދިންނަށް އެކުދިންނަކީ ސްކޫލު ކުދިންކަންވެސް އޮންނަނީ ހަނދާން ނެތިފަ. ސްކޫލު
ޔުނީފޯމް އެޅުމުގެ ޤަވާޢިދަށް އެއްވެސް ބެލުމެއްނެތި ބައެއް ކުދިން އުޅެމުން ގެންދޭ. ބައެއް ފިރިހެން
ކުދިން ގަމީސް ދަށުން ނައްޓާލާގޮތަށް، ބައެއް އަންހެނުން ކުދިން ޔުނީފޯމްގެ ބަންދު
ނައްޓާލާ ނޫނީ ދޫ ކޮށްލައިގެން މަގުމަތީގައި އުޅޭތީ ފެނޭ.
ސްކޫލް ދަރިވަރުންގެ އަޚްލާޤާއި ސުލޫކު
ހުރިނެތްގޮތް ދައްކުވައިދޭ އެއްތަނަކީ ސްކޫލުތަކުގެ ފާޚާނާތައް. ބައެއް
ސްކޫލުތަކުގެ ފާޚާނާ ތަކެކޭ ބްލެކް ބޯޑް ތަކެކޭ އެއްވެސް ތަފާތެއް ނެތް. ފާޚާނާ ތަކުގައި ކުރަހާ ލިޔެ ހަދާފައި
ހުންނައިރު ގިނައިން ލިޔެފައި ހުންނަނީ ހަޑިހުތުރު އެއްޗެތި . މިފަދަ ދަށު
ދަރަޖައިގެ ލިޔުންތަކާއި ކުރެހުންތަކާއި އިބާރާތްތައް ސްކޫލުގެ ޑެސްކް
ތަކުގައިވެސް ލިޔެފައި ހުރޭ. މިކަންތައްތައް ކުރާ ކުދިންނަށް އެކުރެވެނީ ކިހާ
ވަރެއްގެ ކަމެއްކަން ނޭނގެނީބާ؟ ނޫނީ އެކަންތައްތައް ކުރަމުންދަނީ ކީއްވެގެންބާ؟
އެކަންކަން އެތައް ދުވަހެއްވީއިރުވެސް ނުހުއްޓުވިފައިވަނީ ކީއްވެގެންބާ؟
ސްކޫލުގެ ދަރިވަރުން ސްކޫލުގެ ފަރުނީޗަރަށާއި
ތަކެއްޗަށް ގެއްލުން ދެމުން ދިއުމަކީވެސް ކުރަމުންދާކަމެއް. ސްކޫލުގައި ހުންނަ
ފަންކާ އާއި ހޮޅިބުރި ފަދަ ތަކެއްޗަށް ދަރިވަރުން ގަސްތުގައި ގެއްލުންދީ ހަދަމުން
ދިއުމަކީވެސް ހަގީގަތެއް. ސްކޫލުގެ ފާރުތަކުގައި ކުރެހުމާއި ސްކޫލުގައި ހުންނަ
ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން ސްކޫލުގެ ތެރޭގައި ދަރިވަރުން ދަރިވަރުންގެ
ތަކެއްޗަށް ގެއްލުން ދިނުމާއި މާރާމާރީ ހިންގުމަކީވެސް ހިގަމުންދާކަމެއް. ކުދިންގެ
މެދުގައި ހިގަމުންދާ މިފަދަ ހަމަނުޖެހުންތަކާއި ބިރުދެއްކުމުގެ ސަބަބުން ބައެއް
ކުދިންގެ ތަޢުލީމަށްވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދޭ.
ބޮޑެތި މީހުންނަށާއި ޓީޗަރުން އަދި މައިން
ބަފައިންނަށްވެސް ބައެއް ދަރިވަރުން އަދަބު އިޙްތިރާމު ނުކުރާ ވާހަކައަކީ ވަރަށް
އާންމު ވާހަކައެއް. ކުދިން ބައްޓަން ކުރުމުގައި ޓީޗަރުން އަދާކުރާ މުހިންމު ދައުރު
މައިން ބަފައިންނަށާއި ބެލެނިވެރިންނަށް ވިސްނުނަސް ކުދިންގެ ހިތުގައި
ޓީޗަރުންނާމެދު އެއްވެސް ލޯތްބެއް އިޙުތިރާމެއް ނެތްތައް ފެންނަމުން ދަނީވެސް
މަދެއްކޮށްނޫން.
ސްކޫލު ކުދިން ދުންފަތުގެ އިސްތިޢުމާލު ކުރަމުން
ދިއުމަކީވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެއް. ހަމަ އެހެންމެ ސްކޫލު ކުދިން ގުރޫޕް
މާރާމާރީތަކުގައި ބައިވެރިވުމާއި މަސްތުވާ ތަކެތީގެ ތެރެއަށް ވަނުމާއި އެފަދަ
ޢަމަލުތައް ސްކޫލުގެ މާޙައުލުގެ ތެރޭގައި ހިންގަމުންދާ ކަމީވެސް ކަންބޮޑުވާން
ޖެހިފައިވާ މައްސަލައެއް. މަގުމަތީގައި ހަޑިހުތުރު އެއްޗެތި ގޮވާ، މީހުންނަށް
ގޯނާކޮށް، ތަކެއްޗަށް ގެއްލުންދީ މަގުމަތީގެ ޤަވާޢިދުތަކަށް އެއްވެސް ހުރުމަތެއް
ނުބަހައްޓާ ޒުވާނުންގެ ތެރޭގައި ސްކޫލުތަކުގެ ދަރިވަރުން ހިމެނޭކަމީ
ހިތާމަކުރަންޖެހޭކަމެއް.
ސްކޫލް ކުދިންގެ މެދުގައި ޤައުމީ ލޯބި ކުޑަވަމުން
އަންނަ ކަމަށްވެސް ބައެއް މީހުން ވާހަކަ ދައްކާ. ޤައުމީ އަބުޠާލުންނާއި ޤައުމު
އެބޭފުޅުންނަށްޓަކައި ފަޚުރުވާ ބޭބޭފުޅުންނަށް ކުރަންވާ އިޙުތިރާމާއި ގަދަރު
ކުޑަކަން ފާހަގަ ކުރެވޭއިރު މިކަންތައްތައް ދިރުވާ އާލާ ކުރުމަށް ސްކޫލުތަކުން
ކުރާ ބުރަ މަސައްކަތްތަކާއި އެއްވަރުގެ ނަތީޖާއެއް ނުނިކުންނަ ކަމަށްވެސް ބައެއް
ފަރާތްތަކުން ފާހަގަ ކުރޭ. ސްކޫލުތަކުގެ ދަރިވަރުން މަގުމަތީގަޔާއި ބޭރު ތެރޭގައި
އުޅުމުގައި އަދި ސްކޫލާއި ގޭތެރޭގައި އުޅުމުގައި ދަރިވަރެއްގެ ކިބައިގައި ހުންނަން
ޖެހޭ އަޚްލާޤާއި ސުލޫކު ނުހިފަހައްޓާނަމަ އެއީ ކުޑަ މައްސަލައެއްނޫން. މި ކަމުގައި
ވަކި ބައެއް ކުށްވެރިކޮށް ވަކިބައެއްގެ ބޮލުގައި އެކަމުގެ ޒިންމާ އަޅުވަން
މަސައްކަތް ކުރުމުގެ ކުރިން މިއަދު
ފުރަތަމަ އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެނީ ދަރިވަރުންގެ މެދުގައި އަޚްލާޤީ
މައްސަލަތަކެއް އެބަހުރިކަން. އެ ކަންކަމަކީ ޒަމާނަށް އަންނަ ބަދަލަކުން
ކަމަށްވިޔަސް އަދި މުޖުތަމަޢަށް އަންނަ ބަދަލަކުން ކަމަށްވިޔަސް ދަރިވަރުންނަށް
ބަދަލުތަކެއް އަންނަކަމާއި އެކުދިންގެ މެދުގައި ރަނގަޅުކޮށް އިސްލާހު ކުރަން
ޖެހިފައިވާ އަޚްލާޤީ މައްސަލަތަކެއް އެބަހުރިކަމަށް ޤަބޫލުކުރަން ޖެހޭ.
( ދެވަނަ ރިޕޯޓް)
ކޮންމެ ރަނގަޅު ކަމަކާއި ނުރަނގަޅު ކަމެއްގައިވެސް
ކޮންމެވެސް ސަބަބުތަކެއްވާނެ. ދަރިވަރުންގެ އަޚްލާޤު ގޯސްވުމުގައި ހުރި
ސަބަބުތަކަކީ ކޮބާތޯ؟ އަދި އެކަންކަން ރަނގަޅު ކުރުމަށް ކުރެވޭނެ
މަސައްކަތްތައްކަކީ ކޮބާތޯ؟ މިއީ އެކި މީހުން ތަފާތު ގޮތްގޮތަށް ޝުޢޫރު
ފާޅުކުރަމުންދާ ކަމެއް. ކުދިންގެ އަޚްލާޤު ގޯސްވުމުގައި ބައެއް ފަރާތްތަކުން ،
ސްކޫލް މެނޭޖްމަންޓަށާއި ޓީޗަރުންނަށް އިނގިލި ދިއްކުރާއިރު އަނެއް ބަޔަކު އިނގިލި
ދިއްކުރަނީ ބެލެނިވެރިންނަށާއި މުޖުތަމަޢަށް.
ދަރިވަރުންގެ އަޚްލާޤު ގޯސްވަމުން ދިއުމުގައި ބެލެނިވެރިންގެ
ސަމާލުތަކާއި އަޅާލުން ދަރިވަރުންނަށް ލިބެންވީ ވަރަށް ނުލިބުމާއި ޓީޗަރުންނާއި
ސްކޫލު މެނޭޖްމަންޓުން އެކަންކަން ރަނގަޅު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް
ނޭޅުން ހިމެނޭ. މުޖުތަމަޢުގައި ހިނގާ ނުބައި އޮއިވަރުތަކުގައި ކުއްޖާ ބެހިގެން
ދިއުމުގެ ފުރުސަތު ބޮޑުވެގެންދާ މައިގަނޑު ސަބަބަކީ މިއީ. ބައެއް ކަހަލަ ވިޔާނުދާ
ކަންތަކާއި ޢަމަލުތައް ދަރިވަރުން ހިންގަނީ ބައެއް ޓީޗަރުންގެ ކުރިމަތީގައި ކަމަށް
ވިޔަސް އަޅާނުލުމާއި ދަރިން ކުރާ ވިޔާނުދާ ކަންތައްތަކަކީ މާބޮޑު މައްސަލައެއް
ކަމަށް މައިންބަފައިން ނުދެކުމާއި އަޅާނުލާ ފަރުވާ ކުޑަ ކޮށްލުމަކީ ކުދިން މަގުން
ކައްސާލައިގެންދާ މެދުވެރިވާ މައިގަނޑު ސަބަބު.
ކުދިންގެ އަޚްލާޤު ދަށްވުމުގެ ސަބަބުން ކުށްކުރާ
ކުޑަކުދިންގެ އާބާދީ އެއްދުވަހުން އަނެއް ދުވަހަށް ދަނީ މަތިވަމުން. މިއަދު ދިވެހި
މުޖުތަމަޢަކީ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މުޖުތަމަޢެއް. ކުށްކުރާ ކުޑަކުދިން
އިތުރުވަމުންދާކަމާއި އެކުދިން ކުރާ ކުށްތަކުގެ ވައްތަރާއި ބާވަތްތައްވެސް
ތަފާތުވަމުން ދާކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. މި މައްސަލައަކީ
ބެލެނިވެރިނާއި މައިންބަފައިންނާއި ސްކޫލުތަކާއި ކިޔަވައިދޭ ޓީޗަރުންނާ ހަމައިން
ނިމެންއޮތް މައްސަލައެއްނޫން. މި މައްސަލައަކީ މިއަށްވުރެ މާފުޅާ އަދި އެހާމެ
ސީރިއަސް މައްސަލައެއް.
ކުދިންގެ މައްޗަށް މައިން ބަފައިންގެ ބާރާއި ނުފޫޒު
އެކުދިންގެ ވަރަށް ޅަ އުމުރުގައި ދޫވެގެން ދިއުމަކީ މިހާރު ފެންނަމުންދާ
މަންޒަރެއް. ކުދިން އުޅޭގޮތުންނާއި އެކުދިން ގުޅިފައިވާ ގުރޫޕްތަކުގެ ގޮތުން
މައިންބަފައިން ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހުމަކީވެސް ދިވެހި މުޖުތަމަޢުން
ފެންނަމުންދާކަމެއް. އެކުރެވެނީ ކީއްކަން ނޭނގި ނަމަވެސް ކުދިންގެ މެދުގައި
ޖިންސްގެ ތަފާތުކުރުންތައް މައިންބަފައިން ގެންގުޅުމާއި ދަރިންގެ މެދުގައި ތަފާތު
ކުރުމަކީވެސް ކުދިންގެ އަޚުލާޤަށް އެކަމުން އަސަރުކުރަން ދިމާވާ ސަބަބެއް.
ކޮންމެ މަންމައަކާއި ބައްޕައަކުވެސް އެމީހުންގެ
ދަރިންނަކީ ރަނގަޅު އަޚްލާޤެއްގެ ވެރިބައެއްގެ ކަމުގައިވާން ބޭނުންވޭ.
އެހެންކަމަށްވާނަމަ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ގޮތުން
އަދާކުރަންޖެހޭ ޒިންމާތައް ދެމިތިބުމާއެކު ރީތި ނަމޫނާ ދައްކައިދޭ ބަޔަކަށް
ވާންޖެހޭ. ދަރިންގެ ކަންތައްތައް ދުރާ ގާތުން އަބަދުވެސް ބަލާ ދަރިންނަށް އަންނަ
ބަދަލުތައް އަބަދުވެސް ބަލަމުންދާ ބަޔަކަށްވާން ޖެހޭނެ. ދަރިންގެ މައްޗަށް
ލޯބިހުރި އޯގާތެރި ބަޔަކަށް ވާންޖެހޭނެ. އިންސާނީ ޝުޢޫރާއި ޖަޒުބާތު އެކުދިންގެ
ކުރިމަތީގައި ރީތި ގޮތުގައި ދައްކައިދޭ ބަޔަކަށް ވާންޖެހޭނެ.
ކުދިންގެ އިޖުތިމާޢީ އަޙްލާޤު ދަށްވެގެންދާ އެއް
ސަބަބެއް ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވަނީ އެބަޔަކު ދިރިއުޅެމުންދާ
މުޖުތަމަޢެއް ބަދަލުވަމުންދާ އަވަސް ކަމާއެއްވަރަށް ތަޢުލީމީ ނިޒާމު
ބައްޓަންވަމުން ނުދިއުން. ސްކޫލުތަކުގައި ހިންގާ ޤަވާޢިދުތައް ތަންފީޒު
ނުކުރެވުމާއި ދީނީ އަޤީދާ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތައް މަދުވުމަކީވެސް
ކުދިންގެ އަޙުލާޤު ނުހިފެހެއްޓެން ދިމާވާ މައްސަލައެއް. ބެލެނިވެރިންނާއި
ޓީޗަރުންގެ ފަރާތުން އުޅުންތެރިކަމާއި އަޚްލާޤީ ރީތި މިސާލާއި ނަމޫނާ ފެންނަމުން
ނުދިއުމަކީވެސް ދަރިވަރުންގެ އަޚްލާޤަށް އެކަމުން އަސަރުކުރާ ކަމެއް. ސްކޫލުތަކުގެ
ޖާގަ ތޮއްޖެހި، ދަރިވަރުންގެ ކިޔަވައިދޭ ދަންފަޅިތައް އިތުރުވެ ކުދިންގެ އަޚްލާޤީ
ކަންތައްތަކަށް ދެވޭ ސަމާލުކަން ކުޑަވުމަކީވެސް ރިވެތި ސިފަތައް ކުދިންނަށް
ދަސްކޮށްދިނުމަށް ދިމާވާ ވަރަށް ބޮޑު ދައްޗެއް. އާންމުދަނީ ހޯދުމަށް އެހެނިހެން
މަސައްކަތްތައް ކުރަން ޖެހުމުން ޓީޗަރުން ވަޒީފާއަށްދޭ ސަމާލު މުސާރަ ކުޑަވުމާއި
ފެންވަރު ރަނގަޅު ޓީޗަރުން ނެތުމަކީވެސް ދަރިވަރުންގެ އަޚްލާޤަށް އެކަމުން
އަސަރުތަކެއް ކުރާނެ ކަމެއް. ސްކޫލުގެ މާހައުލުގެ އިތުރުން ކުދިން ދިރިއުޅޭ
ގޭތެރޭގެ ކަންތައްތައް ހުންނަ ގޮތުންވެސް އެކުދިންގެ ކިޔެވުމަށާއި އަޚްލާޤަށް
އަސަރު ކުރަމުންދޭ. ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު ދިރިއުޅެން ޖެހުމާއި
ކުދިންނަށް ބޭނުންވާ ވަރަށް ނިދި ނުލިބުމާއި އަރާމު ނުކުރެވުމަކީވެސް އެކުދިންގެ
އުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ސަބަބެއް. ބެލެނިވެރިންނާއި މައިންބަފައިންގެ
ފަރާތުން ދިރިއުޅުމުގެ ރީތި އާދަތަކާއި ރީތިކޮށް ވާހަކަ ދެއްކުމާއި އަބަދު
އިހުތިރާމު އަދާކުރުމުގެ ރީތި ގޮތްތަކުގެ ނަމޫނާ ދައްކައި ދެވިއްޖެނަމަ ކުދިންގެ
އުޅުމާއި އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް އަންނަންފަށާނެ.
No comments:
Post a Comment