Tuesday, January 17, 2012

މަނަދޫގެ ދޯނި ފަހަރުގެ ތާރީޚު



އަހަރެމެންގެ ރަށުގައި އެއްފަހަރާ ސާޅީސް ވަރަކަށް މަސްދޯނި ދުއްވި ދުވަސްވަރެއް އައިކަމަށް ކުރީ ޒަމާނުގެ މީހުން ބުނެއެވެ. އޭރު މަނަދޫ މީހުންނަކީ ތިލަދުންމައްޗަށް ގޮސް ބަޑަހަ ޖަހައިގެން މަސްވެރިކަން ކުރުމުގައި ނަން އަރާތިބި ބައެކެވެ. މަޝްހޫރު ބައެކެވެ. އެޒަމާން ފެނިފައިވާ މީހުން މިހާރު މަނަދުއަކު ނެތެވެ. ތިބީ އެއަޑުތައް އަހާ މީހުންނެވެ. އޭރު އޮޑިދޯނި ފަހަރަށް ނަންކިޔާ އުޅުނީ ކިހިނެއްކަމެއް ނޭނގެއެވެ. ބުނެވޭ ގޮތުގައި އޮޑިދޯނި ފަހަރަށް ނަންކިޔަން ފެށީ އޮޑިދޯނިފަހަރުވެސް ރަޖިސްޓްރީކުރަން ފެށުނު ހިސާބުންނެވެ. އެހެންނަމަވެސް ތާރީޚަށް ބަލާއިރު އޭގެކުރިންވެސް އޮޑިދޯނި ފަހަރަށް މަނަދޫގައި ނަންކިޔާފައިވާކަން އެނގެއެވެ.

މަނަދޫގައި ވަރަށް ރީތި ނަންތައް އޮޑިދޯނި ފަހަރަށް ކިޔާފައި ހުއްޓެވެ. އޭގެ ބައެއް ނަންނަމުގައި ތިލަ މާނަތަކާއި ފުންމާނަތައް ހުއްޓެވެ. އޮޑިދޯނި ފަހަރު ރަޖިސްޓްރީކުރަންވެގެން ކިޔާފައިވާ އަސްލު ނަންތަކަށްވުރެ ބައެއް ދޯނި ފަހަރުގައި މަސްހޫރުވެފައިވަނީ ވަނަންތަކެވެ. ބޮޑެތި މަސްދޯނި ފަހަރު ރިޔަލުގައި ދުއްވި ޒަމާނަށްފަހު އިންޖީނަށް ބަދަލުވީއިރު އޭރު މަނަދޫގައި ހުރި ގިނަ މަސްދޯނިތައްހުރީ ވަރަށް ބޮޑަށް ދުވަސްވެ ބާވެފައެވެ. މަތި ހަދައިގެންވެސް އިންޖީނު އެޅުނީ މަދު ދޯންޏެއްގައެވެ. އިންޖީނުގައި ކާމިޔާބު މަސްވެރިކަމެއް އެދޯނި ފަހަރަކަށް ނުކުރެވުނެވެ. އެ ދޯނިފަހަރު ފަހުން ސަތަރިދޯންޏަށް ބަދަލުކުރިއެވެ. އެވިޔަފާރީގައިވެސް އެދޯނި ފަހަރު މާކާމިޔާބުވީތަނެއް ނުފެނުނެވެ.

1945 ވަނަ އަހަރުހާ ހިސާބުގައި ނުވަތަ ދެވަނަ ބޮޑުހަނގުރާމަ ނިމުނުއިރު މަނަދޫގައި އޮޑިވެރިންނަކީ މާގިނަ ބައެއް ނޫނެވެ. އޭގެ މާނައަކީ މުއްސަދި އޮތީ ދެތިން އާއިލާއެކެވެ. ބޮޑެތި އޮޑިދޯނި ފަހަރު ނިސްބަތްވަނީ އެއާއިލާތަކަށެވެ. އޭރުތިބީ ޣަނީ ކަތީބު (ޢަބްދުލްޣަނީ ކަލޭފާނު) އާއި  އަޙްމަދު ކަލޭފާނުބެއާއި ޒަކަރީބެ އާއި ހާޖީގެ އިބުރަބެއާއި ކާސިންހާޖީއާއި ހާރޫނު މޫސަބެއާއި ނެވިގޭ އަބޫބެ ކަހަލަ އޮޑިވެރިންކަހަލަ ގިލިތަކުން ގުނާލެވޭނެ މަދު ބައެކެވެ. މިހާރުވަނީ މިހުރިހާ އެންމެންވެސް އަހަރެމެންނާ ވަކިވެ ގޮސްފައެވެ. ހުރިހާ މަރުހޫމުންނަށް ސުވަރުގޭގެ ރަހުމަތް ލައްވާށިއެވެ.

އުޖާލާ، ސިރާތާ، ނަސީރާ، އާކަރު، ވަރުދީ، ލިވަރުޕޫލް، ގުލްޝަނީ، ފިނިފެންމާ، ޝިކާރު، މަސައްރާ، މުނައްވަރު، މުނީރާ، ކަރަންކާ، ދިލާވަރު، ފެހިވިދުވަރު، ބެންކްގުޑުވާލި، މުތީ ބައްތެލި، ފެހެންދޫބައްތެލި، ބޮޑުދޯނި، ހުދުދޯނި، މިހިރީ ކުރީ ޒަމާނުގައި މަނަދޫގައި ދުއްވި ބޮޑެތި އޮޑިދޯނި ފަހަރަށް ކިޔާފައިވާ ނަންތަކެވެ.

އަހަރެމެންގެ ޖީލަށް ފެނުނު ޢަބްދުއްރަހިންބެ ދުއްވި އާކަރާއި ކުރީގެ އާކަރާ އެއީ ދެ ދޯންޏެކެވެ. އަސްލު ކުރީގެ އާކަރަކީ ޢަބްދުއްރަހިންބެގެ ކާފަ މޫސާމަނިކުބޭ ދުއްވި ދޯންޏެކެވެ. އެދޯނީގެ އަސްލު ނަމަކީ އުދުހޭތަރިއެވެ. އާކަރަކީ އެދޯންޏަށްކީ ވަނަމެކެވެ. އެދޯނި ގޮތްމަރު ތުޑިއަށް އަރާ ދެފަޅިވީއެވެ. އެއީ މާޅޮސްމަޑުލުގައި އޮންނަ ފަޅު ރަށެކެވެ. އޭގެފަހުން ނެވިގޭ އަބޫބެ ( ޢަބްދުއްރަހިންބެ ބައްޕަ ) ބަން ދޯންޏަކަށް އާކަރުގެ ނަން ދިނީއެވެ. ނެވިގޭ އަބޫބެގެ ދެން އޮންނަ ދޯންޏަކީ ޖަރީއެވެ. ކާސިން ހާޖީ އާއި ހާޖީގެ އިބުރަބޭގެ ބައްޕަ ހާޖީބޭގެ ހަތަރު ދޯނި ހުއްޓެވެ. އެއީ އުޖާލާ އާއި ސިތާރާ އާއި ނަސީރާ އާއި ހުދުދޯންޏާއި މަސައްރާ އާއި މުނައްވަރާއި ކަރަންކާ އާއި ދިލާވަރެވެ. މި ދޯނިތަކުގެ ތެރެއިން ހާޖީބެ ނިޔާވިއިރު އޮތީ ހަތަރު ދޯންޏެވެ. އެ ހަތަރު ދޯނި ހާޖީބެގެ ތިބި ހަމައެކަނި ދެފިރިހެން ދަރިން ކަމުގައިވާ ހާޖީބެ އިބުރަބެއަށާއި ކާސިންހާޖީއަށް ހަމައަށް ބެހީއެވެ. އިބުރަބެއަށް ލިބުނީ މަސައްރާ އާއި މުނައްވަރެވެ. ކާސިންހާޖީއަށް ލިބުނީ ކަރަންކާ އާއި ދިލާވަރެވެ.
އުޖާލާ ދޯނި ފަހުން ބައްތެއްޔެއްގެ ގޮތުގައި މޮޑިފައި ކޮށް އުޖާލާބައްތެލީގެ ނަމުގައި ދުއްވިއެވެ. ހާޖީބެގެ ނަސީރާ ދޯނި ގެއްލުނު ހާދިސާއަށްފަހު އޭގެން ދަތުރުކުރި މީހުންނާއި އެދޯނީގެ އެއްވެސް ޚަބަރެއް އަދިއަދަށް ދާންދެންވެސް ނުވެއެވެ. އެހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ހާޖީބޮޑުބެ ބައްޕަ ހިމެނެއެވެ. ކަމަނަ ޔޫސުންބެ އަކީވެސް އޮޑިވެރިއެކެވެ. ޔޫސުންބެ ދުއްވި ދޯންޏަށް ކިޔަނީ ވަރުދީ އެވެ. ޣަނީ ކަތީބަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު މަނަދޫގައި ހުރި ކުޑަކަތީބެވެ. މުޙައްމަދު އަމީން މަނަދޫއަށް ކާޑު ހިފައިގެން ދިޔައިރު ހުރީ ޣަނީ ކަތީބެވެ. ޣަނީކަތީބު ނުވަތަ ޢަބްދުލްޣަނީ ކަލޭގެފާނަކީ ވާދުބޭގެ ބޮޑުބެއެވެ. އޭނާ ނިޔާވުމުން އޭނާގެ ދަރިންނެތުމާއެކު ހުރިހާ މުދަލެއް ވާރުތަވީ ވާދުބޭގެ ބައްޕައަށެވެ. ލިވަރުޕޫލަކީ ޢަބްދުލްޣަނީ ކަލޭފާނުގެ ދޯންޏެކެވެ.ވާދުބޭ ދުއްވި ފިނިފެންމާ ދޯންޏަކީ މާފަހުގެ ދޯންޏެކެވެ. އެދޯންޏަށް ރަތްމަސްފަރޭވެސް ކިޔައެވެ. އެހެންކިޔުނީ މަލޭ ދަތުރެއްގައި ރަތްމަސްފަރަށް އެދޯނި އެރުމުންނެވެ. އެ ހާދިސާ ހިނގިއިރު ހާބުބޭ އެދޯނީގައި ހުރިކަމަށްވެއެވެ. ގުލްޝަނީގޭ އަބުދުބޭވެސް ދޯންޏެއް ދުއްވިއެވެ.
ޒަކަރީބެގެދުއްވީ ޝިކާރެވެ.ހާޖީގެ އިބުރަބޭމަސައްރާ، މުނައްވަރު، މުނީރާ ދުއްވިއެވެ.ކާސިންހާޖީކަރަންކާ އާއި އާއި ދިލާވަރު ދުއްވިއެވެ.ނެވިގޭ އަބޫބެގެ ޖަރީ އާއި އާކަރު ދުއްވިއެވެ. ހާރޫނު މުސާބޭ ދޯންޏަށް ކިޔަނީ ފެހިވިދުވަރެވެ. މި ދޯނި ފަހަރަކީ މަހަށްގޮސް ތިލަގަނޑު ޖަހައިގެން ހައްސަ ބާނައިގެން އަންނަ މަހަށްތޫނު ދޯނިފަހަރެވެ.އަޙުމަދު ކަލޭފާނުބޭ ދުއްވި ދޯންޏަށް ކިޔަނީ ބޮޑު ދޯންޏެވެ. އެދޯނި ކަނޑިންމަ މައްޗަށް ބަންޑު ޖަހާލި ހާދިސާއެއްގައި ވަރަށް ގިނަ ބަޔަކަށް އަނިޔާވިއެވެ. އޭގެ ތެރޭގައި ކުރުމޫސަބޭ ހިމެނެއެވެ. ކުރުމޫސަބެއަށް އަނިޔާވީ ދޯނި ބަންޑުންޖަހާ ވައްތޮށްޓަށް އެރުމުންނެވެ. އަޙްމަދު ކަލޭފާނުބޭ ދުއްވި ބައްތެއްޔަށް ކިޔަނީ ފެހެންދޫ ބައްތެއްޔެވެ. އެއީ ފެހެންދޫން ކަލޭފާނުބޭ ގަން ބައްތެއްޔެކެވެ. ކަލޭފާނުބޭ އަތޮޅު ބައްތެލިވެސް ގަނެގެން ދުއްވިއެވެ. އެ ބައްތެއްޔަކީ ކަމަރާގެ ހަދާފަހުރި އެޒަމާނުގެ ފައިވްސްޓަރ "ޔޮޓެކެވެ."ހާޖީގެ އިބުރަބޭގެ މުތީ ބައްތެއްޔާއި އަލީސޮރުގެ"ބެންކްގުޑުވާލި" އަކީ މާލެދަތުރުކުރި ދޯނިފަހަރެވެ. ކެލާ ހަސަންބެގެ ހުދަންބަރަކީ އެދޯނި ބަންނަން ލަކުޑި ކަނޑަށް ދިޔަ ދަތުރެއްގައި ހޮވުނު ހުދަންބަރަކަށް ނިސްބަތްކޮށް ދީފައިވާ ނަމެއްކަމަށް ވެއެވެ. ކުޑައިބުރާހިމުގެ ޒަމާނީ އަކީ ސަތަރިދޯނިތަކުގެ ތެރެއިން މަނަދޫގެ އެއްވަނައެވެ. ވަދުދޯނި ނުވަތަ ކުދި ދޯނި ފަހަރުގެ ތެރޭގައި އިބުރަބޭގެ ތުއްތުބޭ ޖައްރާފު ، ޒަކަރީބޭގެ ބުއްފުޅި، ކެލާ ހަސަންބެގެ ކުޑަތޯލާއި ބޮޑުތޯލާ،  މޮޔައިބުރަބޭގެ ފޮށިއެއްލި، ފަހަކަށްއައިސް މަޝްހޫރި ނަންތަކުގެ ތެރޭގައި ސޯލިންބެ ތުއްތުބޭގެ ތަށިބަރި ހިމެނެއެވެ. މީގެއިތުރުން ވަދުދޯނިތަކުގެ ތެރޭގައިފޭލިބޯ މޫސާބޭ ދޯންޏާއި، ސަންގު ދޮންބެ ދޯންޏާއި، ހަކުރުކަރިންބެ ދޯންޏާއި، ދޮންފުތު މުޙައްމަދުބޭ ދޯންޏާއި، ހައިގިލި އަބޫބެ ދޯންޏާއިދޮންތުއްތުބޭ ދޯންޏާއި ބީރު އަބުރުބޭދޯންޏާއި ދުންބޯ ދުއްލޯބެ ދޯންޏާއި ސީނުއިސްމާޢީލް ދޯނިފަދަ ދޯނިތަކަކީ ވަދުމަސްވެރިކަން ކުރުމުގައި އަރާހުރި ދޯނިފަހަރެވެ. ފަހަކަށް އައިސް ދުއްވި މަސްދޯނިތަކުގެ ތެރޭގައި މިލަދޫ އިބްރާހިމްބެގެ ހިޖުރަ ދޯންޏާއި ގަރުދިޔަ މުހުންމަދު ދޯނި ފާހަގަ ކުރެވެއެވެ.

އަތޮޅުގޭގައިވެސް ދޯނި ދުއްވިއެވެ. ލޯންޗެއްވެސް ދުއްވިއެވެ. ދޯނިތަކުގެ ތެރޭގައި އެހީ،ރަންދެލި، ދެވެންދުނި ހިމެނެއެވެ. ދެވެންދުނި މިއީ ރިޔާނެގި ކުޑަ ދޯންޏެކެވެ. މިދޯނީގައި އެންމެ ފަހުން ކުރި މަސައްކަތަކީ އަތޮޅުގެ އަޅަން މަނަދޫ ފަރުން ގާއެރުވުމެވެ. އެމަސައްކަތަށްފަހު އެދޯނި ނީލަމުގައި ވިއްކާލީއެވެ.އެންމެފަހުން މަނަދޫން ފެނިގެންދިޔައީ އަންބުދުގެ މަނަދޫ ބޯޓެވެ. މިއީ މަނަދޫގެ ތާރީޚުގައިވެސް ދުއްވި އެންމެ ބޮޑު ބޯޓެވެ. މިހާރު މިބޯޓްވަނީ ވިއްކާލާފައެވެ.

Monday, January 16, 2012

މަނަދޫގެ ވިޔަފާރިގެތަކުގެ ތާރީޚް


ޢަބްދުﷲ ސަޢީދު

(ފޮޓޯ: އަޅުގަނޑުގެ ކާފަ ޤާސިމް ހާރޫނު ކޮޅުބަށް ވިޔަފާރިކަމު ކުރެއްވި ދަތުރުފުޅެއްގައި ބޭނުންކުރެއްވި ޕާސްޕޯޓެއް)

މަނަދޫގައި ވިޔަފާރިކުރާ ފިހާރަތަކުގެ ތާރީޚަކީ މާގިނަދުވަސްވީ ތާރީޚެއްނޫނެވެ. އެކަމަކުވެސް ކޮންމެވެސް މީހަކު މި ތާރީޚަށް ކަޅިއެއް އެއްލާނުލައި އޮތިއްޔާ ފަހުން މި ތާރީޚު ހޯދަން ދަތިވެދާނެއެވެ. މިހާރުވެސް ތާރީޚަކަށް އެންމެ އެކަށޭނަ މިންވަރަށް މަނަދޫގައި ކުރިން ހުރި ފިހާރަތަކުގެ ތާރީޚު ލިޔެވޭކަށް ނެތެވެ. އެއީ އެފިހާރަތައް ހިންގި ތާރީޚުތައް އަތުޖެހޭ ހިސާބުގައި ނެތީތީއެވެ.
މިހާރު ލިޔެވެންއޮތީ ފިހާރަތަކުގެ ނަންތަކެވެ. މިއިން ނަމެއްގެ ތެރެއިން ނަމެއް ވެއްޓިފައި އޮތްނަމަ ނުވަތަ އިތުރުކޮށްލަން ބޭނުންވާ ނަމެއް އޮތްނަމަ ކިޔުންތެރިން ކޮމެންޓްސްގައި ލިޔުއްވާށެވެ. އޭރުން ފަހުން އެހެން މީހަކު ކުރާ ދިރާސާއަކަށްވެސް ބޭނުން ހިފިދާނެއެވެ. އަދި މި ކޮލަމްގެ މުއްސަދިކަންވެސް އިތުރުވާނެއެވެ.

މަނަދޫގައި މިޒަމާނުގެ އުސޫލުން ގަނެވިއްކުމުގެ ވިޔަފާރިކުރަން ފެށުނީ "ކާޑުގެ" ދުވަސްވަރުގައެވެ. މަނަދޫ ކާޑުގެ ހުރީ މިހާރު ބިކިރި ރެސްޓޯރެންޓް އެހެރަ )މަނަދޫ ޒުވާނުންގެ ޖަމްޢިއްޔާއަށް ދީފައިވާ ބިމުގެ( ސަރަޙައްދުގައެވެ. ކާޑުގޭގައި ވިއްކާ ހެދީ ކާޑުގެ ބައިވަތްތަކެވެ. އޭރު ވިޔަފާރިކުރީ ބާޓާ ސިސްޓަމަށެވެ. ތަކެތީގެ ބަދަލުގައި ތަކެތި ދޭ އުސޫލުންނެވެ. ކާއްޓާއި މަސް ގަތުމަށްފަހު، ކަނޑޫ، ހަކުރު، ގޮދަން، ޒުވާރި ފަދަ ތަކެތި ދޫކުރާ ގޮތަށެވެ. 

މަނަދޫގައި އަމިއްލަ ގޮތުން ފުރަތަމަ ވިޔަފާރި ކުރަންފެށީ މަނަދޫ ކާސިން ހާޖީއެވެ. މަނަދޫ ފިނިވާގޭގައި މިހާރުވެސް އެ ވިޔަފާރި ކުރި ޢިމާރާތް ފެންނަން އެބަހުއްޓެވެ. އެވިޔަފާރި ކާސިންހާޖީގެ މަރުދުވަހަށް ދެމިގެންދިޔައެވެ. އެފިހާރައަށް ކިޔަނީ "ސަމަރވައިޓް ޝޮޕް" އެވެ. ކުދިން މަޖަލަކަށް "ސަމަރުވައިޓްޝޮޕް، ކަމަނައުމަރުކޯޓް" މިހެން ކިޔާ އަޑު އަހަރެންނަށް އިވެއެވެ. މިހެން ކިޔަނީ މި ފިހާރައަށް ނިސްބަތްކޮށެވެ. މިއީ ސިލޯނުން ސީދާ މުދާގަނެގެން ގެނެސް ވިއްކި ފިހާރައެކެވެ. މުޅި އުތުރުގައިވެސް ނަން މަޝްހޫރު ފިހާރައެވެ. އަހަރެމެންނަށް ވީއިރު ނުވަތަ 1970 ގެ އަހަރުތަކުގައި މިފިހާރަ ވަރަށް ހިނގިއެވެ. އެންޓިޕާއަކީ މިފިހާރައިން ވިއްކި ޚާއްޞަ އެއްޗެކެވެ. އެއީ ފަނިވުމުން ކުޑަކުދިންނަށް ބޯންދޭ ދިޔާ ބޭހެކެވެ. މި ފިހާރައިގެ ވިޔަފާރި މަޑުޖެހިގެންދިޔައީ ކާސިންހާޖީ ބަލިވުމުންނެވެ. އޭރު އެފިހާރައިގައި ހުރި ގިނަ އަދަދެއްގެ ބްރިސްޓޯލް ސިގިރެޓްތަކެއް ފީވުމުގެ ސަބަބުން އުކާލިއެވެ. ވަލުތެރޭގައި ބަބުކެޔޮމޫ ބޮއިހަދަމުންދިޔަ ކުދިން ކާޓޫނު ކާޓޫނުން ރައްކާކޮށްގެން ބޮއި ހެދިއެވެ.

ދެން ފާހަގަކުރެވޭ ތަނަނީ ނ. އަތޮޅު އިސްޓޯރެވެ. ނ. އަތޮޅު އިސްޓޯރަކީ 1970 ގެ ދުވަސްވަރު  މަނަދޫގައި އެންމެ ވަރުގަދައަށް ހިންގި އަނެއް އިސްޓޯރެވެ. އަތޮޅު އިސްޓޯރުގައި އަހަރެމެންނަށް ފެންނަން ފެށިއިރު އިންނަ ސޭޓަކީ މަރުހޫމް މޫސާފުޅުބެއެވެ. އެޒަމާނުގައި ނ. އަތޮޅުގެ ހުރިހާ ރަށަކުން މަނަދޫއަށް އައިސް ވިޔަފާރިކުރެއެވެ. އަހަރެމެން ސްކޫލަށް ދާއިރު އިރުވައި ތޮށީގެ ރަށްރަށުގެ މީހުންގެ ކާޑު ޑަބިޔާތައް ބޭރުގެ ގާގަނޑުމަތީގައި އަތުރާފައިވާތީ ދެކެމެވެ. އޭރު ކިޔުތައް އޮންނަނީ ދަމާލާފައެވެ. އޭރު ދިހަ ލާރިއަށް އަލަނާސި މެޓައެއް ލިބެއެވެ. އަތޮޅު އިސްޓޯރު ގާގަނޑު ކައިރިން ދިހަލާރި ހޮވައިގެން ކުދިން އަލަނާސި މެޓާ ހަމަ އެފިހާރައިން ގަނެއެވެ.

އަތޮޅު އިސްޓޯރުގެ އިތުރުން ދޮންތުއްތުބޭ)ސަޢީދު ޤާސިމް(ގެ "އާފިހާރަ" އަކީ 1990ގެ އަހަރުތަކުގައި މަނަދޫގެ އެއްނަންބަރު ފިހާރައެވެ. އެފިހާރަ ހިންގަންފެށިތާ މާގިނަދުވަހެއް ނުވަނީ މަރުހޫމް ސީނު އިސްމާޢީލް)އިސްމާޢީލް( ގެ "މަތިސްޓަރ" ހުޅުވިއެވެ. އަދި ކަރިންބޭގެ މުޙައްމަދުބޭގެ އިބްރާހިމް )އިބްރާހީމް މުޙައްމަދު( ގެ ޚިދުމަތް ފިހާރައިގެ ޚިދުމަތް މަނަދޫ ރައްޔިތުންނަށް ލިބެން ފެށިއެވެ. ވިޔަފާރީގައި މުޅިން އާނަމެއް އަނެއްކާވެސް އަތުވެއްޖެއެވެ. އެއީ ކެލާ ޝަރީފާގެ އިބްރާހިމް )އިބްރާހީމް ޙުސައިން( ގެ "ގިގުނި" ފިހާރައެވެ. ޚިދުމަތް ފިހާރަ އާއި އާފިހާރައަށްވުރެ މާފުރިހަމައަށް ގިގުނި ހިގަންފެށިއެވެ. ގިގުނީގެ އަޑު ފަޑުވަންފެށީ ދޮންއައިމިންދައިތަގެ ވަހީދު ) ވަޙިދު( ގެ "އާތު" ފިހާރައެވެ. މިހާރު މަނަދޫގައި ހުރި އެންމެ ގިނަ މުދާ އެއްތަނަކުން ލިބޭ އެންމެ ފިހާރައަކީ އާތު ފިހާރައެވެ. ނޫހުބޭގެ ރައްޒާޤު) ޢަބްދުއްރައްޒާޤު ނޫޙު( ގެ "ފަޒާއިސްޓޯރު" ، އަލީ ސޮރު )ޢަބްދުﷲ ޢަލީ( ގެ "މިރުސް އިސްޓޯރު އަހަރެމެންނާ ވަކިވެގޮސްފައިވިޔަސް އަލީސޮރުގެ ޔޫސުބު )ޔޫސުފް ޢަބްދުﷲ(ގެ "މަގަތު" އެއްވާނެއްގައި އެބަހިފަހައްޓައެވެ. ރާކެއްޓު)އިސްމާޢީލް ޢުމަރު(ގެ "ޕެންޒީމާ ސްޓޯރު"، އަލިބެ ރަޝީދުގެ "ސާތު" ފިހާރަ ވަރަށް ހިނގިއެވެ. ކަޑަވައި)އަބޫބަކުރު ޢުމަރު) ހިންގި ފިހާރައާއި މާޅެންދޫ ކާސިންފުޅުބެ ހިންގަމުންދާ ފިހާރައިގެ ނަން ކުއްލިއަކަށް ހަނދާނަކަށް ނައެވެ.

މިހާރު މަނަދޫގައި ޒަމާނީ އާ ގޮތްތަކަށް ވިޔަފާރިތައްދަނީ ބަދަލުވަމުންނެވެ. ގަދީމީ ގޮތްދޫކޮށްލައި ޒަމާނީ ކުލަތަކާއި ރަހަތައްދަނީ ތަޢާރަފުކުރަމުންނެވެ. އެގޮތުން ޖޯކޭ ) ޢަބްދުލްޙަމީދު ޙުސައިން( ގެ "ނިއުވިއު" އަކީ މަނަދޫގެ ވިޔަފާރީގެ ސްޓައިލް ބަދަލުކޮށްލި ފިހާރައެކެވެ. ހަމަ އެހެންމެ ސޯލިންބެގެ އަޙްމަދު )އަޙްމަދު ޝިޔާމް( ގެ މައިސްޕޮޓް ފާހަގަކުރެވެއެވެ. މަނަދޫގައި ކޮމްޕިއުޓަރ ވިޔަފާރި ފުރަތަމަ ކުރަންފެށީ މަނަދޫ ކުންނަމަލައިގައި ހުޅުވި "ޓެކްގައިސް" އިންނެވެ.

ބޭސްފިހާރަތައް މަނަދޫގައި އިތުރުވެގެންދިޔައިރު މި ވިޔަފާރި މަނަދޫއަށް އަދި މުޅި ނ. އަތޮޅަށްވެސް ތަޢާރަފުކުރީ މަނަދޫ ކަރަންކާވިލާ އިބްރާހިމް މަނިކު )ހާރޫނު މޫސަގެ މަނިކު( އެވެ. އޭނާގެ "ފުރަވެރި" ބޭސްފިހާރައަށްފަހު ރައްޔިތުންގެ "ފަސްސަންގު" ބޭސްފިހާރަ ހުޅުވިއެވެ. ފުރަވެރި ފުރަތަމަ ހިންގީ ކަރަންކާވިލާގައެވެ. މިހާރު ފުރަވެރި އެހިންގަނީ ތިންވަނަ ތަނުގައެވެ. ވިޔަފާރީގައި ތެޔޮދޮންބެ )ޢަބްދުﷲ މޫސާ( އަކީ ނަމޫނާއެކެވެ. ފުރަތަމަ ތަނެއް ކުއްޔަށް ހިފައިގެން ވިޔަފާރި ކުރަން ފެށީ އޭނާއެވެ. އެއްފަހަރާ މަނަދޫގައި ދެ ފިހާރަ ހިންގީވެސް އޭނާއެވެ.

މިހާރު މަނަދޫއަކީ ޖޫގޯގެ ވިޔަފާރިވެސްކުރާ ރަށެކެވެ. ޖޫގޯގެ ވިޔަފާރި ފުރަތަމަ ފެށީ މަނަދޫ ނިޝާންގައި "އެމްކިޔުބް" ގެ ނަމުގައި އަޙްމަދު ފައިސަލް )އިބްރަބޭ ތުއްތުބޭގެ ފައިސަލް( އެވެ. މަނަދޫ ލިލީގައި މިހާރު މަޢުރޫފް ޢަބްދުލްޢަޒީޒު )މާއްޓޭ( ވެސް ޖޫގޯގެ ޚިދުމަތްދެއެވެ. ހާޑްވެއަރ ފިހާރަތަކަށް ބަލާއިރު ފުރަތަމަ ހުޅުވީ މަނަދޫ ޒުވާނުންގެގުޅުމުގެ ޢިމާރާތުގައި ދޮންތުއްތުބޭގެ މުޙައްމަދު )މުޙައްމަދު ސަޢީދު( ހުޅުވި ހާސާ ހާޑްވެއަރ އެވެ. މިހާރު އާތުހާޑްވެއަރ ވަނީ އާތުވަހީދު ހިންގަން ފަށާފައެވެ. މިހާރު އެފިހާރައަކީ ބޭނުންކުލައެއް މެޝިން ބޭނުންކޮށްގެން މިކްސްކޮށް ތައްޔާރުކޮށް ފޯރުކޮށްދޭ ޒަމާނީ ފިހާރައެކެވެ. ހަނދާން ބަލި ނޫނިއްޔާ ބައިޓީ ) ޢަބްދުﷲ މުޙައްމަދު( ހިންގި "ބިނާ އިސްޓޯރު" އާއި ޢަބްދުއްރަޙިންބެ ހިންގި ފިހާރައާއި މަރުޙޫމް މަނަދޫ ޢަބްދުއްސައްތާރު ހިންގި ސަންލައިޓް ޝޮޕް ހަނދާނަށް އަންނާނެއެވެ. މި ސަންލައިޓް ޝޮޕް ފުރަތަމަ ހިންގީ މަނަދޫ ފިނިވާގޭގައި ކުރިން ސަމަރުވައިޓް ޝޮޕް ހިންގި ތަނުގައެވެ.

މަނަދޫގެ ވިޔަފާރިތައްދަނީ ކުރިއަށެވެ. ސައިފިހާރަތަކާއި ވަޑާންކުރާ ތަންތަންދަނީ އިތުރުވަމުންނެވެ. ތަފާތު އެކި ބާވަތްތަކުގެ ވިޔަފާރިކުރާ ވިއްސަކަށް ފިހާރަ މިހާރު މަނަދޫގައި އެބަހުއްޓެވެ. ކޮމެންޓްސް ކުރައްވާ ބޭފުޅުން ފިހާރަތަކާއި އެތަންތަނުގެ ވެރިންގެ ނަންތައް ކޮމެންޓްސްގައި ހިމަނުއްވާށެވެ. އޭރުން މިލިޔުން އިތުރަށް ފުރިހަމަ ވާނެއެވެ.

އޮޕަރޭޝަން ކޮޅުފުށި ރިލީފް-2011

ޢަބްދުﷲ ސަޢީދު- 

މ. ކޮޅުފުށްޓަކީ 2004 ޑިސެމްބަރ 26 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންލިބުނު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މ. އަތޮޅުގެ ކޮޅުފުށްޓާއި ވާރެއާފުށްޓަކީ މިހާރު އެއްރަށެކެވެ. އެކަމަކު ވާދަވެރި ދެއަވަށެވެ. ސުނާމީއަށްފަހު ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާތާ ހަތް އަހަރުވެފައިވާ ކޮޅުފުށީގެ ރައްޔިތުންނަށް 2011 ޑިސެމްބަރ 18 ވަނަ ދުވަހުގެރެއަކީ ބިރުވެރި ރެއެކެވެ. އެރަށު މީހުން ސިފަކުރަނީ އެއީ ސުނާމީއަށްވުރެވެސް ބިރުވެރި ރެއެއްގެ ގޮތުގައެވެ. ސުނާމީގައި ގެދޮރުގެއްލުމުގެ ސަބަބުން ވަގުތީ ހިޔަލުގައި ދިރިއުޅުން ވޭތުކުރަމުންދަނިކޮށް ކޮޅުފުށީގައި ހުރި ސުނާމީ ހިޔާތަކުގެ ތެރެއިން އެންމެ އިރުމައްޗަށްހުރި ހިޔަލުގައި އަލިފާންރޯވެ އަނދައިގެން ދިޔައީ އެވަގުތު އެތަނުގައި ނިދަންތިބި މީހުން ލައިގެން ލިބި އަންނައުނު ފިޔަވާ އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވިއެވެ. އެ ޚަބަރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާގުޅިގެން ރިލީފް އޮޕަރޭޝަނެއް ވަގުތުން ފެށުނެވެ.

ވަގުތީ ހިޔާ
އަލިފާން ރޯވި ވަގުތީ ހިޔަލަކީ ޢިމާރާތް ވަށައިގެން ބޭރު ފާރު އެއްފޫޓަށް ރޭނުމަށްފަހު ދަގަނޑުހޮޅިން މުޑިޖަހާ ދަގަނޑު ހޮޅިން ޓްރަސް އަޅައިގެން ލަކުޑި ފައްޗާއި ފްލައިވުޑް ފިލާ ބޭނުންކޮށްގެން ކޮޓަރިތައްވަކިކޮށް ދެފުރާޅަށްވާގޮތަށް ހަދާފައިވާ ޢިމާރާތެކެވެ. މިއީ ދެފަރާތުން ވަދެނިކުމެވޭގޮތަށް ފަރާތެއްގައި 20 ކޮޓަރި ހަދާފައިވާ 40 ކޮޓަރީގެ ޢިމާރާތެކެވެ. 160 ފޫޓް ދިގު 24 ފޫޓް ފުޅާ މި ހިޔަލުގައި  108 މީހުން ދިރިއުޅެއެވެ. އެއީ 49 އަންހެނުންނާއި 59 ފިރިހެނުންނެވެ. 18 އަހަރުންމަތީގެ 73 މީހުން ތިބިއިރު 18 އަހަރުން ދަށުގެ 35 ކުދިން މި ޢިމާރާތުގައި ދިރިއުޅެއެވެ. މިއީ 20 ގެއެއްގެ މީހުންނެވެ. މި އަލިފާނުގެ ހާދިސާ ކުރިމަތިވިރޭ އެތަނުގައި ތިބީ 44 މީހުންނެވެ.

އަލިފާންރޯވުން
ވަގުތީ ހިޔަލުގައި އަލިފާން ރޯވީ 2011 ޑިސެމްބަރ 18 ވަނަ ދުވަހުގެރޭ ދަންވަރު 1:15 ގައެވެ. މިކަން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް އެނގިފައިވަނީ 1:42 ގައެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް މިޚަބަރު ދީފައިވަނީ ފަޔަރ އެންޑް ރެސްކިޔު ސާރވިސް އިންނެވެ. ފުރަތަމަ އަލިފާން ރޯވި ރަންދޯދި ގޭގެ ކޮޓަރި ހުންނަނީ ވަގުތީ ހިޔަލުގެ ގާތްގަޑަކަށް މެދާހިސާބުގައެވެ. އެވަގުތު އެތަނުގައި އެއްވެސް މީހަކު ނެތެވެ. އަލިފާން ރޯވެފައި ހުރިތަން ފެނުމާއެކު ހިޔަލުގައި ތިބި މީހުން ނިކުމެ އަލިފާން ނިއްވުމުގެ މަސައްކަތްފެށިއެވެ. އަލިފާން ރޯވެފައިވާ ކޮޓަރީގެ ދޮރު ވައްޓާލުމާއެކު އަލިފާންގަނޑު މުޅިތަނަށް ފެތުރިގެން ދިޔައެވެ. މި ހާދިސާގައި މުޅި ޢިމާރާތާއި ޢިމާރާތުގައި ހުރި ހުރިހާތަކެއްޗެއް އަނދައިގެންދިޔައެވެ. އޭގެތެރޭގައި ފައިސާއާއި އަންނައުނާއި ޕާސްޕޯޓާއި އައިޑީކާޑް ފަދަ މުހިންމު ލިޔެކިޔުންތައްވެސް ހިމެނެއެވެ. މީގެ އިތުރުން 3 ސައިކަލާއި ފެންއަޅާ 13 ކަޅުހަންއަނދައިގެން ގޮސްފައިވެއެވެ. މި އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓް ޝޯޓަކުން ކަމަށް ލަފާކުރެވެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް
       އަލިފާން ރޯވިކަން އެނގުމާއެކު ވަގުތީ ހިޔަލުގައި ދިރިއުޅޭ މީހުން އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. ފުރަތަމަ އަލިފާން ނިންވުމަށް ބޭނުންކުރީ އެސަރަޙައްދުގައި ބޯފެން ރައްކާކޮށްފައިހުރި ކަޅުހަންތަކުން ބޯފެނާއި، ހޮޅިއަޅައިގެން މޫދުން ލޮނު ނަގައިގެންނެވެ. މިއަލިފާންގަނޑު ނިވާލީ ކޮޅުފުށީގެ ރައްޔިތުންގެ މަސައްކަތުންނެވެ. ކޮޅުފުށީގެ ރައްޔިތުންނާއެކު އެރަށުގައި ދާއިމީ ގެތައް އެޅުމުގެ މަސައްކަތްކުރަމުންދިޔަ އެމްޓީސީސީގެ މުވައްޒަފުންނާއި ވެހިކަލްތައްވަނީ ހަރަކާތްތެރިވެފައެވެ. އަލިފާންގަނޑު ނިވާލެވުނީ 3:48 ގައެވެ.
       އަލިފާން ރޯވިކަމުގެ މަޢުލޫމާތު ލިބުމާއެކު ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ފަޔަރ ފައިޓަރުންނާއެކު ފަޔަރބޯޓް (އެކޯ-9) މާލެއިން ފުރައިގެން ކޮޅުފުށްޓަށް ދަތުރުކުރިއެވެ. ހަތަރު ގަޑިއިރުގެ ދަތުރަކަށްފަހު ފަޔަރ ބޯޓަށް ކޮޅުފުށްޓަށް އާދެވުނީ ހެނދުނު 6:13 ގައެވެ. ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ. ކައްދޫގައި ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ އަލިފާން ނިއްވާ ބޭކަލުންނާއި އެކަމާގުޅޭ ސާމާނެއް އަދި މިވަގުތަކު ޤާއިމުކުރެވިފައެއް ނުވެއެވެ. މ. މުލީގައި ތިބި ފުލުހުންނަށް ކޮޅުފުށްޓަށް ދެވުނުއިރުވެސް އަލިފާންގަނޑުވަނީ ނިންވާލާފައެވެ.

ރިލީފް އޮޕަރޭޝަން

       ކޮޅުފުށީ ރައްޔިތުންގެ ތެރެއިން ހާލުގައި ޖެހުނު މީހުންނަށް ދިރިއުޅެވޭނެ ގޮތަކާއި ނިދާހެދޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސެންޓްރަލް އޭރިއާ ހެޑްކްއޯޓާރޒް ލ. ކައްދޫއިން ދިޔަ ޓީމަށް ކަޅައިދޫއަށް ދެވުނީ މެންދުރު 12:15 ގައެވެ. ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ރިލީފް އޮޕަރޭޝަނަށް ލިބުނު ތަކެތި ހިފައިގެން ކޯސްޓްގާޑު އިސްކަންދަރު ލޯންޗްގައި ސެންޓްރަލް އޭރިއާގެ ހުޅުލޭ ޕޯސްޓްގެ ސިފައިންގެ ޓީމު ކޮޅުފުށްޓަށް ދިޔައީ 17:30 ގައެވެ.
       މި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން ސުނާމީގައި ހާލުގައިޖެހިފައިވާ ކޮޅުފުށީގެ ރައްޔިތުންގެ "ރިހޭފައިމައްޗަށް (ވަނީ) ފޮއި ވެއްޓިފަ"އެވެ. ކުޑަކުދިންގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމާއި ހާސްކަމެވެ. އަންހެންވެރިން ތިބީ "ހިމޭން" ވެފައެވެ. ސެންޓްރަލް އޭރިއާގެ ސިފައިން ކޮޅުފުށީގައި ރިލީފް އޮޕަރޭޝަން ފަށާ ހާލުގައި ޖެހިފައިވާ މީހުންނާ ބައްދަލުކޮށް އެމީހުންނަށްވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ހާލުގައި ޖެހުނު މީހުން ތިބުމަށް ކޮޅުފުށީ ސްކޫލް ހަމަޖައްސާފައިވިޔަސް ހާލުގައި ޖެހުނު މީހުން ބޭނުންވީ އެމީހުންގެ އާއިލާތަކާއެކު ތިބުމަށެވެ. އެހެންކަމުން އެމީހުންނަށް ބޭނުންވާނެ ގޮދަޑިއާއި ބެޑްޝީޓާއި ރަޖަލާއި ޓީޝާޓާއި ބަދިގެ ސެޓްފަދަ ތަކެތި ސިފައިންވަނީ އެމީހުން ތިބި ތަންތަނަށް ގެންގޮސްދެވިފައެވެ. ސެންޓްރަލް އޭރިއާއިން ހިންގި ރިލީފް އޮޕަރޭޝަން ނިންމާލީ 2011 ޑިސެމްބަރ 20 ވަނަ ދުވަހުއެވެ.

ކޮޅުފުށީ ދާއިމީ ހިޔާތައް
       ސުނާމީގައި ހާލުގައި ޖެހުނު ކޮޅުފުށީ ރައްޔިތުންނަށް ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެމްޓީސީސީއިން މި އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތާ ހަވާލުވެފައިވަނީ 2009 އޮކްޓޯބަރ 17 ވަނަ ދުވަހުއެވެ. އޭގެކުރިން ރެޑް ކްރޮސް ޖަމާޢަތުން ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށި މަޝްރޫޢުވަނީ ޚިޔާލު ތަފާތުވުންތަކާއެކު ކުރިއަށް ނުގެންދެވި ހުއްޓިފައެވެ. އެ މަޝްރޫޢަށް ކޮޅުފުށްޓަށް ގެންދިޔަ ސިމެންތިތައް ގަނޑުވެފައި އަތިރިމަތީގައި އެބަހުއްޓެވެ. ހިލައާއި ހިލަވެލިތައް އެކި ހިސާބުތަކުގައި ފުނިފުންޏަށް ހުރިއިރު އެ މަސައްކަތަށް ގެންދިޔަ ދަގަނޑުތައް ފީވެ ހަލާކުވަމުން އެބަދެއެވެ.
       ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢުގެ ދަށުން ކޮޅުފުށީގައި 167 ގެ އެޅުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 120 ގެ ވަނީ ރާނާ ނިމިފައެވެ. މިއީ 2012 ވަނަ އަހަރުގެ މާޗްމަހުގެ 17 ވަނަ ދުވަހަށް ނިންމުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.

ކީރިތި ރަސޫލާގެ ލީޑަރޝިޕް

 
ޢަބްދުﷲ ސަޢީދު   
 
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ޤާއިދެކެވެ. ހަނގުރާމަވެރި ކޮމާންޑަރެކެވެ. ހަނގުރާމަތަކުގައި އިތުރު އެކަލޭގެފާނު ކޮމާންޑަރެއްގެ ގޮތުން ނެންގެވި ޑިސިޝަންތަކާއި ޢަމަލުކުރެއްވި ގޮތްތައް ދިރާސާކުރުމަކީ މުހިންމު ކަމެކެވެ. އަސްކަރީ އެކިއެކި ހާދިސާތަކާގުޅިގެން ކީރިތި ރަސޫލާ އެޅުއްވި ފިޔަވަޅުތަކާއި ނެންގެވި ޑިސިޝަންތައް ތަފާތު ފަންތީގެ އިސްލާމީ އަސްކަރީ ކޮމާންޑަރުންނަށް އެނގުމަކީވެސް މުހިންމު ކަމެކެވެ. ކީރިތި ރަސޫލާގެ ލީޑަރޝިޕް ކޮމާންޑް ފިލޯސަފީގެ މައިގަނޑަކީ އިތުރު އެކަލޭގެފާނާ ﷲ ޞުބުހާނަހޫ ވަތަޢާލާ ޙަވާލުކުރައްވާފައިވާ މަތިވެރި ވާޖިބު އަދާކުރެއްވުމަށް އިސްކަން ދެއްވުމެވެ. އިސްލާމީ ރިސާލަތު ފޯރުކޮށްދެއްވާ ނަމޫނާ މިސާލުން މަގުދައްކަވާ އިސްލާމީ އުންމަތް ބިނާކުރެއްވުމެވެ. ނަތީޖާއަކީ އެކަލޭގެފާނުގެ ލީޑަރޝިޕަށް ގޮންޖަހާލެވޭފަދަ ލީޑަރެއް ދުނިޔޭގެ ތާރީޚު ދެކެފައިނުވުމެވެ.  
 

Saturday, December 24, 2011

ދިވެހި ތާރީޚުގެ ތެރެއިން ޅ. މާފިލާފުށި

ދިވެހި ތާރީޚުގެ ތެރެއިން ޅ. މާފިލާފުށި

ޢަބްދުﷲ ސަޢީދު- 

ޅ. މާފިލާފުށްޓަކީ މިހާރު ސިފައިންނަށް ސަރުކާރުން ދެއްވާފައިވާ ރަށެކެވެ. އެއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މެރިންކޯ ޓްރޭނިންގ ސްކޫލާއި ކޯސްޓްގާޑް ޓްރޭނިންގ ސްކޫލް ހިންގަމުންދާރަށެވެ. ކުރިން މީހުން ދިރިއުޅެފައިވާ އަދި ދިވެހިތާރީޚުގައި އެރަށުގެ ވާހަކަތައް ލިޔެވިފައިވާ ފާދިއްޕޮޅު މާފިލާފުށި ސިފައިންގެ ތަމްރީނުތަކުގެ މުހިންމު މަރުކަޒަކަށް ވަނީ ބަދަލުވެފައެވެ. މާފިލާފުށި އޮންނަނީ ފާދިއްޕޮޅުގެ ހުޅަނގު ދެކުނުގައިވާ އަޑީގެ އުތުރުގައި، ލޯކުރެންދޫގެ ހުޅަގު އުތުރުގައެވެ. އެއީ، ކުރީ ޒަމާނުގައި މީހުން ދިރިއުޅުނު މާރަށެކެވެ. އެރަށުގައި މީހުން ދިރިއުޅެފައިވަނީ ރަށުގެ އުތުރުކޮޅުގައެވެ. މާފިލާފުށި އޮންނަ ފަޅުގައި އިރުމަތީގައި މާކޯ އާއި މެދަފުށިކިޔާ ދެފަޅުރަށް އޮވެއެވެ. ހުޅަނގުކޮޅުގައި މީދާހުރާކިޔާ ފަޅުރަށެއް އޮވެއެވެ. ޅ. މާފިލާފުށްޓަށް އަޅުގަނޑު އެންމެ ފުރަތަމަ ދިޔައީ 2010 ވަނަ އަހަރުއެވެ. އޭރުއެއީ ސިފައިންގެ ރަށެކެވެ. އެހެންނަމަވެސް އޭރުވެސް އެރަށުގައި ފަސްދޮޅަހަކަށް މީހުން ދިރިއުޅެމުން ގެންދެއެވެ.
       މާފިލާފުށީގައި ދިރިއުޅެމުންދާ މީހުންގެ ގޮތުގައި އަޅުގަނޑަށް ފެނުނު މީހުންނަކީ މާފިލާފުށީގައި އުފަންވެ އުޅެބޮޑުވިބައެއް ނޫނެވެ. އެއީ އެރަށުގައި ވަޒަންވެރިވުމަށް ގޮސްއުޅުނު އާއިލާތަކެވެ. އޭރުވެސް އެރަށުގެ ވަލުތެރޭގަޔާއި ރަށުތެރޭގައި މާކުރިން މީހުން ދިރިއުޅެފައިވާކަމުގެ ނިޝާންތައް ފެންނަންހުއްޓެވެ. ބޮޑެތި ގަބުރުސްތާނުތަކާއި ދުވަސްވީ ގާފޮޅުތަކެވެ. ސިފައިންގެ ރަށަކަށް މާފިލާފުށި ހަމަޖައްސަވާފައި އޮތުމާއެކު އެރަށުގެ ޤަދީމީ ތާރީޚާއި އެރަށާބެހޭގޮތުން މީހުންގެ ތުންތުންމަތިން ދެކެވެމުންއައިސްފައިވާ ފޯކްލޯރްތައް ހޯދުމުގެ ޝަޢުޤުވެރިކަންބޮޑުވިއެވެ.
       މާފިލާފުށީގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެންފެށީ ކިހާދުވަސްވަރެއްގައި ކަމެއް ނޭނގެއެވެ. އެހެންނަމަވެސް އެރަށް ތިން ފަހަރެއްގެ މަތިން ފަޅުވިކަމަށް ވާހަކަ ދެކެވެއެވެ. އެރަށުގައި ރަސްކަމެއް ހިންގިކަމަށާއި އެއީ އެދުވަސްވަރު ފާދިއްޕޮޅުގައި އޮތް ނަގާކިޔާ އާބާދީބޮޑު ރަށެއްކަމަށްވެސް ބުނެވެއެވެ. މާފިލާފުށީގައި ރަސްކަންކުރެއްވީ ސާމިޔާ ފާށަނާ ކިލެގެފާނެވެ. ސާމިޔާ ފާށަނާކިލެގެފާނަކީ ގަޑުވަރުތެރޭގައި އުޅުއްވި ދައުލަތުގެ ވަޒީރެކެވެ. ފަރަންސޭސި ލިޔުންތެރިޔާ ޕިރާޑް ލިޔުއްވާފައިވާ ގޮތުގައި އޭނާއަށް 1602މ. ގައި ރާއްޖެވަޑައިގެންނެވުނުއިރު ސާމިޔާ ފާށަނާ ހުންނެވީ ރަންނަބަޑޭރި ތަކުރުގެ މަޤާމުގައެވެ. ޕިރާޑް ދަތުރުކުރި "ކޯބިން" ކިޔާނާ ބ. ގޮއިދޫ ފަރަށް 1602 ޖުލައި 2 ގައި އުރުމާގުޅިގެން ސަރުކާރުގެ ފަރާތުން އެނައުދޮށަށް ފޮނުވީ ސާމިޔާ ފާށަނާއެވެ. ސާމިޔާ ފާށަނާއަކީ ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ އަނބިކަނބަލުން އައިޝާ ކަނބާއާ އެއްބަޑު އެއްބަފާ ބޭފުޅެކެވެ. ކަލާފާނުގެ ކައިވެނިފުޅާ ގުޅިގެން ސާމިޔާ ފާށަނާ ގަނޑުވަރަށް ވަޑައިގަތީއެވެ. ކަލާފާނު ޝަހީދުވުމަށްފަހު ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ނުވަތަ ބޮޑު ރަސްގެފާނު މީލާދީން 1620 ން 1648 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. "ކަޅުތުއްކަލާ" ގެނަމުން މަޝްހޫރުވެފައިވާ މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާވެސް ކަނބާ ޢާއިޝާ އާއި ކައިވެނި ބައްލަވައިގެންފި އެވެ. މިކަނބާއައިޝާ އާއި ސާމިޔާފާށަނާ ކިލެގެފާނުގެ އުފަންރަށަކީ ޅ. މާފިލާފުށްޓެވެ.
މާފިލާފުށީ ރަސްގެފާނު  
ބޮޑުރަސްގެފާނުގެ ރަސްކަމުގައި އެއްފަހަރަށްވުރެ ގިނަފަހަރު ސާމިޔާ ކިލެގެ ރަސްކަން ހިއްޕެވުމަށް މަސައްކަތް ކުރެއްވިއެވެ. މިނަންގަތް ސާމިޔާ ކިލެގެ އަކީ ދިވެހި ތާރީޚްގައި މަޝްހޫރު މާފިލާފުށީ ރަސްގެފާނު އެވެ. އެތައް ފަހަރަކު ސާމިޔާ ކިލެގެ އަތުލައިގެންނެވުމަށްޓަކައި މާފިލާފުއްޓަށް ރަދުން ލަޝްކަރު ފޮނުވަން ޖެހިވަޑައިގަތެވެ. އެންމެ ފަހުން މާފިލާފުށީ ރަސްގެފާނު ފިލާވަޑައިގެން މަލިކަށް ވަޑައިގެންނެވީ އެވެ. މަލިކުގައި ހުންނަވަނިކޮށް މާލޭގެ ލަޝްކަރު ގޮސް އޭނާ ހައްޔަރުކޮށް ރިހި ހިލިހިލާ ޖަހައިގެން މާލެ ގެނައީ އެވެ. ސާމިޔާ ކިލެގެ އަވަހާރަވީ ފުވައްމުލަކަށް އަރުވާލާފައި ހުންނަވަނިކޮށެވެ. ސާމިޔާފާށަނާ އަވަހާރަވެ ފަސްދާނުލައިފައިވަނީ ރަސްގެފަންނު (މާލެގަމުއަވަށު) ހުކުރުމިސްކިތް ދޮށުގައެވެ. އެމިސްކިތް ހުންނަނީ ބަންޑާރަކިޅިޔާއި، ރަސްގެފަންނާ ދޭތެރޭގައެވެ.

ކޯމާރެ ސަރަޙައްދުގެ ނާމާންކަން

ރަސްކަމުގެ ކޮއިލުތެރެއިން ނިކުމެވަޑައިގެން ސާމިޔާ ފާށަނާކިލެގެފާނު މާފިލާފުށްޓަށް ވަޑައިގެންނެވިއިރުވެސް މާފިލާފުށީގައި މީހުން ދިރިއުޅުނެވެ. މާފިލާފުށި ފުރަތަމަ ފަޅުވީ "މާފިލާފުށީ ރަސްގެފާނު" ގެ ރަސްކަން ނެތިދިއުމާގުޅިގެން ކަމަށްބެލެވެއެވެ. އެހެންނަމަވެސް އެރަށް ފަޅުވީ "ފުރޭތަ" އަރާ ރަށް ނާމާންވެގެންކަމަށްވެސް ބުނެވެއެވެ. އެފޯކްލޯރު ކިޔާގޮތުން ރޭގަނޑަށް ގޭގެ ތަންޑުގަނޑުތަކަށްދަމާ، ފާޑުފާޑުގެ ބިރުވެރި އަޑުތައް ރަށުތެރެއިން އިވި، ރޫޙާނީ ކަންތައްތައް މީހުންނަށް ފެންނަން ފެށުމުން ބިރުން އެރަށުން މީހުން ފޭބީއެވެ. މާފިލާފުށްޓަކީ ބިރުވެރި ކަންތައްތައް ފެންނަ ނާމާން ރަށެއްކަމަށް އެ އަތޮޅުގެ ދުވަސްވީ މީހުން ބުނެއެވެ. ވަކިން ޚާއްޞަކޮށް އެރަށުގެ އިރުމަތީ ކޮޅުގައި އޮންނަ "ކޯމާރެ" ސަރަޙައްދަކީ އެފަދަ ކަންތައްތައް ވަރަށް ގިނައިން ދިމާވާ ސަރަޙައްދެއްކަމަށް ބުނެވެއެވެ. އެންމެފަހުން ވަރުވާއަށް މާފިލާފުށި ލިޔުއްވައިގެން އުޅުއްވީ ނައިފަރު ދޮންކަލޭފާނެވެ. އޭނާ އެރަށް ލިޔުއްވައިގެން 35 ވަރަކަށް އަހަރުވަންދެން އުޅުއްވިއިރު، އެރަށަށް ދަރުހޮވަންދާ ނައިފަރު މީހުންނާއި އެއަތޮޅުގެ އެހެން ރަށްރަށުގެ މީހުންވެސް ކޯމާރެ ސަރަޙައްދުން ދަރުހޮވާނަމަ މެންދުރުވުމުގެ ކުރިން އެ ސަރަޙައްދު ދޫކޮށް ނިކުންނަކަމަށްވެއެވެ. އެދުވަހެއްގައި ހޮވިދަރު މެންދުރުވުމުގެ ކުރިން ނުނެރެވިއްޖެނަމަ ދެން އެދަރު އެމީހުން ނެރެނީ އަނެއްދުވަހު ހެދުނުއެވެ. މެންދުރުވަގުތު އާންމުކޮށް އެ ސަރަޙައްދުން ވާވަނުމާއި މަގުއޮޅުންފަދަ ކަންތައްތައް ދިމާވާކަމަށް ނައިފަރުގެ ދުވަސްވީ މީހުން ބުނެއެވެ. އޭރު މާފިލާފުށީ ރަށްވެރިގެ ހުންނަނީ ޕްރޮޖެކްޓް އޮފީސް ހިންގި ޢިމާރާތް ހުންނަ ހިސާބުގައެވެ. ކޯމާރެ ސަރަޙައްދަކީ މިހާރު ބަޑިޖެހުމަށް ސިފައިން ހަދާފައިވާ ރޭންޖްގެ އިރުމަތީ ފަރާތުން އޮންނަ ގަބުރުސްތާނުގެ އިރުމައްޗެވެ.

ނައިފަރާއި ހިންނަވަރުގައި މީހުން ވަޒަންވެރިވުން
ޅ. އަތޮޅުގައި މިހާރު އެންމެ އާބާދީބޮޑު ނައިފަރާއި ހިންނަވަރުގައި މީހުން ވަޒަންވެރިވީ ވަރަށް ފަހުންކަމަށް ބުނެވެއެވެ. އެދެރަށުގައި މީހުން ވަޒަންވެރިވުމުގެ ކުރިން މާފިލާފުށީގެ އިތުރުން ކަނިފުށްޓާއި، ކުރެއްދޫއާއި، މާބިންހުރާއާއި ދިއްފުށިމާދޫ އަދި ހުރަވަޅީގައިވެސް މީހުން ދިރިއުޅުނެވެ. ނައިފަރާއި ހިންނަވަރާ ދެމެދު ޒަމާނުއްސުރެ ބޮޑު ވާދަވެރިކަމާއި ފިތުނަވެރިކަމެއް އޮވެއެވެ. އެއީ އެދެރަށުގައި މީހުން ވަޒަންވެރިވީ ދުވަހުންފެށިގެން އޮންނަ ކަމެއްކަމަށް ބުނެވެއެވެ. ބުނެވޭ ގޮތުގައި އެދެރަށުގައި ވަޒަންވެރިވީ އެއަތޮޅު ހުރަވަޅި މީހުންނެވެ. ރަށުތެރެ ފިތުނަވެ އުޅެވެންނެތިގެން މީހުންފައިބާ ހުސްވި، ހުރަވަޅި މީހުން ތިން ރަށެއްގައި ވަޒަންވެރިވިއެވެ. އެއީ ހއ. ދިއްދޫ އާއި ޅ. ނައިފަރާއި ޅ. ހިންނަވަރެވެ. އެދުވަސްވަރު އެއަތޮޅުގައި ވާރުކުރީ ދިއްފުށިމާދޫގައެވެ. އަތޮޅުވެރިން އަތޮޅުވަށި ޖެހުމުގެ ތެރޭގައި ހުރަވަޅިއަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުން ވަރަށް ރީތި އަންހެން ކުއްޖަކު ފެނިވަޑައިގެން ހިތްޕުޅާ ހަމަކުރެއްވީއެވެ. އޭރު އެރަށުގައި ބޭރު ކަރަތަކަށް ދަތުރުކުރާ ދެ ބަގަލާ އޮޑި އޮވެއެވެ. ހުރަވަޅީގެ މުއްސައްޖެއްގެ ރީތި އަންހެން ކުއްޖަކާ އަތޮޅުވެރިން ހިތްޕުޅާ ހަމަކުރެއްވުމުގެ ސަބަބުން އުފެދުނު ފިތުނަގަނޑުގައި އެރަށް ފަޅުވީ ކަމަށް ބުނެއެވެ. މުއްސަދި ވިޔަފާރިވެރިންގެ ތެރެއިން ގިނަ ބަޔަކު ބަދަލުވީ ހިންނަވަރަށެވެ. ކިޔަވައިގެން ތިބި އެދުރު ބޭކަލުންކަހަލަ ޢިލުމީ މީހުން ބަދަލުވީ ނައިފަރަށެވެ. ބުނެވޭގޮތުގައި ޒަމާނުއްސުރެ ނައިފަރުގައި ޢިލުމީ މީހުން ގިނަވެފައި، ހިންނަވަރުގައި ވިޔަފާރިވެރިން ގިނަވި ސަބަބަކީ އެއީއެވެ. 

ފަޅުވުން
       މާފިލާފުށި މަދުވެގެން ތިން ފަހަރެއްގެމަތިން ފަޅުވެފައިވާ ކަމަށް ބުނެވެއެވެ. މިރަށް ފަޅުވި ސަބަބުތަކުގެ ތެރޭގައި އެރަށަށް ވާރޭވެހުން ދުރުވުމާއި ބިންގަޑު ރަނގަޅުނުވުން ހިމެނެއެވެ. މާފިލާފުށި ފުރަތަމަ ފަޅުވީ ސާމިޔާކިލެގެފާނު ހިންގި ރަސްކަން ނުވަތަ ވެރިކަން ނެތިދިއުމާގުޅިގެންނެވެ. ދެވަނަ ފަހަރަށް ފަޅުވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އެއީ ނައިފަރުގެ ބަޔަކު އެރަށުގައި ވަޒަންވެރިވުމަށް ގޮސް ވަޒަންވެރި ވެގެން ނޫޅެވިގެން ފޭބުމުންނެވެ. ނައިފަރު ޢީސާކަލޭފާނު ކިޔާ ބޮޑު މުއްސައްޖެއް އޭނާގެ އޮޑިދޯނިފަހަރު ހިފައިގެން މާފިލާފުއްޓަށް ދިރިއުޅުން ބަދަލުކުރިއެވެ. އެހެންނަމަވެސް އޭރު ރަށްވެރިއެއްގެ ގޮތުގައި އެރަށުގައިހުރި މަޑުއްވަރީ ޢަލިފުޅާ ޖެހުނު މައްސަލަތަކެއްގައި ޢީސާ ކަލޭފާނާއި އޭނާއާއެކު ހިޖުރަކުރި މީހުން މާފިލާފުށިން ފޭބުމުން އެރަށް ދެވަނަ ފަހަރަށް ފަޅުވިއެވެ.  މާފިލާފުށި ތިންވަނަ ފަހަރަށް ފަޅުވީ ޚާއްޞަ ޕްރޮޖެކްޓެއްގެ ދަށުން އެރަށުގައި މީހުން އާބާދުކުރުމަށް ސަރުކާރުން ފެއްޓެވި މަޝްރޫޢު ނިމުމާގުޅިގެންނެވެ. 1986 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 5 ވަނަ ދުވަހު ފެށުނު ސިލެކްޓެޑް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ހުއްޓާލައްވާ ، ޅ. މަޑިވަރުގެ ބަދަލުގައި ސިފައިންގެ ރަށެއްގެ ގޮތުގައި ސަރުކާރުންވަނީ މާފިލާފުށި ހަމަޖައްސަވާ އެރަށް ސިފައިންނާ ހަވާލުކުރައްވާފައެވެ. މިހާރު މާފިލާފުށްޓަކީ ސިފައިންގެ މަރުކަޒީ ތަމްރީނަށް ޚާއްޞަވެފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާގައި އޮންނަ ރަށެކެވެ.

Monday, December 5, 2011

އަޅުގަނޑު ބާރަށުގައި

އަޅުގަނޑު ބާރަށުގައި

ޢަބްދުﷲ ސަޢީދު

ހއ. ބާރަށަކީ އުތީމު ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނު ސިރީސަވާދީއްތަ މަހާރަދުން ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް ކުރެއްވި ޖިހާދާ ގުޅިފައިވާ ރަށެކެވެ. އެރަށަކީ ރާއްޖޭގައި ޕޯޗްގީޒުންގެ ދެވަނަ އަށް އެންމެ އިސްކޮށް ހުރި ވެރިމީހާ ކަމަށްވާ ވިޔަޒޯރު ޤާއިމުވެހުރި ވާރުކުރާ ރަށެވެ. އެހެންގޮތަކަށް ދަންނަވާނަމަ އެއީ އޭރު ރާއްޖޭގެ ދެވަނަ ވެރިރަށެވެ. އެއީ އުތީމު ތިންބެއިން ޢީދުވެދުމައިގެން ވަޑައިގަތުމުން ބޮޑުތަކުރުފާނު ބޮލަށް ޢީދުގޮން ޖެހިރަށެވެ. އެއީ ބޮޑުތަކުރުފާނުގެ ފުރަތަމަ އަނބިކަބަލުންގެ ރަށެވެ. އެއީ އައްސުލްޠާނު ޢަލީ ހަވަނަ (ޢަލީ ރަސްގެފާނު) ޝަހީދުވެވަޑައިގެންނެވިއިރު އިންނެވި އަނބިކަނބަލުން ކަނބާއައިސާގެ މަހާނަހުރި ރަށެވެ.

ބާރަށުގެ ދިގުމިނުގައި 2400 މީޓަރ ހުރެއެވެ. ފުޅާ މިނުގައި ހުންނަނީ 1500 މީޓަރެވެ. ރަށުގެ އާބާދީއަކީ 1794 އެވެ. ބާރަށަކީ ތިމާވެށީގެ ގޮތުންބަލާއިރު ރާއްޖެގެ އެހެން ގިނަ ރަށްރަށަށްވުރެ ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. ޤުދުރަތީ ގޮތުން ވަށައިގެން ހިމާޔަތްވެފައިވާ ބޮޑު ފަޅެއްގެ އިތުރުން ބޮޑެތިކުޅިތަކެއް އެރަށުގައިވެއެވެ.

ބޮޑުތަކުރުފާނު ، ރެހެންދި އެއްލާލަށް އުޅުއްވި ރާޅުގަނޑު

ބޮޑުތަކުރުފާނުގެ ވާހަކައިގައި ޢީދު ވެދުމައިގެން ބާރަށަށް އުތީމު ތިންބެއިން ވަޑައިގެންނެވުމުން އެތިންބެއިންގެ ބޮލަށް ގޮންޖަހާނެ އަންހެން ކުއްޖަކު ވޭތޯ ކަނބާއައިސާ މަސައްކަތްކުރެއްވިއެވެ. އެކަންކުރާކަށް އެއްވެސް ކުއްޖަކަށް ނުކެރުނެވެ. އެންމެފަހުން ކަނބާއައިސާގެ އެދިވަޑައިގެންނެވުމަކަށް އެރަށު އެންމެ ނިކަމެތި އަދި އެންމެ ފަގީރު މީހާގެ ދަރިފުޅު އެކަމަށް އެއްބަސްވިއެވެ. އެއީ ބާރަށުގެ ބޯށިވަލު ބުޅާފާތުމާގެ ރެހެންދިއެވެ. ކަނބާއައިސާ އެ ރެހެންދި ފެންވަރުވާ ހެދުންދެއްވާ ނަލަހައްދުވާ ގޮންޖެހުމަށް ފޮނުއްވިއެވެ. ނަމަނަމަ މުޙައްމަދު ތަކުރުފާނު ބޮލަށް ގޮން ނުޖެހުމަށް އެދިވަޑައިގެންނެވިއެވެ. އެކަމަކު އެރެހެންދިއަށް ގޮން ޖެއްސެވުނީ އެތަކުރުފާނުގެ ބޮލަށެވެ. ގޮންޖެހުމާއެކު ވަގުތުން އެކަމަނާ ނަންގަވާ ކޮނޑުމައްޗަށް ލައްވައިގެން ވަޑައިގެންފިއެވެ. ރަށުގެ ފުށްޓަރު ފަރާތަށް ވަޑައިގެން ރާޅުގަނޑަށް އެއްލާލައްވަން އުޅުއްވިއެވެ. ރާޅުގަނޑަށް އެއްލާނުލައްވާ ދޫކޮށްލެއްވީ އެކަމަނާ ބޮޑުތަކުރުފާނާ ކައިވެނި ބައްލަވައިގަންނަވަން އެއްބަސްވެވަޑައިގެންނެވުމުންނެވެ.

ބާރަށު ފުށްޓަރު ފަރާތުގެ އެ ސަރަޙައްދަށް ދެވެން ވަލުތެރެއިން އޮންނަ މަގަކީ ތަކުރުފާނުގެ މަގެވެ. އެމަގުގައި ކުޑަކުޑަ އާސާރީ މިސްކިތެއް ހުރެއެވެ. އެއީ ތަކުރުފާނުގެ މިސްކިތެވެ. ފުށްޓަރު ފަރާތުގެ އަތިރިމަތީގެ ގުންޑޮޅި އުހެވެ. އެ ގުންޑޮޅި މަތީގައި ހުރެފައި ފުށްޓަރަށް ބިންދަމުންދާ ރާޅުގަނޑަށް ބަލާލުމުން ދިވެހިތާރީޚުގެ އެމުހިންމު ޞަފްޙާ ހިތަށް ވަޒަންކޮށްލަން ވަރަށް ފަސޭހައެވެ.

ތަކުރުފާނު މިސްކިތާއި މުންނާރު

ބާރަށުގައި ކުޑަކުޑަ އާސާރީ މިސްކިތެއް އެބަހުއްޓެވެ. މިސްކިތުގެ އެތެރޭގެ ވަޑާންގަނޑުވަނީ ރާއްޖޭގައިހުރި އާސާރީ އެހެންވެސް މިސްކިތްތައް ފަދައިގެން ލިޔެލާޖަހާފައެވެ. މި މިސްކިތަކީ ބުނެވޭ ގޮތުގައި ބާރަށުގައި ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިން ނަމާދުކޮށް އުޅުނު މިސްކިތެވެ. މި މިސްކިތުގައި ރާއްޖޭގެ އެހެން ރަށަކުން އަޅުގަނޑު ނުކެދޭ ޚާއްޞަ ކަމަކަށް ފެނުނީ މިސްކިތުގެ މުންނާރެވެ. މިސްކިތް ކައިރީގައި ހަދާފައިވާ މި މުންނާރަކީ ހަތަރެސްކަނަށް ބޮޑުގަލުން ރާނާފައިވާ މުންނާރެކެވެ. މުންނާރުގެ މައްޗަށް އަރާވަށައިގެންވާ މާހައުލަށް ބަލާލީމެވެ. ފުށްޓަރަށް ބިންދާ ރާޅުގެ އަޑު އިވެއެވެ. މިސްކިތުގެ ގޯތިތެރޭގައިއޮތް ބޮޑު ގަބުރުސްތާނާއި ވަށައިގެންވާ ސަރަޙައްދު ފެނެއެވެ. އެ މުންނާރު ޢިމާރާތް ކުރެވުނު ދުވަސްވަރެއްވެސް ނޭނގެއެވެ.

ކަނބާ އައިސާގެ މަހާނަ

ކަނބާއައިސާއަކީ ޢަލީ ރަސްގެފާނު ޕޯޗްގީޒުންނާ ހަނގުރާމަކޮށް ޝަހީދުވެވަޑާއިގެންނެވިއިރު އިންނެވި އަނބިކަނބަލުންނެވެ. އެއީ ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނުގެ މަންމާފުޅެވެ. ކަނބާ އައިސާ ޝަހީދުވީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމުގެ ޖިހާދު ފައްޓަވާ އާއިލާގެ ބޭފުޅުން މަލިކަށް ގެންދެވުމަށް ކުރެއްވި ދަތުރުފުޅުގައި ސިއްތިމާވާ ރަނިކިލެގެފާނާއި ޙަސަން ތަކުރުފާނުގެ އަނބިކަމަނާ ގެންދެވުމަށް ޙަސަން ތަކުރުފާނު ބާރަށަށް ވަޑައިގެންނެވިރޭ ހިނގާދިޔަ ހަމަނުޖެހުމުގައި ޕޯޗްގީޒުންގެ ސިފައިންގެ މީހެއްގެ ކަނޑީގެ އެތިފަހަރަކުންނެވެ. އެރެއަކީ ދެހާޖީން ބާރަށުގެ ފުށްޓަރު ފަރާތުގައި ކަޅުއޮށްފުންމި ރިއްޖައްސާ ހިފަހައްޓަވާލެއްވި ރެއެވެ. އެއީ ޕޯޗްގީޒުންގެ ލޮލަށް ދުވާފަރު ދަންޑަހެލު "ވެލިކޮޅެއް" ޖެއްސެވި ރެއެވެ. އެއީ ބާރަށުގެ ފަޅުގައި ހުރިނަމަހުރި އުޅަނދުފަހަރެއްގެ ވާވެލާވެއްޔާއި ސާމާނު މަސްހުނިކުރައްވާ އޮޅުވާލެއްވި ރޭވެސްމެއެވެ. އަދި އެރެއަކީ ދުޝްމިނުންނަށް ވާގިވެރިވަމުންދިޔަ ޣައްދާރު ތުއްފާށަނާ ކަނބާއައިސާގެ ހަންޖަރު އެތިފަހަރަކުން ޤަތުލުވެގެންދިޔަ ރޭވެސްމެއެވެ.

ކަނބާއައިސާގެ މަހާނަ ހުންނަނީ ބާރަށު ތަކުރުފާނުގެ މިސްކިތުގެ ގޯތިތެރޭގައެވެ. މީހުން ހިނގާބިނގާވެހަދާ މަގާ ވަރަށް ކައިރީގައެވެ. ވަށައިގެން ހައެއްކަ އިންތިއަށް ރާނާފައިވާ ގަފޮޅެއް ފިޔަވާ އެހެން ކަމެއް ފެންނާކަށްނެތެވެ. މި ގަބުރުސްތާނުގެ ތެރޭގައި ތަންކޮޅެއް އުސްކޮށް ރާނާފައިވާ އެހެން ބިސްތާނެއްގައި ތެރޭގައި ބޮޑެތި މަހާނަގާތަކެއް ހުއްޓެވެ. ބުނެވޭ ގޮތުގައި އެއީ ބޮޑުތަކުރުފާނުގެ އާއިލީ ބޭފުޅުންގެ މަހާނަފުޅުތަކެކެވެ. އެހެންނަމަވެސް އެއީ ކޮންބައެއްގެ މަހާނަތަކެއްކަން އެނގޭނެ ގޮތެއްނެތެވެ.

އެހެންބައެއް ވާހަކަތައް

ބާރަށަށް ފައިބައިގެން ދާއިރު ފެންނާނެ އެންމެ އާސާރީ އެކައްޗަކަށްވާނީ އަތިރިމަތީގައި ހުރި ދުވަސްވީ ކާނިގަހެވެ. ބުނެވޭ ގޮތުގައި އެއީ ބޮޑުތަކުރުފާނު ރިޔާ ބާއްވަވަން ޖެއްސެވި ކަނޑައެކެވެ. އެކާނި ގަހުގެ ތަންކޮޅެއް އެއްގަމުގައި ބޮޑު ވަޅެއް އެބަހުއްޓެވެ. އެވަޅާބެހޭ ގޮތުން ބާރަށުގެ ދުވަސްވީ މީހުން ބުނަނީ އެއީ ރިޔާ ފެންލުމަށާއި މޫދުންއަރާ ފެންވެރުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އައިސްފައިވާ އާސާރީ ވަޅެއް ކަމަށެވެ. ވިޔަޒޯރުގެ ވެރިކަން ބާރަށުގައި ކުރި ގަނޑުވަރުގެ އެއްވެސް ނިޝާނެއް މިހާރު ފެންނާކަށްނެތެވެ. އެހެންނަމަވެސް ގަނޑުވަރުހުރިތަން ކަމަށް ބުނާ ސަރަޙައްދެއް އެބައޮތެވެ. އެ ސަރަޙައްދުގައި މިހާރުވަނީ އެހެން ޢިމާރާތްތައްކޮށް އާބާދުވެފައެވެ.

ބާރަށަށް އަޅުގަނޑު ދިޔައިރުވެސް ހިތުގައި އުފެދިފައިވާ ސުވާލެއް އޮތެވެ. އެކަމަކު އެއީ ވަރަށް ތަފާތު ސުވާލެކެވެ. އެރަށުގެ މީހުންނާ ކުރަން ފަސޭހަ ސުވާލެއްނޫނެވެ. އެކަމަކު އެރަށުގެ މީހެއްގެ ފަރާތުން އިސްވެ އެ ސުވާލާ ގުޅުންހުރި ވާހަކައެއް ފެށުނީމާ ސުވާލުކުރަން ފަސޭހަވިއެވެ. "ޕޯޗްގީޒުން އެހާދުވަސްވަންދެން މިރަށުގައި އުޅުނީމާ އެމީހުންގެ ނަސްލު މިރަށުގައި ނެތްހެއްޔެވެ؟" އަޅުގަނޑު މި ސުވާލު ކުރުމުން އެމީހުން ބުންޏެވެ. ނޫނެކެވެ. އެބައޮތެވެ. "ގިނަ ޒަމާންވުމުގެ ސަބަބުން މިހާރުވަނީ އެނަސްލު ވަރަށް ބޮޑަށް މަސްހުނިވެފަ.އެކަމަކުވެސް އިސްކޮޅާއި ރޫފަ އާންމު ދިވެހިންނާ އަދި މިރަށުގެ ބައެއް މީހުންނާވެސް ތަފާތުމީހުން އުޅޭ. ކުރިން މިކަންއަދި މާބޮޑުކަމަށްވޭ" ބާރަށު މީހަކު ކިޔައިދިނެވެ.ބާރަށުގެ ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އެ ނަސްލު މިހާރު އެންމެ ބޮޑަށް އެނގޭނީ އެމީހުންގެ ލޮލުގެ ކުލައިންނެވެ. އާންމު ދިވެހިންގެ ލޮލުގެ ކުލަ އާއި ލޮލުގެ ކުލަ ތަފާތު މީހުންނާއި ކުދިން ބާރަށުން އަޅުގަނޑުވެސް ދެކުނީމެވެ.

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...