Tuesday, May 2, 2017

ކަތީބުބޭގެ ޖަވާބު

މިއީ އަޅުގަނޑުގެ ބައްޕަ ވިދާޅުވެ ދެއްވި ވާހަކައެކެވެ. ބައްޕައަށް މި ވާހަކަ ކިޔައިދެއްވީ އދ. ދަނގެތީ އާދަމްބެއޭ ވިދާޅުވިއެވެ. އެރަށުގެ ކުރީގެ ކަތީބެއްގެ ވާހަކައެވެ. އެއީ ވަރަށް މަސައްކަތްތެރި މުރާލި ހީވާގި ބޭފުޅެކެވެ. އޭނާ އަތުންފައިން ކުރަން ނުދަންނަ ކަމެއް ނޯވެއެވެ. އެ ހުރިހާ މަސައްކަތެއް ކުރަމުން ރަށުގެ ވެރިކަންވެސް ކުރައްވައެވެ. މިކަންތައްތައް ކަތީބުބޭ ކުރައްވާއިރު ކުރާ މިފަދަ މަސައްކަތްތަކުގެ ފައިސާގެ ކަންތައްތަކާ ހަވާލުވެ ހުންނަނީ ކަތީބުބޭ ވަރަށް އިތުބާރުކުރައްވާ ބޭކަލެއް ކަމުގައިވާ ދާއޫދާއެވެ.

މިހެން މިކަން އޮއްވައި، ކޮންމެވެސް މަސައްކަތެއް ކޮށްގެން ލިބެންޖެހޭ ލާރިއެއްގެ ވާހަކައިން ކަތީބުބޭ ދާއޫދާ ސުވާލު ކުރައްވަފާނެއެވެ. ސުވާލު ކުރެއްވުމުން އެ ދާއޫދު ބުނެއެވެ. ކަތީބުބޭ އަތިރީގައި ހުންނަވަނިކޮށް ދިނީމެއް ނޫންތޯއެވެ. ކަތީބުބޭ ވިދާޅުވެއެވެ. މިއަދަކު އަދި އަތިރިމައްޗަކަށް ނުދަމެވެ. ދެން ބުނެފާނެއެވެ. ގޭދޮށުގައި މިވެނި ކަމެއް ކުރަން އުޅެނިކޮށް ދިނީމެއް ނޫންތޯއެވެ. ކަތީބުބޭ ވިދާޅުވާނެއެވެ. ނޫނެކެވެ. ތިޔަބުނާ ކަމެއް މިއަދަކު އަދި ނުކުރަމެވެ. ދެން ބުނެފާނެއެވެ. ކަތީބުބޭ މިވެނި ގެއެއްގައި މިވެނި ކަމެއް ކުރައްވަން އިންނަވަނިކޮށް ދިނީމެއްނޫންތޯއެވެ. ކަތީބުބޭ ވިދާޅުވާނެއެވެ. އަދި މިއުޅެނީ އެގެއަށް ނުދެވިގެންނެވެ. އާ! ދާއޫދާ އެވެ. ތިޔަހާ ގިނަ ތަންތަނުން ދެވުނިއްޔާ އޮންނާނީ ކޮންމެވެސް އެއްތާކުން ތިޔަ ފައިސާ މިހާރު ދެވިފައެވެ. އަޅާނުލާށެވެ.

މިކަން މިކަން ދިމާވަނީ ކަތީބުބޭ ހަނދާން ބަލިކަމަކުން ކަމެއް ނޫނީ ދާއޫދުގެ ހަނދާން ބަލިކަމަކުން ކަމެއް ނޭނގެއެވެ. އެކަމަކު އެ ދެމީހުންގެ ގުޅުމަކަށް އެކަމަކުން ހުރަހެއް ނޭޅެއެވެ. ބައްޕަ ވިދާޅުވި ގޮތުގައި މި ކަތީބުބޭ އަތުން ބައްޕަ ވަޅިފުރޯ ތޫނުކުރާ ހަނެއް ބައްލަވައި ގެންނެވިއެވެ. އެއީ އެ ކަތީބުބޭ އަތުން އަޅުއްވައިދެއްވި މޮޅު ހަނެކެވެ.


Monday, May 1, 2017

ދައުލަތުގެ ނިޝާން





ޢަބްދުﷲ ސަޢީދު
ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤައުމެއްގެ އެންމެހައި ރައްޔިތުންނާއި، އެ ޤައުމެއްގެ ސިޔާސީ ސަރަޙައްދާއި މި ހުރިހާ ފަރާތްތަކަކަށް ޖުމްލަކޮށް ކިޔާ ނަމެވެ. ދައުލަތުގެ ނިޝާނަކީ މި ދެންނެވި ހުރިހާ ފަރާތްތަކެއް ރަމްޒުކޮށްދޭ ނިޝާނެވެ. ބައެއް ހާލަތްތަކުގައި ސަރުކާރަށްވެސް  ދައުލަތޭ ކިޔައެވެ. ޤައުމީ ނިޝާނަކީ ޤައުމީ ދިދަ އެވެ. ޤައުމަކީ ކަނޑައެޅިފައިވާ ވަކި ސަރަޙައްދެއްގައި އެއް ވެރިކަމެއްގެ ދަށުގައި އުޅޭ މީހުންނެވެ. ޤައުމީ ދިދައިން ރަމްޒުކޮށްދެނީ އެ ޤައުމެއްގެ ދަރިންނެވެ. ދައުލަތުގެ ނިޝާނުން އެ އަށްވުރެ މާ ތަފްސީލުކޮށް މުޅި ދައުލަތް ރަމްޒުކޮށްދެއެވެ. އެހެންވީމާ ޤައުމީ ނިޝާނާއި ދައުލަތުގެ ނިޝާނަކީ އެކައްޗެއް ނޫންކަން އެނގެއެވެ. 

Sunday, April 23, 2017

ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރުގެ ޤައުމީ ޚިދުމަތް



 މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ސިފައިންގެ ޚިދުމަތަށް ގެންނެވީ ތިން ފަށުގައި، ސިފައިންގެ 2 ނަންބަރު ސަރުދާރުގެ ރޭންކުގައެވެ. 13 ނޮވެމްބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިފައިންގެ މަޤާމުތަކުގެ ނަންތައް ބަދަލު ކުރެއްވިއިރު ލެފްޓިނަންޓްގެ ރޭންކަށް ބަދަލު ކުރެއްވިއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރުވަނީ ސިފައިންގެ ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓްކަމާއި، ކެޕްޓަންކަމާއި، މޭޖަރ ކަމާއި، ލެފްޓިނަންޓް ކާނަލްކަމާއި، ކާނަލްކަމާއި، ބްރިގޭޑިއަރ ކަމާއި، މޭޖަރ ޖެނެރަލްގެ ރޭންކުގައި އަގުހުރި ޚިދުމަތްތަކެއް ސިފައިންގެއަށް ކޮށްދެއްވާފައެވެ. 

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަންބަރީ ޢަބްދުއްސައްތާރުގެ ޤައުމީ ޚިދުމަތް


ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް (އަންބަރީ) ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1978 ނޮވެމްބަރު 11 ވަނަ ދުވަހު އެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް ސިފައިންގެ ޚިދުމަތަށް ގެންނެވީ ތިން ފަށުގައި، ސިފައިންގެ 2 ނަންބަރު ސަރުދާރުގެ ރޭންކުގައެވެ. 13 ނޮވެމްބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިފައިންގެ މަޤާމުތަކުގެ ނަންތައް ބަދަލު ކުރެއްވިއިރު، ލެފްޓިނަންޓްގެ ރޭންކަށް ބަދަލު ކުރެއްވިއެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމުގެ ކުރިން 12 އަހަރު ސަރުކާރުގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވާފައިވެއެވެ. ސަރުކާރުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ  1966 ވަނަ އަހަރު ވުޒާރަތުލް މަޢާރިފުގެ ކާތިބެއްގެ މަޤާމުގައެވެ.

Friday, April 21, 2017

ޖިހާދު




ޢަބްދުﷲ ސަޢީދު
ދިވެހި ބަހުގައި ޖިހާދުގެ މާނައަކީ ދީނާއި ޤައުމު ހިމާޔަތް ކުރުމަށް ކުރާ ހަނގުރާމައެވެ. ޖިހާދު ކުރުމަކީ ދީނާއި ޤައުމު ހިމާޔަތް ކުރުމަށްޓަކައި ހަނގުރާމަ ކުރުމެވެ. ޢަރަބި ބަހުގައި ޖިހާދުގެ ލަފުޒީ މާނައަކީ ބުރަމަސައްކަތާއި ހަކަތަ ހޭދަކޮށް އުނދަގޫތައް އުފުލައި ﷲގެ މަގުގައި ހަނގުރާމަކުރުމެވެ. ކަމަކާއި މެދު އެމީހަކަށް ކުރެވެން އޮތް އެންމެ މަތީ މިންވަރަށް މަސައްކަތް ކުރުމެވެ. 

Thursday, March 9, 2017

ސުނާމީ ކާރިސާއާގުޅިގެން ސިފައިން އަދާކުރި މުހިންމު ދައުރު




ދިވެހިރާއްޖޭގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ ކާރިސާއަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއެވެ. މި ކާރިސާގައި 82 ދިވެހިން މަރުވެ، 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިއިރު، 8162 މީހުން ގޯތި ގެދޮރުނެތި ހާލުގައި ޖެހުނެވެ. އަދި 3997 ގޯތި ގެދޮރު މުޅިން ހަލާކުވެފައިވެއެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާ ކައިރިން ކަނޑުގެ އަޑިޔަށް އައި ބާރުގަދަ  ބިންހެލުމާގުޅިގެން އުފެދުނު ސުނާމީ  ރާއްޖެއަށް އެރީ 2004 ޑިސެންބަރު 26 ވަނަ ދުވަހުގެ  9 ގަޑި 23 މިނެޓުގައެވެ. މިބޮޑު ޤުދުރަތީ ކާރިސާގައި މުޅި ރާއްޖެ، ކަނޑުގެ ތެރެއަށް ގެނބިގެންދިޔަ ހިތްދަތި އަދި އަސަރުގަދަ ވަގުތަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ފެނިގެންދިޔަ ވަގުތެވެ. މި ހިތާމަވެރި ހިތްދަތި ވަގުތު  ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދިނުމުގެ މަތިވެރި އަޒުމުގައި، ހިތްވަރު ގަދަ ކެރޭ މުރާލި ސިފައިން ނުކުތީ ޤައުމީ ރޫޙުގެ ލާމަސީލު ނަމޫނާއެއް ދައްކައިދެމުންނެވެ. ސުނާމީ ކާރިސާއާއި ގުޅިގެން ދިވެހި ސިފައިން ޤައުމީ ޚިދުމަތުގައި ވެފައިވާ މަތިވެރި ޤުރުބާނީއަށް ތަޢުރީފާއި ޝުކުރު ޙައްޤެވެ.

Wednesday, February 1, 2017

ޤާނޫނު އަސާސީ





ޢަބްދުﷲ ސަޢީދު
ޤާނޫނު އަސާސީއަކީ މިނިވަން ވެރިކަމުގެ ދައުލަތެއް ހިންގުމަށް ބޭނުންވާ އަސާސްތަކާއި އުސޫލުތައް ބަޔާންކުރާ ލިޔުމެވެ. ޤާނޫނު އަސާސީއަކީ އެ ޤައުމެއްގެ ޤާނޫނީ ބިންގަލެވެ. ރައްޔިތުންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް އަދި ސަރުކާރުގެ ނިޒާމު ހިނގާނެ ގޮތް ހިމެނޭ ޤާނޫނީ އެންމެ އިސް ދުސްތޫރެވެ. އެއީ އެ ޤައުމެއްގެ އެންމެންނާއި އެ ޤައުމެއްގައި ދިރިއުޅޭ އެންމެވެސް އެއަށް ތަބާވާންޖެހޭ، އަދި އެހެނިހެން ފަރާތްތަކުންވެސް އެއަށް އިޙުތިރާމް ކުރަންޖެހޭ ދުސްތޫރެކެވެ. ދިވެހިން އިސްލާމްދީން ޤަބޫލު ކުރުމަށްފަހު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތަސް، ގިނަ ރަސްރަސްކަލުންނާއި ރަނިރަނި ކަނބަލުންނާއި ބޮޑުވަޒީރުންނާއި، ރައީސުން ވެސް ވެރިކަމުގެ ކަންތައްތައް ހިންގަވަމުން ގެންދެވީ އިސްލާމީ އުސޫލުތަކުގެ މަތިން، ރާއްޖޭގެ އާދަކާދައާ އެއްގޮތަށެވެ.

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...