Tuesday, December 30, 2008
Monday, December 8, 2008
Thursday, November 20, 2008
މަނަދޫ މުޙައްމަދު ޙާޖީ
ޢަބްދުﷲ ސަޢީދު
ނ. މަނަދޫ ފިލިގަސްދޮށުގޭ މުޙައްމަދު ޢަބްދުލްކަރީމް (ކަރިންބޭގެ މުޙައްމަދުބެ) ގެ އަޅުގަނޑުމެންނަށް ފެންނަން ފެށިއިރު މަސައްކަތް ކުރައްވަނީ މަނަދޫ ކޯޓްގައެވެ. އޭރު ކޯޓްގައި ގާޒީ އާއި ކާތިބެއްގެ އިތުރުން މުޙައްމަދުބެ ފިޔަވާ ދެވަނަ މީހަކު ނުހުރެއެވެ. މަސައްކަތު މީހަކީވެސް އެއީއެވެ. ދޭވާންޏަކީވެސް އެއީއެވެ. ދިދަނަގާ ބަލާމީހަކީވެސް އެއީއެވެ. އެއްބޭފުޅަކަށްފަހު އަނެއް ބޭފުޅަކު ކޯޓާ ހަވާލުވަމުން ގާޒީކަން ކުރައްވަމުން ބަދަލުވަމުން ދިޔައިރު ކޯޓްގައި ބަދަލުނުވެ ހުރި ބޭފުޅަކީ މުޙައްމަދުބެއެވެ. ވަޒީފާއިން ވަކިވެވަޑައިގެންނެވުމާ ހަމައަށް ގިނަ އަދަދެއްގެ ޤާޟީންނާއެކު މުޙައްމަދުބެވަނީ މަސައްކަތް ކުރައްވާފައެވެ. ތަފާތު ތަންތަނަށް މަނަދޫ ކޯޓް ބަދަލުވަމުންދިޔައިރުވެސް މުޙައްމަދުބެ އަކަށް ބަދަލެއް ނާދެއެވެ. މުޙައްމަދުބެއަކީ ސަރުކާރުގައި ޚިދުމަތްކުރެއްވި އިރު އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭކަލެކެވެ.
މުޙައްމަދުބެއަކީ ދިވެހި ބޭސްވެރިއެކެވެ. މުޙައްމަދުބެ ދިވެހިބޭސް ކުރައްވާފައިވަނީ ހިލޭ ސާބަހަށެވެ. ދުވަހަކުވެސް މީހެއްގެ އަތުން އުޖޫރައެއް ނަންގަވައިގެންނެއް ނޫނެވެ. މުޙައްމަދުބެ ދިވެހިބޭސް ހެއްދެވި ދުވަސްވަރަކީ ޑޮކްޓަރީ ބޭސްވެރިކަން ވައިގައި ނުހިފާއޮތް ދުވަސްވަރެވެ. ފަންޑިތައާއި ދިވެހިބޭސްވެރިކަން ނޫން އެހެންގޮތެއް ނެތް ދުވަސްވަރެވެ. ތަފާތު ގިނަ ބަލިތަކަށް ރަށުން ލިބެން ހުންނަ ފަތްޕިލާވެލި ބޭނުންކޮށްގެން ބޭސް ހައްދަވާ އެތައް ބަޔަކަށް ފަރުވާ ކޮށްދެއްވިއެވެ. ދިވެހި ބޭސްވެރިކަމުގެ ތެރެއިން މުޙައްމަދުގެ ޚާއްޞަ ދާއިރާއަކީ ލޮލުބޭހެވެ.
މުޙައްމަދުބެއަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާފައިވާ ބޭކަލެކެވެ. އެހެންވީމާ އެއުމުރުގެ ބައެއް މީހުން މުޙައްމަދު ޙާޖީއޭ ކިޔާ މުޚާތަބުކުރެއެވެ. އެއީ މަނަދޫގެ ޤަދަރުވެރި ބޭކަލެކެވެ. ދުވަހަކުވެސް މައްސަލައެއްގައި އަދަބެއް ލިބިފައެއް ނުވެއެވެ.
މުޙައްމަދުބެއަކީ އަބަދުވެސް ހުދު ހެދުމުގައި ހުންނަވާ ބޭކަލެކެވެ. އާންމުކޮށް ތުރުކުރައްވަނީ ހުދު ގަމީހާއި ހުދު މުންޑާއި ހުދުކުލައިގެ ހައްޖުތާކިހަލެކެވެ. ހައްޖަށް ވަޑައިގެންނެވުމުގެ ކުރިންވެސް އަބަދުވެސް ހުންނަވަނީ ވަރަށް ސާފުތާހިރުކޮށެވެ. ސާފުތާހިރުކަމަށް ލޯބިކުރައްވާ މުޙައްމަދުބޭގެ މިޒާޖަކީ މަޑުމައިތިރި މިޒާޖެކެވެ. ދީނީ ކަންތައްތައްކަށް ޚާއްޞަ އަހުމިއްޔަތުކަމެއް ދެއްވައެވެ. ޚާއްޞަގޮތެއްގައި ޖަމާޢަތުގައި ނަމާދުކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.
މުޙައްމަދުބެއަކީ ޚިތާނު ކުރުމުގައިވެސް ހަރަކާތްތެރިވެ ލެއްވި ބޭކަލެކެވެ. ޚިތާނު މޫސުމުގައި މަނަދޫއަށް އަންނަ ޚިތާނުކުރާ އެދުރުންނާއެކު އަތްދަށު ބޭކަލެއްގެ ގޮތުގައި މުޙައްމަދުބެ ހަރަކާތްތެރިވެވަޑައިގެން އުޅުއްވައެވެ. އެކަމުން މަނަދޫގެ ގިނަ ރައްޔިތުންނަށް ވަރަށް ފަސޭހަވެސް ވެއެވެ. ސަބަބަކީ އެދުރުމީހާ ކިތަންމެ ބިޒީކޮށް އުޅުނަސް މުޙައްމަދުބެ އެދުރުބޭގެ ފަރާތުން ކޮންމެ ވަގުތަކުވެސް އެހީތެރިއެއްގެ ގޮތުގައި ހުންނަވާތީއެވެ. ކުދިން ރޮއި ބޮޑާހާކާ ހަދަން ފެށުމުން މުޙައްމަދުބެ ގެންނާނެއެވެ. އޭރުން އެކަންތައް އެކެނޑުނީއެވެ. ޚިތާނުގެ ކަންތައްތައް ނިމުމުން އެދުރުމީހާ ފުރައިގެން ދިޔަޔަސް ކުދިންގެ ހާލު އަހުވާލު ބަލާމީހެއްގެ ގޮތުގައި މުޙައްމަދުބެ ދެމިހުރެއެވެ. މުޙައްމަދުބެއަށް އިތުބާރު ކުރައްވާ ޚިތާނުކުރާ އެދުރުން މުޙައްމަދުބޭގެ އަތްމައްޗަށް ކުދިން ދޫކޮށްފައިދެއެވެ. މުޙައްމަދުބެ އެކަމުގައި އުޅެފައިވަނީ ކަމަށްކަމޭހިތައިގެން މީހުންގެ ހުރުން ލިބޭފަދަ މުރާލިކަމާއެކުގައެވެ.
މުޙައްމަދުބޭގެ ދެފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ޚާލިދު މުޙައްމަދު، އިބްރާހީމް މުޙައްމަދު ، ނާހިދާ މުޙައްމަދު އަދި މަރިޔަމް މުޙައްމަދެވެ. މީގެ ތެރެއިން ނާހިދާ މުޙައްމަދަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ދިވެހި މުދައްރިސެކެވެ. އެއީ ދިވެހިބަހުން ޑިގްރީ ހާސިލުކުރައްވާފައިވާ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. އަދި އެހާމެ މޮޅު ވާހަކަ ލިޔުންތެރިއެކެވެ. މުޙައްމަދުބެއަކީ ޚިތާނުކުރާ އެދުރެއް ނޫނެވެ. އެކަމަކު މިހާރު މުޙައްމަދުބޭގެ ދަރިއަކު އެކަން އެބަހުރެއެވެ. އެއީ މުޙައްމަދުބޭގެ ދޮށީ ދަރިފުޅު ޚާލިދު މުޙައްމަދެވެ. ޚާލިދަކީ ސަރުކާރު ޤަބޫލުކުރާ ފާސް އޮންނަ އެދުރެކެވެ. މުޙައްމަދުބޭގެ ދަރިންގެ ތެރެއިން އިބްރާހިމް މުޙައްމަދަކީ މަނަދޫގައި ވިޔަފާރިކުރާ ބޭކަލެކެވެ.
މުޙައްމަދުބޭގެ ދަރިންނާއި ކާފަދަރިންގެ އިތުރުން މުނިކާފަ ދަރިންވެސް އެބަތިއްބެވެ. މިއަދު މުޙައްމަދުބޭގެ އެންމެ ބޮޑު އުފަލަކީ އެދަރިންނެވެ. އެދަރިންގެ މެދުގައި އޮންނަ އާއިލީ ލޭގެ ގާތް ގުޅުމެވެ. މުޙައްމަދުބެއަށް ފުރިހަމަ ޞިއްޙަތެއް ދެއްވާ، އާއިލާއަށާއި މުޙައްމަދުބެއަށް ބާއްޖަވެރިކަން މިންވަރުކުރައްވާށިއެވެ.
Tuesday, November 18, 2008
ފުރާވަރުގެ އުމުރުގައި ތޮޅުން
ޢަބްދުﷲ ސަޢީދު
އެއް ކުއްޖަކު އަނެއްކުއްޖަކާ ތޮޅުމަކީ އަޅުގަނޑުމެންގެ
މުޖުތަމަޢުގައި ކިހާވަރެއްގެ ސީރިއަސް މައްސަލައަކަށް ދެކޭ ކަމެއްބާ؟ ކޮންމެ ގޮތަކަށް މުޖުތަމަޢުން ދެކުނަށް މިއީ
އަޅާނުލައި ތިބެވޭ ވަރަށްވުރެ ބޮޑު މައްސަލައެއް. ތޮޅުން، މިބަސް ބޭނުންކުރެވެނީ
ވަރަށް ފުޅާ މާނައެއްގަ. ރާއްޖޭގެ ސްކޫލްތަކުގައި ފުރާވަރުގެ ކުދިންގެ މެދުގައި މި
ނުބައި ޢަމަލުވަނީ ވަކި ހިއްޕާލާފަ. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް
ދަނީ ފެންނަމުން. ތޮޅުމަކީ ކޮބައިކަމާއި ތޮޅުމުން ލިބޭ ގެއްލުންތަކާއި އެކަންކަން
ރަނގަޅުކުރެވޭނެ ގޮތްތާއި އެކަންތައްތައް ދެނެގަންނާނެ ގޮތްތައް ބެލެނިވެރިންނާއި
މުދައްރިސުން މިއަދު މިވަނީ ދަސްކޮށްދީ އޮޅުންފިލުވައިދޭން ޖެހިފަ. އަދި
އެކަމަށްޓަކައި މުޖުތަމަޢުގެ ހޭލުންތެރިކަން މިވަނީ އިތުރުކުރަން ޖެހިފަ.
ތޮޅުމޭ ބުނެވޭ ބަހުގެ މާނައަކީ ކުއްޖަކަށް
އެކުއްޖާއަށްވުރެ ގަދަފަދަ ކުއްޖެއް ނުވަތަ ކުދިންތަކެއް ޖިސްމާނީގޮތުންނާއި
ނަފުސާނީ ގޮތުން އަނިޔާ ކުރުން. ތޮޅުމުގެ ގޮތުން ކުރާ ކަންތައްތަކުގެ ތެރޭގައި
މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި ޖެއްސުންކުރުމާއި އުނދަގޫކުރުމާއި
ހަގީގަތެއްނެތް ވާހަކަ ދެއްކުމާއި ކުއްޖާގެ ތަކެއްޗަށް ގެއްލުންދީ ކުއްޖާ އެކަހެރި
ކުރުމަށް ކުރާ މަސައްކަތް ހިމެނޭ.
އަޅުގަނޑުމެންގެ ތެރޭގައި ކުދިންނާ، ކުދިން ތޮޅޭ
ވާހަކައަކީ އިވެމުންދާ އަޑެއް. އެކަމަކު އަބަދުވެސް ތިމާގެ ދަރި ތިމާއަށް އޮންނަނީ
ދޮންފުތު ވެފަ. ނަތީޖާއަކީ އެއްވެސް މީހަކު އެމީހާގެ ދަރިފުޅަކީ އެހެންކުދިންނާ
ތޮޅޭ ކުއްޖެއްކަމަށް ނުވަތަ ތޮޅެފާނެ ކުއްޖެއްކަމަށް އެއްބަސް ނުވުން. އެކަން
ޤަބޫލު ނުކުރެވުން. ޓީޗަރުން އެކަން ފާހަގަ ކުރިއަސް ބެލެނިވެރިން އެކަން ޤަބޫލެއް
ނުކުރޭ. ބެލެނިވެރިއަކަށް އެކަން ފާހަގަ ކުރެވިގެން އެހެން ބެލެނިވެރިއެއްގެ
ކައިރީގައި އެ ޝަކުވާ ކުރިއަސް އެކަމެއް އެ ބެލެނިވެރިޔާއަކަށް ބަލައެއް ނުގަނެވޭ.
ތޮޅުމުގެ ސަބަބުން އެކިކުދިންނަށް ކުރާ އަސަރުތައް
ތަފާތު. މި ދެންނެވި އަސަރުތައް ބިނާވެފައި އޮންނަނީ ކުދިންނާ ތޮޅެވޭ ގޮތާއި
ތޮޅެވޭތާވީ ދުވަހާއި އެކުއްޖާގެ މިޒާޖު ހުންނަގޮތަށް. ތޮޅުމުގެ ޝިކާރައަކަށް
ވެފައިވާ ކުއްޖެއްގެ ކިބައިން ފެންނާނެ އަލާމާތްތަކަކީ ކިޔެވުންމަތިން ފޫހިވުން،
ބިރުގަތުން، އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުޑަވުން، އެހެން ކުދިންނާ
އެކަހެރިވުން، ހާސްވެ ކަންބޮޑުވުން، އަދި ފަރުވާ ކުޑަވުން ކަހަލަ ކަންތައްތައް.
ފުރާވަރު ޢުމުރުގެ ކުދިންގެ ސްކޫލްތަކުގައި ނުވަތަ ކުދިން
އެއްވެ އުޅޭ މާހައުލެއްގައި ތަޅާފޮޅުމާއި ތޮޅުމުގެ އަމަލުތައް ހިންގުމަކީ އެ
ކަމުގެ ސަބަބުން ސީދާގޮތުން އަނިޔާ ލިބޭ ކުދިންގެ އިތުރުން އެހެން ކުދިންނަށްވެސް
ގެއްލުންތަކެއް ލިބޭ ކަމެއް. ކުދިންގެ ކުރިމަތީގައި އަނިޔާވެރި އަމަލުތައް ހިންގާނަމަ
އެކުދިންނަށް އެކަމުން އަސަރުތަކެއްކުރޭ. އެފަދަ ކުދިންނަށް ތޮޅެވޭ ކުއްޖަކަށް
ލިބޭ އަނިޔާއާ އެއްވަރުގެ އަނިޔާތަކެއް ނުލިބުނު ނަމަވެސް ނަފުސާނީގޮތުން ލިބޭ
އަނިޔާތައް ކުޑައެއްނޫން. ބިރުގަތުމާއި، އެކަންކަމާމެދު ވިސްނާ ފިކުރު ކުރެވެން
ފެށުމުގެ ނަތީޖާއަކީ ނަފުސާނީ ގޮތުން އެކުއްޖާވެސް ބަލިކަށިވުން.
މައިންބަފައިންނަކީ އެގިގެންވެސް އަދި ނޭނގި
ނަމަވެސް އެމީހުންގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް އަދި ގެއްލުމެއް ލިބުމަށް
އެދޭނެ ބައެއްނޫން. ހަމައެފަދައިން
އެމީހެއްގެ ދަރިއެއްގެ ފަރާތުން އެހެން މީހެއްގެ ކުއްޖަކަށް އެއްވެސް
އަނިޔާއެއް ލިބުމަށް އެދޭނެ ބައެއްވެސްނޫން. އާންމު ގޮތެއްގައި ކުދިންނާ ތޮޅެ
ހަދަމުންދާ ކުދިންނަކީ ކޮންކަހަލަ ކުދިންނެއްބާ؟ އެކުދިން ފާހަގަކޮށް ދެނެގަންނާނީ
ކިހިނެއްބާ؟
އަނިޔާ ލިބޭ ގިނަ ކުދިންނަނީ ޖިސްމާނީ ގޮތުން
ނިކަމެތި ކުދިންނަށްވާ ފަދައިން ތޮޅޭ ގިނަ ކުދިންނަކީ ޖިސްމާނީ ގޮތުން ވަރުގަދަ
ކުދިން. މިފަދަ ކުދިންގެ ފަރާތުން ފެންނާނެ އަލާމާތްތަކަކީ ރުންކުރުވުމާއި
އަވަހަށް ރުޅިއައުން، ހިތްހަމަ ނުޖެހޭ ކަންތައްތަކުގައި ތަހަންމަލު ކުރާނެ
ހިތްވަރު ނުހުރުން. އެހެން ކުދިންގެ މައްޗަށް ވެރިވެގަތުމުގެ ޝައުޤުވެރިކަންކުރުން.
ކިޔެވުމަށް ދަށްވުން، ހެދިފައިވާ ޤަވާޢިދުތަކަށް ރުހުމަތްތެރިކޮށް ނުހިތުން އަދި ސާފުތާހިރުކަން
ކުޑަވުމާއި ބަސްމަގު ހުތުރުވުން. ޖިސްމާނީ ގޮތުން ވަރުގަދަ ކޮންމެ ކުއްޖަކީ އަދި
ކިޔެވުމަށް ދަށް ކޮންމެ ކުއްޖަކީ ކުދިންނާ ތޮޅޭ ކުދިންނެއްނޫން. އެހެންނަމަވެސް
ކުރިން ދެންނެވި ސިފަތަކަކީ ކުދިންނާ ތޮޅޭ ކުދިންގެ ކިބައިގައި ހުންނަ ސިފަތައް
ކަމަށް ދިރާސާތަކުން ފާހަގަ ކުރެވިފައިވާ ސިފަތައް.
ތޮޅޭކުދިން ތޮޅޭ ކުދިންނަށްވަނީ ބެލެނިވެރިންގެ
ސަބަބުން ނުވަތަ އެކުދިން ބެލެހެއްޓުމާ ޙަވާލުވެފައިވާ ބެލެނިވެރިންގެ ސަބަބުން
ކަމާމެދު އެއްވެސް ޝައްކެއްނެތް. ބެލެނިވެރިންގެ އިހުމާލު މި މައްސަލައިގައި
ވަރަށް ބޮޑަށް ފާހަގަ ކުރެވޭ. ކުދިން ތަރުބިއްޔަތު ކުރުމުގެ ފުރިހަމަ ޒިންމާ
ނޫފުލުމާއި ތަރުބިއްޔަތު ކުރާނެ ރަނގަޅުގޮތް ނޭނގުމާއި ކުއްޖާއަށް އަންނަމުންދާ
ބަދަލުތައް ވަޒަން ކުރަން ނޭނގި ފިޔަވަޅު އެޅުމަކީ ކުއްޖާއަށް އެކަމުން ނޭދެވޭ
އަސަރުތަކެއް ކުރާކަމެއް. ތޮޅުމަކީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްކަމަށް
ދެކިގެން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅު އަޅަން ނޭނގުމަކީ މި މައްސަލަ
ފެތުރެމުންދާން ދިމާވާ މައިގަނޑު ސަބަބު. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި
ދަރިންނާމެދު މާހަރުކަށިކޮށް ކަންތައްތައް ކުރުމާއި ދަރިންނަށް މާބޮޑަށް
މިނިވަންކަންދީ ދޫކޮށްލުމަކީވެސް ތޮޅޭ ކުދިންނަށް ބަދަލުވެގެންދާ ސަބަބެއް.
އެހެންކަމުން ބެލެނިވެރިންނަށް ކުއްޖާ އެމީހުންގެ ބެލެނިވެރިކަމުގެ ދަށުގައި
ބަހައްޓަންވީ ހިސާބު ވަރަށް ރަނގަޅަށް އެގެން އެބަޖެހޭ. ކޮންމެ ކުއްޖަކީވެސް
ބެލެހެއްޓޭ ކުއްޖަކަށް ވާންއެބަޖެހޭ.
ސްކޫލްތަކަކީ ތަޅާފޮޅުންނެތް، އަދި ކިޔަވާ ކުދިންނަށް
އެއްވެސް ނުތަނަވަސްކަމެއް އަދި ބިރުވެރިކަމެއްނެތް މާހައުލަކަށް ވުމަކީ
އެންމެންގެވެސް އެންމެ ބޮޑުއެދުން. އެފަދަ
މާހައުލެއް ނެތި ކުދިންގެ ނަތީޖާ އެންމެ ރަނގަޅަކަށް ފެންނަމަކުން ނުދާނެ. ސްކޫލް
ތަކުގައި އުފެދިފައިވާ ބިރުވެރި މާހައުލު ނައްތާލެވޭނީ ބެލެނިވެރިންނާއި ޓީޗަރުން
ގުޅިގެން. އަދި މިކަމަކީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްކަން އެންމެންނަށްވެސް
އެގިގެން. ތޮޅުމަކީ އެކުއްޖާއަށް ލިބޭ ޖިސްމާނީ އަދި ނަފުސާނީ ގެއްލުންތަކުގެ
ސަބަބުން އަމިއްލައަށް ކުދިން މަރުވަން ދިމާވާ ސަބަބެއް ކަމަށް ދިރާސާތަކުން
ދައްކާ.
ދެވަނަ ރިޕޯޓް
ރާއްޖޭގެ ސްކޫލްތަކުގައި އެއް ކުއްޖަކު އަނެއް
ކުއްޖަކާ ތޮޅުމަކީ އަށަގެންފައިވާ ވަރަށް ނުރައްކާތެރި ކަމެއް. އެކި
ސްކޫލްތަކުގައި އެކަންތައްތައް އެކިވަރަށް އޮތްކަމަށްވިޔަސް އެކަމަކީ އޭރެއްގެ
މުޖްތަމަޢަށް އަންނަ ބަދަލުތަކާއެކު ބަދަލުވަމުން ދާނެކަމެއް.
ތިޔަ ބެލެނިވެރިޔާ ގެ ބެލުމުގެ ދަށުގައިވާ ކުއްޖަކީ
ތޮޅޭ ކުއްޖެއްނަމަ ހަދާނީ ކިހިނެއްތޯ؟ ސްކޫލުގައި ތިޔަ ބެލެނިވެރިޔާގެ ދަރިފުޅާ ކުއްޖަކު
ތޮޅޭނަމަ ތިޔަ ބެލެނިވެރިޔާ ކަންތައްތައް ކުރައްވާނީ ކިހިނެއްތޯ؟ ތިޔަ ދަރިވަރަކީ
ތޮޅުމުގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްނަމަ އެކަމުން ސަލާމަތް ވުމަށް އަޅާނީ
ކޮންކަހަލަ ފިޔަވަޅުތަކެއްތޯ؟ މިއީ ކޮންމެ ބެލެނިވެރިއަކާ ދަރިވަރަކުވެސް ޖަވާބު
ހޯދަން ބޭނުންވާނެ ސުވާލުތަކެއްކަން ޔަގީން.
ބެލެނިވެރިޔާއަށް އޭނާގެ ބެލެނިވެރިކަމުގެ ދަށުގައި
ހުރި ކުއްޖެއްގެ ސަބަބުން އެހެން ކުއްޖަކަށް އަނިޔާއެއް ލިބޭކަމުގެ މަޢުލޫމާތެއް
ފުރަތަމަ ލިބޭ ދުވަހަކީ ކުއްލި ހައިރާންކަމެއް ލިބޭނެ ދުވަހެއް. ދަރިފުޅާމެދު
އުންމީދު ކުރަމުން އައި ގޮތާ ޚިލާފަށް ކަންތައްތަކެއް ވަމުންދާކަމުގެ އިހުސާސް
އެދުވަހު ކުރެވޭނެ. އެހެންކަމުން އެދުވަހު އެންމެ ރަނގަޅު ގޮތަކީ އަމިއްލަ
ނަފުސަށް ބާރު ފޯރުވުމާއެކު ދަރިފުޅާ ވާހަކަ ދެއްކުން. އެއްވެސް ހާލެއްގައި އެކަމާ
ގުޅިގެން އެއްވެސް ހަރުކަށި އަބަދެއް ދިނުމަކީ އެކަމަށް އޮތް ހައްލެއްނޫން.
ކުއްޖަކު އެހެން ކުއްޖަކާ ތޮޅެއްޖެހޭ ކޮންމެވެސް
ސަބަބެއް އޮވެދާނެ. އެކަމެއް ދެނެގަންނަންޖެހޭނެ. ބައެއް ފަހަރު ތޮޅޭ ކުއްޖަކަށް
ކުއްޖާ ބަދަލުވަނީ އެހެން ކުދިން އެކުއްޖާއާވެސް ތޮޅޭތީ ކަމަށްވެދާނެ. ތޮޅޭ
ކުއްޖަކާ ވާހަކަ ދައްކާ އެކަންތައްތައް ހައްލު ކުރުމުގައި ތަކުރާރު ކުރުމާއި
ޓީޗަރުންގެ އެހީތެރިކަމާއި މަދަދު ހޯދުން ބުއްދިވެރި. އަދި ގިނަ ކުދިންތަކެއް
ގުޅިގެން އެބާވަތުގެ އަމަލު ހިންގާކަމަށް ފާހަގަ ކުރެވޭނަމަ އެހެން ކުދިންގެ
ބެލެނިވެރިންނާވެސް އެކަމުގައި މަޝްވަރާ ކޮށް ހެދުމަކީ މުހިންމުކަމެއް.
ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ދަރިފުޅު
ސްކޫލަށް ފޮނުވަނީ ވަރަށް ފޮނި އުންމީދެއްގަ. އަދި ވަރަށް ބޮޑަށް ސްކޫލަށް އިތުބާރުކޮށްފަ.
އެހެން ނަމަވެސް ސްކޫލުން ގެއަށް އަންނައިރު ބައެއް ކަހަލަ ކުދިކުދި ގޯނާތައް
ދަރިފުޅަށް ކުރިމަތިވެފައި ހުއްޓާ ފެނޭ. އެކަންތައްތަކާމެދު ސުވާލު ކުރުމުން
ދަރިފުޅު ދޭނީ ކުރު ޖަވާބެއް. ގިނަ ފަހަރަށް އެކަންތައްތައް ބެލެނިވެރިންނަށް
ބޮޑުކަމަކަށްނުވޭ. އެއީ ބޮޑުކަމަކަށް ހަދާ ބެލެނިވެރިންނަށް ވާގޮތަކީ އެކަމުގައި
މާމައްޗަށް އެކަންތައްތައް ކުއްލިއަކަށް ގެންދެވުން. އެހެންކަމުން ދަރިފުޅަށް ދިމާވެފައިވާ
ނުރައްކާތެރި މައްސަލައަށް ހައްލެއް ލިބުމުގެ ބަދަލުގައި އެ މައްސަލަ ގޯހުން
ގޯހަށް ދިއުމުގެ ފުރުސަތު ބޮޑުވޭ.
ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުއްޖާއަށް
އެހެންކުދިން ތޮޅޭކަން އެގިއްޖެނަމަ އެކަމަކީ އަޅާނުލާ ދޫކޮށްލައިގެން ވާނެ
ކަމެއްނޫން. ފުރަތަމަ ކަމަކީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުއްޖާއަށް ނުވަތަ
ދަރިފުޅާ ވާހަކަ ދައްކައިގެން ނަފުސާނީ ގޮތުން ލިބިފައިވާ ނުތަނަވަސްކަމަށް
ލުއިކަމެއް ހޯދައިދިނުން. މިގޮތުން ދަރިފުޅާ އެހެން ކުއްޖަކު ތޮޅެން
ނުޖެހޭނެކަމާއި ތޮޅެންޖެހޭ ސަބަބެއް ނެތްކަން ވިސްނައިދިނުން ހިމެނޭ. އަދި
ޓީޗަރުންނަށާއި ސްޕަވައިޒަރުންނަށް އެކަން އެންގުމަށް އަވަސްވުމަކީ މުހިންމު
ކަމެއް. އެއްވެސް ހާލެއްގައި ތޮޅޭ ކުއްޖާއާ ސީދާ ކުރިމަތި ލުމަކީ ނުވަތަ ތޮޅޭ
ކުއްޖާގެ ބެލެނިވެރިންނާ ވާހަކަ ދެއްކުމަކީ އެއްވެސް ހާލެއްގައި ރަނގަޅު
ގޮތެއްނޫން. އަބަދުވެސް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަންވާނީ ސްކޫލުގެ
ތެރެއިން. މަސްލަހަތު އޮވެފަ، އެކަން އެންމެ އަވަހަށް އަދި އެންމެ ރަނގަޅަށް
ހައްލު ކުރެވޭނީ އެގޮތުން.
ދަރިފުޅާ ކުދިން ތޮޅޭނަމަ އެކަން މޮނީޓަރ ކުރުމަކީ
ބެލެނިވެރިންނާއި ބައިންބަފައިން ކުރަންޖެހޭ ކަމެއް. ދަރިފުޅު ސްކޫލަށް ގެންގޮސް
ގެނައުމުގައި ފަރުވާތެރިވުމާއި ގަޑިއަށް ސަމާލުކަން ދިނުމަކީ މުހިންމުކަމެއް. އަދި
ހަމަ އެއާއެކު ކޮންމެ ދުވަހަކުވެސް ސްކޫލުގައި ކަންތައްތައް ހިނގާދިޔަގޮތްތައް
އޮޅުންފިލުވާ ދަރިފުޅުގެ ކަންބޮޑުވުން ކުޑަކޮށް އަބަދުވެސް ބެލެނިވެރިޔާ ނުވަތަ
މައިންބަފައިން ތިބެނީ ދަރިފުޅާއެކުގައިކަން އަމަލާއި ބަހުން ދައްކައިދިނުމަކީ
ކުރަންޖެހޭކަމެއް. މި މައްސަލައަށް ވަމުންދާގޮތް އަދި ބެލެނިވެރިޔާއަށް ފެންނަގޮތާއި
ލަފާ ކްލާސް ޓީޗަރަށް އަންގަމުން ދިއުމަކީ ވަރަށް މުހިންމުކަމެއް. އަދި އެފަދަ
ކަމެއްގެ ސަބަބުން އެއްވެސް ގެއްލުމެއް ދަރިފުޅަށް ލިބިފައިވާކަން ފާހަގަ
ކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަންނީ ބޭފުޅަކަށް ނުވަތަ ޑޮކްޓަރަކަށް ނުވަތަ
ސައިކޭޓްރިސްޓަކަށް ދެއްކުމަކީ މުހިންމުކަމެއް.
ތޮޅޭ ކުދިންގެ ޝިކާރައަކަށްވާ ކުދިން
ޢަމަލުކުރަންވީ ގޮތްތައް މި ޒަމާނުގައި ކިޔަވާ ކުދިންނަށް އެގެންޖެހޭ. ފުރާވަރުގެ
ކުދިންނަށް އެކަންކަން ދަސްކޮށްދޭންޖެހޭ. އެއްވެސް ސިފައެއްގައި އެހެން މީހެއްގެ
ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއް ކުރިމަތިވާނަމަ އެކަން ފާޅުކުރުމުގެ ހިތްވަރު ކުދިންގެ
ކިބައިގައި އަށަގަންނުވަންޖެހޭ. ލިބޭ އަނިޔާތައް ސިއްރު ނުކޮށް ފާޅުކޮށް ތިމާއަށް
އިތުބާރުކުރެވޭ މީހުންގެ ކައިރީގައި ކިޔައިދިނުމަކީ މި މައްސަލަ ހައްލު ކުރުމަށް
ފުރަތަމަ އަޅަންޖެހޭ ފިޔަވަޅު.
ތިޔަ ދަރިވަރާ އެހެން ދަރިވަރަކު ތޮޅޭނަމަ އެއްވެސް
ހާލެއްގައި އެކަމުގެ ޒިންމާ އަމިއްލަ ނަފުސަށް އުފުލައިގެން ނުވާނެ. ކުއްޖަކު
ތޮޅޭނަމަ ނުވަތަ ތޮޅެން އުޅޭނަމަ އެކުއްޖަކާ ކެރިގެން ވާހަކަ ދެއްކުމަކީ
މުހިންމުކަމެއް. އެފަދަ ކުއްޖަކާ ވާހަކަ ދައްކަންވާނީ ހަތަރުކަޅި ހަމަކޮށް، މޫނަށް
ބަލަހައްޓައިގެންހުރެ . އެފަދަ ކުއްޖެއްގެ ކުރިމަތީގައި އިސްޖަހާ ކުޑަ ނުވެގެން
ނުވާނެ. އުޅޭ އުޅުމާއި ކުރާކަންތައްތަކުގައި ފުރިހަމަ އިތުބާރާއި ޔަގީންކަން
އޮތްކަން ދައްކަންވާނެ. އެހެން ކުދިންނާ ގިނައިން ވާހަކަ ދައްކާ ގިނަ
ރަޙުމަތްތެރިން ހޯދާ ރަހުމަތްތެރިކަން ބަދަހިކުރަންވާނެ. ގިނަ ރަޙުމަތްތެރިން
ތިބުމަކީ ތޮޅޭ ކުދިން ތޮޅުމަށް ޖެހިލުންވާ ސަބަބެއް. ސްކޫލުގެ އިތުރު
ހަރަކާތްތަކުގައި ބައިވެރިވެ ހަރަކާތްތެރި ދަރިވަރެއްގެ ގޮތުގައި އުޅުމަކީވެސް
އަމިއްލަ ނަފުސަށް ކުރެވޭ އިތުރުބާރު ބޮޑުވެ ނަފުސާނީ ގޮތުން ހަމަޖެހިލުމަށް ލިބޭ
ފުރުސަތަކަށްވާނެ. ތިމާގެ ކުރިމަތީގައި އެހެން ކުދިންނާ ތޮޅޭނަމަ އެކުއްޖާއާ
ވާހަކަ ދައްކާ ހިތްވަރުދޭންވާނެ. އަދި އެކަން ޓީޗަރަށް ނުވަތަ އެކުއްޖާގެ
ބެލެނިވެރިންނަށް އަވަހަށް އަންގަންވާނެ. އެއްވެސް ހާލެއްގައި ތޮޅޭ ކުދިންނާ
ބައިވެރިވެގެން ނުވާނެ. ތޮޅުމުގައި ބައިވެރިވުމަށް މަޖުބޫރުކޮށް ބިރު ދެއްކިއަސް
ބުނާ ބަހުގައި ހިފަހައްޓާ ހަރުދަނާކަންމަތީ ސާބިތުވެ ހުންނަންވާނެ.
ތޮޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް ބަލައިގެން
ސްކޫލުތަކުގެ ވެށި އަބަދުވެސް ރަނގަޅަށް ސުޕަވައިޒު ކުރާނެ ސުޕަވައިޒަރުން
ތިބެންޖެހޭ. ތޮޅުން ހުއްޓުވޭނީ އެކަން ބައްލަވާ، ފިޔަވަޅު އަޅުއްވާ، އަދި އެކަން
ބެލެނިވެރިނަން އެންގަވާ ހެއްދެވުމުން. އެއް އުމުރު ފުރައެއްގެ ކުދިންތަކެއްގެ
މެދުގައި ނިކުންނާނެ މައްސަލަތައް ދުރާލާ އެގުމާއި އެކަންކަމުގެ ނުރައްކާތެރިކަން
ސީރިއަސް ކަމެއްގެ ގޮތުގައި ނެގުމަކީ ވަރަށް މުހިންމުކަމެއް. ކޮންމެ ސްކޫލަކީވެސް
ރައްކާތެރި، ކިޔަވާ ކުދިން ހިތްހަމަޖެހޭ އަދި ބެލެނިވެރިން އިތުބާރުކުރާ
މާހައުލަކަށް ހެދޭނީ އެންމެންގެ އެއްބާރުލުން ލިބިގެން. ކޮންމެ ބަޔަކުވެސް
އެބައެއްގެ ޒިންމާއާއި މަސްޢޫލިއްޔަތު ފުރިހަމައަށް އުފުލައިގެން.
Monday, November 3, 2008
Tuesday, October 28, 2008
މިއަދުވެސް މިއައީ ވޯޓު ލާފައެވެ.

އަޅުގަނޑު އާދައިގެމަތިން މިއަދުވެސް ވަރަށް އަވަހަށް ވޯޓުލައި ނިންމާލަން ބޭނުންވިއެވެ. އެހެން ނަމަވެސް ވޯޓުލާން ދެވޭވަރުވީ 11:15 ގައެވެ. ވޯޓުލާން ދިޔައީ އަޅުގަނޑުގެ އަންހެނުންނާ އަޅުގަނޑާ ދެމީހުންނެވެ. މިއަދަކީ ވަރަށް މޫސުމް ރީތި ދުވަހަކެވެ. ވޯޓުލުމަށް އަމީނިއްޔާ ސްކޫލްގެ 4 ނަންބަރު ގޭޓުން އެތެރެއަށް ވަންއިރު ދޮރު މަތީގައި ދެބަރިއަށް ގޮޑި ޖަހާފައި ހުއްޓެވެ. ގޮޑިއެއްގައި އިށީންދެވޭ ވަރުވީ އިރުކޮޅަކު ކޮޅަށް ހުރެގެންނެވެ. އޭރު އެ ކިޔޫގައި މަނަދޫގެ ވަރަށް ގިނަ މީހުން ތިއްބެވެ. ގިނައިން ފާހަގަ ކުރެވުނީ ޒުވާނުންނެވެ. މާގިނަ ވާހަކައެއް ނުދައްކައެވެ. ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް ގޮވާލައެވެ. ތިބެނީ ވަރަށް ކިޔަމަންތެރިކަމާއެކުގައެވެ. ވޯޓުލުމަކީ ވަރަށް އަބުއި ކަމެއްކަމަށް އަޅުގަނޑަށް ހީވެއެވެ. އެހެން ރަށްރަށުގެ މީހުންވެސް ތިބުމާއެކު އެމީހުންގެ ޙައްޤުތަކަށްވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބަލަނީއޭ ހީވިއެވެ.
ގޮޑީގައި އިށީންދެގެން އެއްސަފު ނިންމާ އަނެއް ސަފަށް ބަދަލުވިތަނާ ގޮޑި ހިފައިގެން އެތެރެއަށް އަންނަން އޮފިޝަލަކު އަންގަވައިފިއެވެ. އެއީ އެތަނަށް އަވިއަރާތީއެވެ. ކިޔޫގައި އަޅުގަނޑު އިންއިރު އެހެން ކަމެއްވެސް ފާހަގަ ކުރެވުނެވެ. ދުވަސްވީ ގައިބާރު ދެރަ މުސްކުޅިން ކިޔޫގައި ތިއްބާ އޮފިޝަލުން ވަޑައިގެން އެބޭފުޅުން އެތެރެއަށް ވަކިން ގެންދަވާ ވޯޓުލުމުގެ ކަންތައްތައް ނިމިގެން ފޮނުއްވާލައްވާތީ ދެކުނީމެވެ. އަޅުގަނޑަށް އެކަންވީ ވަރަށް ހިތްގައިމު ކަމަކަށެވެ. އެކަމަކާ އެއްވެސް މީހަކު ޝަކުވާއެއްވެސް ނުކުރެއެވެ. ތަހުޒީބު މުޖުތަމަޢުތަކުން ފެންނަ ކަހަލަ މަންޒަރުތައް ފެނުމަކީ ކޮންމެ މީހަކުވެސް އުފާވާނެ ކަމެކެވެ.
ގޮޑިހިފައިގެން އެތެރެއަށް ވަންއިރު ކަމަކު ދާކަށް ނެތެވެ. އެއްގޮޑިއް އަނެއް ގޮޑިއަށް ބަދަލުވަމުން ކިޔޫގައި ދާއިރު ކިޔޫ ދަނީ ވަރަށް މަޖާ ގޮތަކަށެވެ. އަޅުގަނޑުމެން ފުރަތަމަ ތިބި ބަރި ނިންމާލާފައި ތިން ބަރިއަށް ގޮޑިހުރިއިރު އަނެއް ބަރީގައި ކިޔޫގައި ޖައްސަން ޖެހެނީ ހިނގާފައި ލާވަށާލާފައި އައިހެވެ. ތިންވަނަ ގޮޑިބަރިން ކުރިމަތީގައި ހުރި ގޮޑިބަރިއަށް ދެވެނީ ކިޔުގެ އަނެއް ކޮޅަށް ގޮސްގެންނެވެ. ބައެއް މީހުން އެކޮޅަށް ދާއިރު ގޮޑިއެއް ހުސްނުވެގެން ކޮޅަށްވެސް ހުންނަން ޖެހެއެވެ. އެންމެ ފަހު ގޮޑިބަރިއަށް ދިޔަތަނާ އޮފިޝަލުން އައިޑީކާޑު އަތުލައިފިއެވެ. ވޯޓާރސް ރަޖިސްޓްރީން އަޅުގަނޑުގެ ނަން ހޯދާ އަޅުގަނޑުގެ ނަންއޮތް ނަންބަރު ކިޔޫ ނަންބަރު ޖަހާފައިވާ ކަރުދާސްކޮޅެއްގައި ޖަހާފައި ދެއްވައިފިއެވެ. އަޅުގަނޑުގެ ކިޔޫ ނަންބަރަކީ 226 އެވެ. ވޯޓާރސް ރަޖިސްޓްރީގައި އަޅުގަނޑުގެ ނަން އޮތީ 55 ވަނައިގައެވެ.
ތިން ބޮޑިބަރި ފަހަނައަޅާ ވޯޓުލާ މޭޒަން ދާން ޖެހިއްޖެއެވެ. ކުރިން ބުނި ކަރުދާސްކޮޅު ދިއްކޮށްލުމުން ވަރަށް ފަސޭހައިން އަޅުގަނޑުގެ ނަން ހޯދާ ފެހި ކުލައިގެ ހައިލައިޓް މާކަރަކުން ކުލަ ޖައްސާ ޖެހިގެން ހުރި ގޮޑިއަށް ބަދަލުވުމަށް އެންގެވިއެވެ. އެގޮޑިއަށް ބަދަލުވުމުން އަޅުގަނޑުގެ ވާތުގެ ޝަހާދު އިނގިލި ޓިޝޫ ކޮޅަކުން ފޮހެލުމަށްފަހު ކުލަ ފުޅިއަށް އިނގިލި ޖަހާ ކުލަ ޖެއްސުމަށް އޮފިޝަލް އެންގެވިއެވެ. އޭރު އަދި ކުރީ ފަހަރު ވޯޓުލީ އިރު ޖެހި ކުލަ ނިޔަފަތިން ނުފިލައެވެ.
ކުލަ ފުޅިއަށް އިނގިލި ލުމުން ވޯޓު ކަރުދާސްކޮޅު އަތަށް ދެއްވައިފިއެވެ. އަދި ވޯޓް ބޫތު ކައިރިއަށް ދިއުމުގެ ކުރިން ފޯނު އޮތްތޯ ސުވާލު ކުރެއްވިއެވެ. އަޅުގަނޑުގެ އަތުގައި އޮތް ދެފޯނު ބާއްވާފައި އޮފިޝަލުން ދެއްވި ޓިޝޫ ކޮޅަކުން އިނގިލި ފޮހެމުން ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖެހުމަށް ބޫތަށް ވަދެފީމެވެ. ވޯޓުގައި ފާހަގަ ޖަހާ ބޫތުން އަޅުގަނޑަށް ކަމެއް ފާހަގަ ކުރެވުނެވެ. ކުރިން ހުރީ ކުރިމަތި އެއްކޮށް ފިލާ ޖަހާ ބަންދު ކޮށްފައެވެ. އެކަމަކު މިފަހަރު ހުރީ މެދާ ހިސާބުން އެމީހާގެ ބައެއް ފެންނަގޮތަށް ގޮޑިއެއް ކަނޑާފައެވެ. އެމީހާ ޖީބުން ފޯނެއް އެއްޗެއް ނަގާނަމަ އޮފިޝަލުންނަށް ފެންނާނެއެވެ.
ވޯޓު ކަރުދާސްކޮޅު ވޯޓިންގ ބޫތުގައި ބޭއްވުމަށްފަހު ބިސްމި ކިޔާ އަޅުގަނޑު ބޭނުންވާ ކެންޑިޑޭޓްގެ ނަމާ ދިމާފައި ފާހަގަ ޖަހައިފީމެވެ. އަޅުގަނޑު އަޅުގަނޑުގެ ޙައްޤު އަމާނާތްތެރިކަމާއެކު އަދާކޮށްފީމެވެ. ޤައުމީ މި މަތިވެރި ޒިންމާ އަދާކުރުމުގެ ހިތްހަމަ ޖެހުން ލިބިއްޖެއެވެ. ވޯޓުލައި ނިމިގެން އަޅުގަނޑު ބޭރަށް ނިކުމެ ގަޑި ބަލާލީމެވެ. އޭރު 12:15 އެވެ. އެހެންވީމާ ވޯޓުލުމުގެ ކިޔުގައި އަޅުގަނޑަށް ހޭދަކުރެވުނީ ބަރާބަރު 1 ގަޑިއިރެވެ. އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑު ނިންމި ނިންމުން ވާނީ ވަޠަން އެދޭ ގޮތްކަމަށެވެ.
Thursday, October 23, 2008
ދަރިވަރުންގެ އަޚްލާޤު
ލިޔުނީ: ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖެއަށް ވޭތުވެދިޔަ ދެތިން އަހަރެއްގެ
ތެރޭގައި އިޖުތިމާޢީ ބޮޑެތި ބަދަލުތަކެއްވަނީ އައިސްފަ. މީހުންގެ އުޅުމާއި
ގުޅުމަށް އަދި އެކިއެކި ކަންކަމުގެ ވައްޓަފާޅިއަށާއި މީހުންގެ
ހޭލުންތެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއްވަނީ އައިސްފަ. މީޑިއާގެ މިނިވަންކަމާއި މި
ނޫނަސް އަލަށް ތަޢާރަފުވެ ބޭނުންހިފަމުންދިޔަ އަސާސީ ޙައްޤުތަކާއެކު ކުރިން ނީވޭ
އެތައް އަޑުތަކަކާއި މަންޒަރުތަކެއް ވަނީ ފެނިގެންގޮސްފަ. ދިވެހި މުޖުތަމަޢަށް މި
އައި ބަލާއެކު ކިޔަވާކުދިން ނުވަތަ ދަރިވަރުންގެ އަޚްލާޤާއި ސުލޫކަށްވެސް ވަނީ ބޮޑެތި
ބަދަލުތަކެއް އައިސްފަ.
ސްކޫލު ކުދިންގެ އަޚްލާޤާއި ސުލޫކު އެއްދުވަހުން
އަނެއް ދުވަހަށް ދަށަށްދާ ޝަކުވާގެ އަޑަކީ އަބަދުވެސް އިވެމުންދާ އަޑެއް. އެކި
ދުވަސްވަރަށް އެއަޑު ގަދަވެ، މަޑުވިޔަސް އެއަޑަކީ ރާއްޖޭގައި ސްކޫލުތައް އުފައްދާ
ހިންގަން ފެށުނިއްސުރެވެސް އިވެމުންދާ އަޑެއް. މިގޮތަށް މި އަޑު އިވެނީ
ކީއްގެންބާ؟ ޒަމާނާ، ޙާލަތާ، މުޖުތަމަޢަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކުދިން
ބައްޓަންވަމުން ދާއިރު، އެކަން ޤަބޫލު ކުރެވެނީބާ؟ ނޫނީ ކުރީގެ އާދަކާދައާ
ސަޤާފަތު އަޅުގަނޑުމެންނަށް ދިފާޢު ކުރެވެނީބާ؟ އެހެން ނޫނީ ކިޔަވާ ކުއްޖެއްގެ
ސުލޫކީ މިންގަނޑުތައް މުޖުތަމަޢުގެ އަފުރާދުން ޤަބޫލުކުރާ ފެންވަރަށް ނުހިފެހެއްޓެނީބާ؟
ޒަމާނަށް އަންނަ ބަދަލުތަކުގެ އޮއިވަރުގައި އެންމެ ފުރަތަމަ ޖެހިގެންދާ ބަޔަކީ
ދަރިވަރުންނަށް ވަނީބާ؟
ސްކޫލް ކުދިންގެ އަޚްލާޤާއި ސުލޫކު މިހާރު ހުރި
ފެންވަރު ބަލާލުމަކީ މާބޮޑު ދަތިކަމެއްނޫން. ސްކޫލުތަކުގެ ކިޔެވުން ފެށޭ ގަޑިތަކުގަޔާއި
ނިމޭ ގަޑިތަކުގައި ދަރިވަރުން އުޅޭ ގޮތްތަކުން އެކަނިވެސް ސްކޫލުގެ ދަރިވަރުންގެ
އުޅުމާއި އަޚްލާޤަށް އައިސްފައިވާ ނުވަތަ އަންނަމުންދާ ބަދަލުތައް ފެންނަމުންދާނެ.
ބައެއް ސްކޫލުތަކުގެ ކިޔެވުން ނިމޭ ގަޑިތަކަކީ މާރާމާރީއާ ހަމަނުޖެހުންތައްވެސް
ހިނގާ ގަޑިތަކަކށް އޮންނަނީވެފަ. ބައެއް ސްކޫލުތަކުގައި ދަރިވަރުންގެ
މައްސަލަތަކުގެ ތެރެއަށް ބެލެނިވެރިންވަދެ، ބެލެނިވެރިންގެ މެދުގައިވެސް ޒުވާބު
ކުރުމާއި މާރާމާރީ ހިންގާފައި އެބަހުރި.
ސްކޫލްތަކުން ދަރިވަރުން ނިމޭ ގަޑީގައި މަގުމަތީގެ
ޤަވާޢިދުތަކަށް އެއްވެސް ހުރުމަތެއްނެތި ކުދިން އުޅޭ މަންޒަރަކީވެސް އާންމު
މަންޒަރެއް. ހަމަ އެގޮތަށް ސްކޫލުގެ ހަތަރު ފާރުން ބޭރަށް ނިކުމެވުމުން، ބައެއް
ކުދިންނަށް އެކުދިންނަކީ ސްކޫލު ކުދިންކަންވެސް އޮންނަނީ ހަނދާން ނެތިފަ. ސްކޫލު
ޔުނީފޯމް އެޅުމުގެ ޤަވާޢިދަށް އެއްވެސް ބެލުމެއްނެތި ބައެއް ކުދިން އުޅެމުން ގެންދޭ. ބައެއް ފިރިހެން
ކުދިން ގަމީސް ދަށުން ނައްޓާލާގޮތަށް، ބައެއް އަންހެނުން ކުދިން ޔުނީފޯމްގެ ބަންދު
ނައްޓާލާ ނޫނީ ދޫ ކޮށްލައިގެން މަގުމަތީގައި އުޅޭތީ ފެނޭ.
ސްކޫލް ދަރިވަރުންގެ އަޚްލާޤާއި ސުލޫކު
ހުރިނެތްގޮތް ދައްކުވައިދޭ އެއްތަނަކީ ސްކޫލުތަކުގެ ފާޚާނާތައް. ބައެއް
ސްކޫލުތަކުގެ ފާޚާނާ ތަކެކޭ ބްލެކް ބޯޑް ތަކެކޭ އެއްވެސް ތަފާތެއް ނެތް. ފާޚާނާ ތަކުގައި ކުރަހާ ލިޔެ ހަދާފައި
ހުންނައިރު ގިނައިން ލިޔެފައި ހުންނަނީ ހަޑިހުތުރު އެއްޗެތި . މިފަދަ ދަށު
ދަރަޖައިގެ ލިޔުންތަކާއި ކުރެހުންތަކާއި އިބާރާތްތައް ސްކޫލުގެ ޑެސްކް
ތަކުގައިވެސް ލިޔެފައި ހުރޭ. މިކަންތައްތައް ކުރާ ކުދިންނަށް އެކުރެވެނީ ކިހާ
ވަރެއްގެ ކަމެއްކަން ނޭނގެނީބާ؟ ނޫނީ އެކަންތައްތައް ކުރަމުންދަނީ ކީއްވެގެންބާ؟
އެކަންކަން އެތައް ދުވަހެއްވީއިރުވެސް ނުހުއްޓުވިފައިވަނީ ކީއްވެގެންބާ؟
ސްކޫލުގެ ދަރިވަރުން ސްކޫލުގެ ފަރުނީޗަރަށާއި
ތަކެއްޗަށް ގެއްލުން ދެމުން ދިއުމަކީވެސް ކުރަމުންދާކަމެއް. ސްކޫލުގައި ހުންނަ
ފަންކާ އާއި ހޮޅިބުރި ފަދަ ތަކެއްޗަށް ދަރިވަރުން ގަސްތުގައި ގެއްލުންދީ ހަދަމުން
ދިއުމަކީވެސް ހަގީގަތެއް. ސްކޫލުގެ ފާރުތަކުގައި ކުރެހުމާއި ސްކޫލުގައި ހުންނަ
ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން ސްކޫލުގެ ތެރޭގައި ދަރިވަރުން ދަރިވަރުންގެ
ތަކެއްޗަށް ގެއްލުން ދިނުމާއި މާރާމާރީ ހިންގުމަކީވެސް ހިގަމުންދާކަމެއް. ކުދިންގެ
މެދުގައި ހިގަމުންދާ މިފަދަ ހަމަނުޖެހުންތަކާއި ބިރުދެއްކުމުގެ ސަބަބުން ބައެއް
ކުދިންގެ ތަޢުލީމަށްވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދޭ.
ބޮޑެތި މީހުންނަށާއި ޓީޗަރުން އަދި މައިން
ބަފައިންނަށްވެސް ބައެއް ދަރިވަރުން އަދަބު އިޙްތިރާމު ނުކުރާ ވާހަކައަކީ ވަރަށް
އާންމު ވާހަކައެއް. ކުދިން ބައްޓަން ކުރުމުގައި ޓީޗަރުން އަދާކުރާ މުހިންމު ދައުރު
މައިން ބަފައިންނަށާއި ބެލެނިވެރިންނަށް ވިސްނުނަސް ކުދިންގެ ހިތުގައި
ޓީޗަރުންނާމެދު އެއްވެސް ލޯތްބެއް އިޙުތިރާމެއް ނެތްތައް ފެންނަމުން ދަނީވެސް
މަދެއްކޮށްނޫން.
ސްކޫލު ކުދިން ދުންފަތުގެ އިސްތިޢުމާލު ކުރަމުން
ދިއުމަކީވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެއް. ހަމަ އެހެންމެ ސްކޫލު ކުދިން ގުރޫޕް
މާރާމާރީތަކުގައި ބައިވެރިވުމާއި މަސްތުވާ ތަކެތީގެ ތެރެއަށް ވަނުމާއި އެފަދަ
ޢަމަލުތައް ސްކޫލުގެ މާޙައުލުގެ ތެރޭގައި ހިންގަމުންދާ ކަމީވެސް ކަންބޮޑުވާން
ޖެހިފައިވާ މައްސަލައެއް. މަގުމަތީގައި ހަޑިހުތުރު އެއްޗެތި ގޮވާ، މީހުންނަށް
ގޯނާކޮށް، ތަކެއްޗަށް ގެއްލުންދީ މަގުމަތީގެ ޤަވާޢިދުތަކަށް އެއްވެސް ހުރުމަތެއް
ނުބަހައްޓާ ޒުވާނުންގެ ތެރޭގައި ސްކޫލުތަކުގެ ދަރިވަރުން ހިމެނޭކަމީ
ހިތާމަކުރަންޖެހޭކަމެއް.
ސްކޫލް ކުދިންގެ މެދުގައި ޤައުމީ ލޯބި ކުޑަވަމުން
އަންނަ ކަމަށްވެސް ބައެއް މީހުން ވާހަކަ ދައްކާ. ޤައުމީ އަބުޠާލުންނާއި ޤައުމު
އެބޭފުޅުންނަށްޓަކައި ފަޚުރުވާ ބޭބޭފުޅުންނަށް ކުރަންވާ އިޙުތިރާމާއި ގަދަރު
ކުޑަކަން ފާހަގަ ކުރެވޭއިރު މިކަންތައްތައް ދިރުވާ އާލާ ކުރުމަށް ސްކޫލުތަކުން
ކުރާ ބުރަ މަސައްކަތްތަކާއި އެއްވަރުގެ ނަތީޖާއެއް ނުނިކުންނަ ކަމަށްވެސް ބައެއް
ފަރާތްތަކުން ފާހަގަ ކުރޭ. ސްކޫލުތަކުގެ ދަރިވަރުން މަގުމަތީގަޔާއި ބޭރު ތެރޭގައި
އުޅުމުގައި އަދި ސްކޫލާއި ގޭތެރޭގައި އުޅުމުގައި ދަރިވަރެއްގެ ކިބައިގައި ހުންނަން
ޖެހޭ އަޚްލާޤާއި ސުލޫކު ނުހިފަހައްޓާނަމަ އެއީ ކުޑަ މައްސަލައެއްނޫން. މި ކަމުގައި
ވަކި ބައެއް ކުށްވެރިކޮށް ވަކިބައެއްގެ ބޮލުގައި އެކަމުގެ ޒިންމާ އަޅުވަން
މަސައްކަތް ކުރުމުގެ ކުރިން މިއަދު
ފުރަތަމަ އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެނީ ދަރިވަރުންގެ މެދުގައި އަޚްލާޤީ
މައްސަލަތަކެއް އެބަހުރިކަން. އެ ކަންކަމަކީ ޒަމާނަށް އަންނަ ބަދަލަކުން
ކަމަށްވިޔަސް އަދި މުޖުތަމަޢަށް އަންނަ ބަދަލަކުން ކަމަށްވިޔަސް ދަރިވަރުންނަށް
ބަދަލުތަކެއް އަންނަކަމާއި އެކުދިންގެ މެދުގައި ރަނގަޅުކޮށް އިސްލާހު ކުރަން
ޖެހިފައިވާ އަޚްލާޤީ މައްސަލަތަކެއް އެބަހުރިކަމަށް ޤަބޫލުކުރަން ޖެހޭ.
( ދެވަނަ ރިޕޯޓް)
ކޮންމެ ރަނގަޅު ކަމަކާއި ނުރަނގަޅު ކަމެއްގައިވެސް
ކޮންމެވެސް ސަބަބުތަކެއްވާނެ. ދަރިވަރުންގެ އަޚްލާޤު ގޯސްވުމުގައި ހުރި
ސަބަބުތަކަކީ ކޮބާތޯ؟ އަދި އެކަންކަން ރަނގަޅު ކުރުމަށް ކުރެވޭނެ
މަސައްކަތްތައްކަކީ ކޮބާތޯ؟ މިއީ އެކި މީހުން ތަފާތު ގޮތްގޮތަށް ޝުޢޫރު
ފާޅުކުރަމުންދާ ކަމެއް. ކުދިންގެ އަޚްލާޤު ގޯސްވުމުގައި ބައެއް ފަރާތްތަކުން ،
ސްކޫލް މެނޭޖްމަންޓަށާއި ޓީޗަރުންނަށް އިނގިލި ދިއްކުރާއިރު އަނެއް ބަޔަކު އިނގިލި
ދިއްކުރަނީ ބެލެނިވެރިންނަށާއި މުޖުތަމަޢަށް.
ދަރިވަރުންގެ އަޚްލާޤު ގޯސްވަމުން ދިއުމުގައި ބެލެނިވެރިންގެ
ސަމާލުތަކާއި އަޅާލުން ދަރިވަރުންނަށް ލިބެންވީ ވަރަށް ނުލިބުމާއި ޓީޗަރުންނާއި
ސްކޫލު މެނޭޖްމަންޓުން އެކަންކަން ރަނގަޅު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް
ނޭޅުން ހިމެނޭ. މުޖުތަމަޢުގައި ހިނގާ ނުބައި އޮއިވަރުތަކުގައި ކުއްޖާ ބެހިގެން
ދިއުމުގެ ފުރުސަތު ބޮޑުވެގެންދާ މައިގަނޑު ސަބަބަކީ މިއީ. ބައެއް ކަހަލަ ވިޔާނުދާ
ކަންތަކާއި ޢަމަލުތައް ދަރިވަރުން ހިންގަނީ ބައެއް ޓީޗަރުންގެ ކުރިމަތީގައި ކަމަށް
ވިޔަސް އަޅާނުލުމާއި ދަރިން ކުރާ ވިޔާނުދާ ކަންތައްތަކަކީ މާބޮޑު މައްސަލައެއް
ކަމަށް މައިންބަފައިން ނުދެކުމާއި އަޅާނުލާ ފަރުވާ ކުޑަ ކޮށްލުމަކީ ކުދިން މަގުން
ކައްސާލައިގެންދާ މެދުވެރިވާ މައިގަނޑު ސަބަބު.
ކުދިންގެ އަޚްލާޤު ދަށްވުމުގެ ސަބަބުން ކުށްކުރާ
ކުޑަކުދިންގެ އާބާދީ އެއްދުވަހުން އަނެއް ދުވަހަށް ދަނީ މަތިވަމުން. މިއަދު ދިވެހި
މުޖުތަމަޢަކީ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މުޖުތަމަޢެއް. ކުށްކުރާ ކުޑަކުދިން
އިތުރުވަމުންދާކަމާއި އެކުދިން ކުރާ ކުށްތަކުގެ ވައްތަރާއި ބާވަތްތައްވެސް
ތަފާތުވަމުން ދާކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. މި މައްސަލައަކީ
ބެލެނިވެރިނާއި މައިންބަފައިންނާއި ސްކޫލުތަކާއި ކިޔަވައިދޭ ޓީޗަރުންނާ ހަމައިން
ނިމެންއޮތް މައްސަލައެއްނޫން. މި މައްސަލައަކީ މިއަށްވުރެ މާފުޅާ އަދި އެހާމެ
ސީރިއަސް މައްސަލައެއް.
ކުދިންގެ މައްޗަށް މައިން ބަފައިންގެ ބާރާއި ނުފޫޒު
އެކުދިންގެ ވަރަށް ޅަ އުމުރުގައި ދޫވެގެން ދިއުމަކީ މިހާރު ފެންނަމުންދާ
މަންޒަރެއް. ކުދިން އުޅޭގޮތުންނާއި އެކުދިން ގުޅިފައިވާ ގުރޫޕްތަކުގެ ގޮތުން
މައިންބަފައިން ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހުމަކީވެސް ދިވެހި މުޖުތަމަޢުން
ފެންނަމުންދާކަމެއް. އެކުރެވެނީ ކީއްކަން ނޭނގި ނަމަވެސް ކުދިންގެ މެދުގައި
ޖިންސްގެ ތަފާތުކުރުންތައް މައިންބަފައިން ގެންގުޅުމާއި ދަރިންގެ މެދުގައި ތަފާތު
ކުރުމަކީވެސް ކުދިންގެ އަޚުލާޤަށް އެކަމުން އަސަރުކުރަން ދިމާވާ ސަބަބެއް.
ކޮންމެ މަންމައަކާއި ބައްޕައަކުވެސް އެމީހުންގެ
ދަރިންނަކީ ރަނގަޅު އަޚްލާޤެއްގެ ވެރިބައެއްގެ ކަމުގައިވާން ބޭނުންވޭ.
އެހެންކަމަށްވާނަމަ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ގޮތުން
އަދާކުރަންޖެހޭ ޒިންމާތައް ދެމިތިބުމާއެކު ރީތި ނަމޫނާ ދައްކައިދޭ ބަޔަކަށް
ވާންޖެހޭ. ދަރިންގެ ކަންތައްތައް ދުރާ ގާތުން އަބަދުވެސް ބަލާ ދަރިންނަށް އަންނަ
ބަދަލުތައް އަބަދުވެސް ބަލަމުންދާ ބަޔަކަށްވާން ޖެހޭނެ. ދަރިންގެ މައްޗަށް
ލޯބިހުރި އޯގާތެރި ބަޔަކަށް ވާންޖެހޭނެ. އިންސާނީ ޝުޢޫރާއި ޖަޒުބާތު އެކުދިންގެ
ކުރިމަތީގައި ރީތި ގޮތުގައި ދައްކައިދޭ ބަޔަކަށް ވާންޖެހޭނެ.
ކުދިންގެ އިޖުތިމާޢީ އަޙްލާޤު ދަށްވެގެންދާ އެއް
ސަބަބެއް ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވަނީ އެބަޔަކު ދިރިއުޅެމުންދާ
މުޖުތަމަޢެއް ބަދަލުވަމުންދާ އަވަސް ކަމާއެއްވަރަށް ތަޢުލީމީ ނިޒާމު
ބައްޓަންވަމުން ނުދިއުން. ސްކޫލުތަކުގައި ހިންގާ ޤަވާޢިދުތައް ތަންފީޒު
ނުކުރެވުމާއި ދީނީ އަޤީދާ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތައް މަދުވުމަކީވެސް
ކުދިންގެ އަޙުލާޤު ނުހިފެހެއްޓެން ދިމާވާ މައްސަލައެއް. ބެލެނިވެރިންނާއި
ޓީޗަރުންގެ ފަރާތުން އުޅުންތެރިކަމާއި އަޚްލާޤީ ރީތި މިސާލާއި ނަމޫނާ ފެންނަމުން
ނުދިއުމަކީވެސް ދަރިވަރުންގެ އަޚްލާޤަށް އެކަމުން އަސަރުކުރާ ކަމެއް. ސްކޫލުތަކުގެ
ޖާގަ ތޮއްޖެހި، ދަރިވަރުންގެ ކިޔަވައިދޭ ދަންފަޅިތައް އިތުރުވެ ކުދިންގެ އަޚްލާޤީ
ކަންތައްތަކަށް ދެވޭ ސަމާލުކަން ކުޑަވުމަކީވެސް ރިވެތި ސިފަތައް ކުދިންނަށް
ދަސްކޮށްދިނުމަށް ދިމާވާ ވަރަށް ބޮޑު ދައްޗެއް. އާންމުދަނީ ހޯދުމަށް އެހެނިހެން
މަސައްކަތްތައް ކުރަން ޖެހުމުން ޓީޗަރުން ވަޒީފާއަށްދޭ ސަމާލު މުސާރަ ކުޑަވުމާއި
ފެންވަރު ރަނގަޅު ޓީޗަރުން ނެތުމަކީވެސް ދަރިވަރުންގެ އަޚްލާޤަށް އެކަމުން
އަސަރުތަކެއް ކުރާނެ ކަމެއް. ސްކޫލުގެ މާހައުލުގެ އިތުރުން ކުދިން ދިރިއުޅޭ
ގޭތެރޭގެ ކަންތައްތައް ހުންނަ ގޮތުންވެސް އެކުދިންގެ ކިޔެވުމަށާއި އަޚްލާޤަށް
އަސަރު ކުރަމުންދޭ. ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު ދިރިއުޅެން ޖެހުމާއި
ކުދިންނަށް ބޭނުންވާ ވަރަށް ނިދި ނުލިބުމާއި އަރާމު ނުކުރެވުމަކީވެސް އެކުދިންގެ
އުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ސަބަބެއް. ބެލެނިވެރިންނާއި މައިންބަފައިންގެ
ފަރާތުން ދިރިއުޅުމުގެ ރީތި އާދަތަކާއި ރީތިކޮށް ވާހަކަ ދެއްކުމާއި އަބަދު
އިހުތިރާމު އަދާކުރުމުގެ ރީތި ގޮތްތަކުގެ ނަމޫނާ ދައްކައި ދެވިއްޖެނަމަ ކުދިންގެ
އުޅުމާއި އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް އަންނަންފަށާނެ.
Wednesday, October 8, 2008
މިއަދު އަޅުގަނޑު ޤައުމީ ވާޖިބު އަދި ފަރުދީ ޒިންމާ އަދާކޮށް ވޯޓުލައިފީމެވެ
އަޅުގަނޑު ވޯޓުލާން ދިޔައީ އަންހެނުންނާއެކުގައެވެ. ވޯޓުލާންދިއުމަށް ގެއިން ނިކުން އިރުވެސް ވާރޭ ވެހެއެވެ. ދެމީހުން ދިޔައީ ސައިކަލްގައެވެ. ކުޑަ ނަގައިގެން ދިޔަޔަސް ވަރަށް ބޮޑަށް ތެމުނެވެ. ވޯޓުލާން ވަންއިރު ރަށުގެ ބައެއް މީހުންނާ އެހެން ރަށްރަށުގެ މީހުން ކިޔުގައި ތިއްބެވެ. ހުރިހާ މީހުންވެސް ތިބީ ގޮޑިގޮޑީގައި އިށީންދެގެންނެވެ. އަޅުގަނޑު ކިޔުގައި އިންދާ ދެމީހަކު ބޭރުން އައެވެ. އެދެމީހުންގެ ޝަކުވާއަކީ ވޯޓުލުމަށް އިނގިލީގައި ޖެހި ފާހަގަ ފޮހެވުމުގެ ޝަކުވާއެވެ. އެދެމީހުންގެ އިނގިލި މީހުންނަށް ދައްކާ ހެދިއެވެ. އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންވެސް އެދެމީހުންގެ އިނގިލި ބަލާ ވާހަކަ ދައްކާހެދިއެވެ. އެދެމީހުންނަށް ޕޯލިންގ ސްޓޭޝަނުގައި އިސްކޮށް ހުންނެވި ބޭފުޅާ ވިދާޅުވީ އެއްވެސް ޝަކުވާއެއް އޮތްނަމަ ނަސަންދުރައަށް ވަޑައިގެން ޤައުމީ އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯއަށް އެ މައްސަލަ ހުށަހެޅުއްވުމަށެވެ. އަޅުގަނޑު ވޯޓުލައިގެން ނިކުންއިރުވެސް އެދެމީހުން ދޮރު މަތީގައި އެވާހަކަ ދައްކަން ތިއްބެވެ.
ފަހަރަކު މީހަކު ވޯޓުލުމުގެ ކަންތައް ނިންމުމަށް ދިއުމުން ހުސްވާ ގޮޑިއަށް ބަދަލުވާންޖެހެއެވެ. އެގޮތަށް ތިރީހަކަށް ގޮޑިއަށް ބަދަލުވިތަނާ އަޅުގަނޑަށް ވޯޓުލާ ހިސާބަށް ދެވިއްޖެއެވެ. މަޢުލޫމާތު ސާފުކުރާ މޭޒު ކައިރީގައި ތިބި މީހުންގެ މޫނުތަކަށް ބަލާލީމެވެ. ފުރަތަމަ ގޮސް އިށީންނަން ދެއްކީ މޭޒުގެ ކޮޅުގައި ހުރި ގޮޑިއެކެވެ. އޭރު އަޅުގަނޑުގެ ކުރިން އައިމީހާގެ އިނގިލީގައި ފާހަގަ ޖަހަނީއެވެ. އެމީހާގެ އިނގިލީގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް އެމީހާގެ އަތަށް ދީފިއެވެ. ދެން އަޅުގަނޑަށް ޖެހުނީ އެގޮޑިއަށް ދާށެވެ. އަޅުގަނޑުގެ އައިޑީކާޑު ދިނުމުން ވޯޓާސް ރަޖިސްޓްރީގައި އަޅުގަނޑުގެ ނަން އޮތްތޯ އޮފިޝަލް ބެއްލެވިއެވެ. އަދި ގަލަމުން ނަމާދިމާފައި ފާހަގައެއް ލެއްވުމަށްފަހު ހައިލައިޓް ފެހިކުލައިގެ މާކަރަކުން އަޅުގަނޑުގެ ނަމާދިމާލުގައި ކުލަ ޖެއްސިއެވެ. އަދި އަޅުގަނޑުގެ އައިޑީކާޑުގެ ނަންބަރު އަޅުގަނޑުގެ ނަމާދިމާލުގައި އިން ހުސްގޮޅިއެއްގައި ޖެހިއެވެ.
އަޅުގަނޑުގެ މަޢުލޫމާތު ދިމާވޭތޯ ބަލަމުން ދަނިކޮށް އެތަނަށް އިލެކްޝަން ކޮމިޝަނުގެ އޮފިޝަލެއްކަން އެނގޭ ކާޑެއް އަޅުވާފައިހުރި ބޭފުޅެއް ވަޑައިގެންނެވިއެވެ. އޭނާ އެދިވަޑައިގަތީ އިނގިލީގައި ފާހަގަ ޖެހުމަށް ބޭނުންކުރާ މާކަރު ބަދަލު ކުރުމަށެވެ. ކުރިން ބޭނުން ކުރާ މާކަރުގެ ބަދަލުގައި އާމާކަރެއް ކަނޑާލިއެވެ. އެ މާކަރުން ފުރަތަމަ އިނގިލީގައި ފާހަގަ ޖެހި މީހަކީ އަޅުގަނޑެވެ.
އެވަގުތަކީ ވޯޓުލާ ސަރަހައްދުގައި މަސައްކަތްކުރައްވާ އޮފިޝަލުންނަށް ނުވަގަޑީގެ ނާސްތާ ގެނެސްގެން އުޅޭ ވަގުތެވެ. އޭރު ގަނޑިން 11:15 އެވެ. އޭގެ ތެރެއިން އެއް އޮފިޝަލަކު މޭޒުކައިރި އިންނަވައިގެން މައިލޯ ޕަކެޓެއް ބައްލަވަމުން ގެންދެވިއެވެ. މަޢުލޫމާތު ސާފުކުރާ މޭޒު ދޮށުގައި 5 އޮފިޝަލުން ތިއްބެވިއެވެ. ގާތްގަނޑަކަށް ދެތިން ފޫޓް ދުރުގައި ޖަހާފައިވާ ހަ ގޮޑީގައި ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުން އިށީންދެގެން ތިއްބެވެ. ދޭތެރެ ދޭތެރެއިން އެއިން ކޮންމެވެސް މަންދޫބަކު އައިސް އޮފިޝަލުން ތިއްބަވާ މޭޒު ކައިރިއަށް ހުއްޓި ވާނުވާ ގޮތް ބަލާހަދައެވެ. އޮބްޒާވަރުންކަން އެނގޭނެ ޓީޝާޓް ލާފައިވާ މީހުންނާއި ބޭރު ގެ އޮބްޒާވަރުންވެސް އެ ތަނުގައި ކަންތައްތައް ހިނގަމުންދާގޮތް ބައްލަވަމުން މީހުންނާ ވާހަކަ ދައްކަވާތީ ފެނެއެވެ.
އަޅުގަނޑުގެ މަޢުލޫމާތު ވޯޓާސް ލިސްޓުން ފާހަގަވުމުން އަޅުގަނޑުގެ ވާތުގެ ބޮޑުވައި އިނގިލީގެ ނިޔަރޮއްޖާއި ނިޔަފައްޗާއެކު މާކަރަކުން ފާހަގަ ޖެހިއެވެ. އަޅުގަނޑުގެ އަތް ތެމިފައިވާތީ ޓީޝޫ ގަނޑަކުން ފާހަގަ ޖެހުމުގެ ކުރިން ވަރަށް ރަނގަޅަށް ފޮހުނެވެ. އިނގިލީގައި ފާހަގަ ޖެހުމުން ވޯޓު ކަރުދާސްކޮޅު އަޅުގަނޑުގެ އަތަށް ދެއްވައިފިއެވެ. އަދި ފޯނެއް އޮތްނަމަ ބޭއްވުމަށް އޮފިޝަލަކު ހަނދާން ކޮށްދެއްވިއެވެ.
ބޫތަށްވަދެ ، ކުރިމަތިލައްވާފައިވާ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ މުސްތަޤުބަލުގެ 5 އަހަރު ހުރިހާ ގޮތަކުން ރާއްޖޭގެ އެންމެ އިސް މަޤާމު އަދާކުރައްވަން އެންމެ ޤާބިލު އަދި އެންމެ އެކަށޭނަ ބޭފުޅެއް ކަމަށް އަޅުގަނޑަށް ފެންނަ ކެންޑިޑޭޓާ ދިމާލުގައިވާ ގޮޅީގައި ފާހަގަ ޖަހައިފީމެވެ. ބޫތު ތެރެއިން ނިކުމެގެން އައިއިރު ވޯޓު ފޮށި ފޮށުގައި ކުއްޖަކު އިނެވެ. އަޅުގަނޑު އައުމުން ވޯޓު ކަރުދާސްކޮޅު ވައްޓާލަންވީ ތަން ހުޅުވާލިއެވެ. އަޅުގަނޑު ވޯޓު ވައްޓާލީމެވެ. އަޅުގަނޑުގެ ފަރުދީ ޒިންމާ ޤައުމަށްޓަކައި އަދާކުރެއްވިއްޖެ ކަމުގެ ހިތްހަމަޖެހުން ލިބުނެވެ.
Monday, September 22, 2008
ރައީސް މައުމޫނާ ދެކޮޅަށް ރާއްޖޭގެ ދީނީ ޢީލްމުވެރިން ނެރުނު ބަޔާން
ޢަބްދުﷲ ސަޢީދު
ތިރީގައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އިސްލާމް ދީނާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާކަމަށް ވިދާޅުވެ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން 44 ޢިލްމުވެރިއަކު ސޮއިކުރައްވައި ނެރުއްވި ބަޔާނެއް ނުވަތަ ފަތުވާއެކެވެ. މި ބަޔާން މި ބްލޮގުގައި ޝާއިޢުމިކުރަނީ ތާރީޚަށް ޓަކައެވެ. ފަހުގެ ޖީލުތަކަށް މިއީ ވެސް ހިނގިކަމެއްކަން އަންގައިދިނުމަށް ޓަކައެވެ. މި ބަޔާން ދީނީ ޢިލްމުވެރިން ނެރުއްވީ 2008 ވަނަ އަހަރު އޮތް ފުރަތަމަ ރާއްޖޭގައި ބޭއްވި ގިނަޕާޓީ ބައިވެރިވާ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅެއްގައި ވެފައިވަނިކޮށެވެ. 16 ސެޕްޓެންބަރު 2008 ވީ އަންގާރަ ދުވަހުގެރޭ ޓީވީ މޯލްޑިވްސް ފޮނުވި ޕްރޮގްރާމެއްގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މި ބަޔާނުގައި ވަނީ އެ މަނިކުފާނަށް ތައުބާވުމަށް ގޮވާލައްވާފައެވެ.
|
هَذَا بَيَانٌ لِلنَّاسِ وَهُدًى وَمَوْعِظَةٌ لِلْمُتَّقِينَ (١٣٨)وَلاَ تَهِنُوا وَلاَ تَحْزَنُوا وَأَنْتُمُ الأَعْلَوْنَ إِنْ كُنْتُمْ مُؤْمِنِينَ (١٣٩) (އާލްޢިމްރާން 138-139)
“މިއީ މީސްތަކުންނަށް ހުރި ބަޔާނެކެވެ. އަދި މަގުދެއްކުމެކެވެ. އަދި ތެދުމަގުލިބިގަތުމަށް އެދޭ މީހުންނަށް ހުރި ވަޢުޡު ނަސޭހަތެކެވެ. އޭމުއުމިނުންނޭވެ! ތިޔަބައިމީހުން ނިކަމެތިނުވާށެވެ! ހިތާމަނުކުރާށެވެ! ތިޔަބައިމީހުންނީ މުއުމިނުންކަމުގައިވަނީނަމަ މަތިވެރިވެގެންވާ ބަޔަކީ ހަމަ ތިޔަބައިމީހުންނެވެ.”
Thursday, August 7, 2008
ރާއްޖޭގެ އާ ޤާނޫނު އަސާސީ އަށް މަރުޙަބާ
ރާއްޖޭގައި އަލަށް މިއެކުލަވާލެވުނު ޤާނޫނު އަސާސީއަކީ ރާއްޖޭގެ ތާރީޚްގައި އެކުލަވާލެވުނު 7 ވަނަ ޤާނޫނު އަސާސީއެވެ. ފުރަތަމަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 22 ޑިސެމްބަރ 1932 ގައެވެ. ދެވަނަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 23 އޭޕްރީލް 1942 ގައެވެ. ތިންވަނަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 01 ޖެނުއަރީ 1953 ގައެވެ. ހަތަރުވަނަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 7 މާޗް 1954 ގައެވެ. ފަސްވަނަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 11 ނޮވެމްބަރު 1968 ގައެވެ. ހަވަނަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 6 ނޮވެމްބަރު 1997 ގައެވެ. އެ
ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުނީ 1 ޖެނުއަރީ 1998 ގައެވެ.
މިއަދު ތަސްދީޤު ކުރެވުނު ރާއްޖޭގެ 7 ވަނަ ޤާނޫނު އަސާސީ ހެދުމުގެ މަސައްކަތް ފެށުނީ 19 ޖުލައި 2004 ގައެވެ. އެއީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޤާނޫނު އަސާސީ އިސްލާޙް ކުރެއްވުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެއްވުމުންނެވެ. ޚާއްޞަ މަޖިލިހުގެ އިންތިޚާބު ބޭއްވުނީ 28 މޭ 2004 ގައެވެ. މި ޤާނޫނު އަސާސީ ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ފާސްކުރައްވާފައިވަނީ 26 ޖޫން 2008 ގައެވެ. ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވަނީ 30 ޖޫން 2008 ގައެވެ.
މާސިނަރީން ގެންނަން އުޅުނު އިންޤިލާބު
ޢަބްދުﷲ ސަޢީދު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...
.jpg)
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤ...
-
ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސ...