Tuesday, May 13, 2008

މަނަދޫ މީހުންގެ ބަސްފޮތް

މަނަދޫއާމެދު ކުރި ދިރާސާތަކަކުން އަހަރެންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އަހަރެންނަށް ފާހަގަ ކުރެވުނުގޮތުގައި މަނަދޫގައި ރަށަކަށް ބަލާއިރު އާދަޔާ ޚިލާފު ޚާއްޞަ ސިފަތަކެއް އެބަހުއްޓެވެ. މަނަދޫގައި ލިޔެވިފައިވާ ޒަމާންވީ ތާރީޚެއް ނެތް ނަމަވެސް މަނަދޫއަކީ ޤަދީމީ ރަށެކެވެ. ތާރީޚީ މާގިނަ ތަރިކަ ތަކެއް ބިމުން މަތީގައި މިހާރު ފެންނަން ނެތަސް އަހަރެން ޤަބޫލުކުރަނީ މަނަދޫގެ ފަސްގަނޑުގައި ޒަމާންވީ ތާރީޚީ ތަރިކަތަކެއް ފަސްލެވިފައިވާނެ ކަމަށެވެ.
މަނަދޫގައި ހިނގާފައިވާ އަދި މަނަދޫ މީހުންނަށް ދިމާވެފައިވާ ހަގީގީ ވަރަށް ގިނަ ހާދިސާތައް ޕްރިންޓިންގ މީޑީއާއަށް އަހަރެން ނެރުނީމެވެ. އަދި މަނަދޫއާބެހޭ ތަފާތުގިނަ ފޯކްލޯރުތައް ލިޔެ އާންމު ކުރީމެވެ. މި މަސައްކަތް ކުރަމުންދިޔައިރު އަހަރެންނަށް އެންމެ ބޮޑު ހައިރާންކަމެއް ގެނުވި ކަމަކީ މަނަދޫ މީހުންގެ އަމިއްލަ " ބަސްފޮތެއް " އޮތް ކަމުގެ ހައިރާންކަމެވެ. މަނަދޫ މީހުން ބައެއް ތަކެއްޗަށް ކިޔާ ނަންނަން ރާއްޖޭގެ އެހެން މީހުން އެތަކެއްޗަށް ކިޔާ ނަންނަމާ ތަފާތެވެ. ދިވެހި ބަސްފޮތުގައި ނުވަތަ ދިވެހި ރަދީފުގައި " މަނަދޫ މީހުންގެ ބަސްފޮތު" ގެ ބަސްތަކެއް ނެތެވެ. އަހަރެމެންނަކީވެސް ދިވެހިން ކަމަށްވެފައި އަހަރެމެން އެންމެ އެވޭލާ ޒަމާނުއްސުރެ ބޭނުންކުރަމުންދާ ބަސްތައްވެސް ދިވެހި ރަދީފުގައި ހުންނަން ޖެހޭނެއެވެ.
ރާއްޖޭގެ އެހެން ބައެއް ހިސާބުގެ މީހުން ބޭނުންކުރާ ބަސްތައްވެސް އެއަތޮޅުތަކުގެ މީހުންގެ ބަސްތަކެއްގެ ގޮތުގައި ދިވެހި ރަދީފުގައި ހިމަނާފައިވެއެވެ. އަހަރެން ގަބޫލުކުރާގޮތުގައި މަނަދޫ މީހުންގެ ބަސްފޮތުގެ ބަސްތައް އެއީ މަނަދޫ މީހުން ބޭނުންކުރާ ބަސްތަކެއްގެ ގޮތުގައި ދިވެހި ރަދީފުގައި ހިމެނެން ޖެހޭނެއެވެ. އެކަމަށް މަސައްކަތްވެސް ކުރަން ޖެހޭނެއެވެ. " އަމަންތަ" އަކީ ކޮންއެއްޗެއް ކަމެއް ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަކަށް ނޭނގޭނެއެވެ. " ފޫއެނބުރި" ، "ކާފަރު އަމަންތަ" މިހިރީ މަނަދޫގެ ބަސްފޮތުގައި ހުރި އެއް ފެމެލީއެއްގެ ތަކެއްޗެވެ. މަނަދޫ ބަސްފޮތުގައި ހުރި ބައެއް ބަސްތަކަކީ ދިވެހި ރަދީފުގައި މިހާރު ހުރި ބަސްތަކާއި އެއްގޮތްކަމެއް ހުއްޓަސް ތަފާތު ބަސްތަކެކެވެ. އޭގެ ތެރެއިން އެއްބަހަކީ "ރާކަނޑާލި" އެވެ. މިއީ ދިވެހިބަސްފޮތުގައިވާ ރާކަންޏަށް މަނަދޫ މީހުން ކިޔާނަމެވެ. "އަވައްޓި" އަކީވެސް މަނަދޫ ބަސްފޮތުގެ ބަހެކެވެ. އެއީ ދިވެހި ބަސްފޮތުން އަވައްޓެހި އެވެ. " އޮއްކެޔޮ " މިއީވެސް މަނަދޫގެ ބަސްފޮތުގެ ބަހެކެވެ. " ހޯދިޔަ" ، " ތަރަފަނަ" މިއީވެސް މަނަދޫ ބަސްފޮތުގެ ބަސްތަކެވެ. މިހެންގޮސް މަނަދޫ ބަސްފޮތުގައި ވަރަށްގިނަ ބަސްތައް އެބަހުއްޓެވެ. ތަރަފަނަ އާއި ހޯދިޔައަކީ މަނަދޫ މީހުންގެ ޚާއްޞަ ކެޔުމަކާއި ބުއިމެކެވެ. މަނަދޫ މީހުން ތަރަފަނަ ކިޔަނީ ހަނޑޫ މާލައްވައިގެން ނުވަތަ ބަތް ހިތްކައިގެން ތެލުލައިގެން މަހާއި ކާށި ހުނި އަޅައިގެން ކުޅިކޮށް މޮޑޭ ކެޔުމަކަށެވެ. ތަރަފަނައަކީ މަނަދޫ މީހުންގެ ޚާއްޞަ ކެޔުމެކެވެ. މި ކެޔުމަށް ތަރަފަނަކިޔާ އެހެން ބަޔަކު ނެތެވެ. ހޯދިޔަ އަކީ ކަށިކެޔޮ ލިޔެގެން ކައްކާ ފޮނި ބުއިމެކެވެ. މިއީ ރާއްޖޭގެ އެހެން ހިސާބަކުން ލިބޭ ބުއިމެއްނޫނެވެ.
މަނަދޫ މީހުން އެކިއެކި އެއްޗެއްސަށް ކިޔާ ނަންނަމުގެ އިތުރުން އެކިއެކި ކަންކަމަށްވެސް ތަފާތު އަމިއްލަ ބަސްތައް ބޭނުންކުރެއެވެ. ނިދިއައުމަށް މަނަދޫ މީހުން ކިޔަނީ ނިދިގައްސުވައިގަތުމެވެ. ވަދާ ކިޔުމަށް ކިޔަނީ ކެޔޮޅުކަމުދިއުމެވެ. ދިވެހި ރަދީފުގައިވާ ލެއްގުމަށް މަނަދޫ މީހުން ކިޔަމުންދަނީ ލެއްކުމެވެ. މަނަދޫގައި " ލެއްކި މަހާނަ " އެއް ހުރެއެވެ. މީގެ އިތުރުން ބަހެއްގެ މުއްސަދިކަމުގައި ހިމެނެންޖެހޭ އެހެން މުހިންމު ބައިތަކެއްވެސް މަނަދޫ ބަސްފޮތުން ފާހަގަކުރެއެވެ. އެއީ ހަރުބަހާއި މިސާލުބަސްތަކެވެ. މަޒާޖެވެ. " ހާޖީބޭގެ ސައިތަށި " ، " ދޮންބޭސޮރު ބުނިހެން" ފަދަ ބަސްތައް މަނަދޫ ބަސްފޮތުގައި އެބަހުއްޓެވެ. މިއީ މިހާރުގެ ޒުވާނުންނަށް އަޑު އިވިފައިނުވާ ބަސްތަކަކަށް ވެދާނެއެވެ. " މަނަދޫ މީހުންގެ ބަސްފޮތް" މި ނަމުގައި އިރާދަކުރެއްވިއްޔާ އަހަރެންގެ ދިރާސާ ޢާންމު ކުރާނަމެވެ. މިއީ ވަރަށް ބުރަ މަސައްކަތެކެވެ. އެއްވެސް ފެށުމެއް ފެންނަންނެތި ކުރެވޭ މަސައްކަތެކެވެ. މަނަދޫ ސޭކުބޭގެ ވާހަކަ އާއި މަނަދޫގައި ހުރި ގަނޑުވަރުގެ ވާހަކައާއި މަނަދޫގައި ގެންގުޅުނު އަވައްޓީގެ ވާހަކައާއި މަނަދޫ މީހުން މިނިއާލާނުވެ މަރުވަމުންދިޔަ ސިހުރުގެ ވާހަކައާއި މަނަދޫ މާމިސްކިތްދޮށުގެ ވާހަކައާއި މަނަދޫ މީހުން ކުރިން ދިރިއުޅުނީ މަނަދޫގެ ދެކުނުފަރާތުގައި ކަމަށް ބުނެވޭ ވާހަކައާއި މަނަދޫގައި ހާޖީބަންޑާރައިން އުޅުއްވި ކަމަށް ބުނެވޭ ވާހަކަވެސް އަހަރެން ލިޔެ ޕްރިންޓް މީޑިއާގައި ޝާއިޢުކުރީމެވެ. އޭގެ އިތުރުން މަނަދޫގެ މީހުންގެ ތުންތުން މަތިން ދެކެވޭ ހަގީގީ ވާހަކަތައް ކަމަށް ބުނެވޭ އާދަތާއި ޚިލާފު ގިނަ ވާހަކަތައް ޝާއިޢުކުރީމެވެ. އެއީވެސް މުޅިން އާފެށުމަކުން އަހަރެން ފެށި ކަމެކެވެ.
މި ސިލްސިލާއަށް އިތުރުވާ އާބޮޅެއް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އާންމު ކުރާނަމެވެ. " މަނަދޫ މީހުން ކުނޑިބެ މަރާލި ހާދިސާ " މިހާރުވަނީ އެއްކޮށް ނިމިފައެވެ. މިއީ އެ ތާރީޚީ ހާދިސާ ލިޔެވި ޝާއިޢުކުރެވޭ ފުރަތަމަ ފަހަރެވެ. މަނަދޫގެ ދަރިންގެ ތެރެއިން ނަންމަޝްހޫރު ޚިދުމަތްތެރިންގެ ހަޔާތުނާމާތައް ލިޔުމުގެ މަސައްކަތްވެސް މިދަނީ އާފެށުމަކުން ފަށައިގެން ކުރަމުންނެވެ. ކެޔޮޅު ޢަބްދުއްސަމަދު ( ކެޔޮޅުބޭ ) އާއި މަނަދޫ ކާސިންހާޖީ އާއި ހާރޫނޫ މޫސާ ފަދަ ޚިދުމަތްތެރިންގެ ހަޔާތުނާމާ ވަނީ ލިޔެ ނިމިފައެވެ. މިކަންތައްތަކަށް ހެޔޮ ތަޢުފީޤު ދެއްވި ﷲ ސުބުހާނަހޫ ވަތަޢާލާ، މަނަދޫ ބަސްފޮތް ނިންމާލުމުގެ ހެޔޮ ތަޢުފީޤު ދެއްވާށީއެވެ. އަހަރެންނަށް މި މަސައްކަތް މުޅިން ނިންމާ ނުލެވުނަސް ކޮންމެވެސް އެހެން ބަޔަކު މި ފެށުމާއެކު ކުރިއަށް ދިއުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެކެވެ. މަނަދޫ ބަސްފޮތް ދިރުވާ އާލާކުރުމަކީ މިއަދުގެ ޖީލުން ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް އަހަރެން ދެކެމެވެ. ދިވެހި ބަސްފޮތުގައި މަނަދޫ މީހުންގެ ބަސްފޮތުގެ ބަސްތައް އެކަން ފާހަގަވާ ގޮތެއްގައި ހިމެނިގެން ދިއުމަކީ އަހަރެންގެ އުންމީދެކެވެ.

މަނަދޫގައި ގެންގުޅުނު ކަމަށްބުނެވޭ އަވަށްޓިގެ ވާހަކަ

އަވަށްޓި: ޚިޔާލީ ކުރެހުމެއް

ބަލާބެލުމަށް އެއީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. އޭނާގެ ކަޅުކުލަގަދަ އިސްތަށިގަނޑު ދިގުވެފައި ފަނެވެ. ހަމުގެ ކުލަ ދޮންވެފައި ލޫޅާފައްޗެވެ. އާންމުކޮށް އެކުއްޖާ ލައިގެން ހުންނަނީ ރަތްކުލައިގެ ދިވެހި ލިބާހެވެ. އަނދެގެން ހުންނަނީ ކަޅުކުލައިގެ ކަނޑިއްކެކެވެ. ކުއްލިއަކަށް ފެނިލާފައި ގެއްލިދެއެވެ. ޙަރަކާތްތައް އަވަސްވާނެއެވެ. މޫނެއް ނުދައްކާނެއެވެ. ރޭގަނޑު އަވަށުތެރެއަށް އަންނަ މި ރޫޙާނީ އަންހެން ކުއްޖާއަށް މަނަދޫ މީހުން ކިޔަނީ " އަވަށްޓި" އެވެ. ( ދިވެހިބަސްފޮތުގައި މިފަދަ ރޫޙާނީ އަންހެން ކުދިންނަށް ކިޔަނީ އަވަށްޓެހިއެވެ. މަނަދޫ މީހުން ކިޔަނީ އަވަށްޓި އެވެ. )



މަނަދޫގައި އަވަށްޓިއެއް ގެންގުޅުނު ކަމަށް ދެކެނޭ ވާހަކައަކީ ތުންތުންމަތިން ކިޔެމުން އަންނަ ވަރަށް ޝައުޤުވެރި ކުރުވާފަދަ ވާހަކައެކެވެ. އެ އަވަށްޓި ގެންގުޅުނު ކަމަށް ބުނެވެނީ މޫސަބޭ ކިޔާ މީހެއްގެ ގޭގައެވެ. އެއީ ކަތީބުގެ މޫސަބޭ ކަމަށް ބުނެވެއެވެ. އަވަށްޓި ގެންގުޅުނު ކަމަށް ބުނެވޭ ކަތީބުގެ މޫސަބޭގެ ގެ ހުރީ މަނަދޫ ބޮޑުކާށިގެ ( ފަހުން ކުދިލުބޯމާގެ ) ދެކުނުން ރާގެ ( ފަހުން ރައިމާގެ ) އިރުން . އެއީ ކުރީގައި އިރުމަތީ އަވަށު މީހުން ކުޅިވަރު ކުޅުމަށް ބޭނުންކުރި ސަރަޙައްދު " އެގޯތި ދެކެފައިވާ މަނަދޫ ބުލްބުލާގޭ ޢަބްދުﷲ ޢަލީ ( 59 އަހަރު ) ކިޔައިދިނެވެ. ކަތީބުގެ މޫސަބޭގެ ޢާއިލާއަކީ މިހާރުވެސް މަނަދޫގައި ވަރަށް ބޮޑު ޢާއިލާއެއްކަން ފަހަގަކުރެވެއެވެ. ޢާއިލާ ދެމިގެން އައިސްފައިވާ ގޮތަށް ބަލާއިރު އަވަށްޓި ގެންގުޅުނު ދުވަސްވަރު ކަމަށް ބެލެވެނީ މީލާދީން 17 ވަނަ ޤަރުނުގެ ދުވަސްވަރެއް ކަމަށެވެ. އެދުވަސްވަރު ކަތީބުގެ މޫސަބެއަކީ މަނަދޫގައި ހުރި އެންމެ ތަނަވަސް އެކަކަށްވާނެއެވެ. އެއީ މަހަށްފުރާ ތިން ދޯނި އޮންނަ އޮންނަ އޮޑިވެރިއެކެވެ. އަތްދަށުގައި ގިނަ އަދަދެއްގެ ބަޔަކު ގެންގުޅުނު ހިތްހެޔޮ މީހެކެވެ. ދީނީ ކަންތައްތަކަށް ފަރުވާ ބަހައްޓާ ނިކަމެތިންގެ މުހުތާދުތައް ފިލުވައިދިން އޯގާތެރި ދީލަތި މީހެކެވެ. ކަންވެރިކަން ( ފަންޑިތަވެރިކަން ) ވެސް ކޮށް އުޅުނު ކަމަށް ބުނެވެއެވެ.


މަސްވެރިކަން ވަރަށް ރަނގަޅު ދުވަސްވަރެކެވެ. އެންވެރިކަންވެސް ރަނގަޅުވުމާއެކު ރަށުގެ ގޮޑުދޮށް ކުނިވާވަރަށް މަސް އައީ ބާނަމުންނެވެ. ތިންދޯނިން ބާނާ މަސްކެއްކުމުގައި މޫސަބޭގެ ބަދިގެ ފަރާތުގައި މީހުންތައް ހެލިފެލިވެ އުޅެއެވެ. ފިރިހެންވެރިން މުންޑުން ފޫގަޅައިގެން ތިބެގެން މަސްކަނޑަމުންދާއިރު، އަންހެންވެރިން ލިބާރު ދަރުބަނދެގެން މަސްކައްކަނީއެވެ. ކަންތައްތައް ހިނގާ ނުހިނގާގޮތް ވަރަށް ކައިރިން މޫސަބޭ ގެންދިޔައީ ބަލަމުންނެވެ. އެ ރެއަކީ މިލަ ހަނދުވަރެއް ދީފައިއޮތް ރެއެކެވެ. މަސްކައްކާ ތަނަށް ހާމަސްކޮޅު ބަލައި އައިސްތިބި ފަގީރު ދެތިން އަންހެނަކު އެ ދަންވަރުވެސް ގޭގެ ބަދިގެ ފަރާތުގައި ތިއްބެވެ. މެންދަމުން އަލިވުމުގެ ކުރިން މަސްކައްކާ ނިމިއްޖެއެވެ. ހާމަސްތައް ބަލައި އައިސްތިބި މީހުންގެ ތެރެއިން އެކަކު އޭރުވެސް އެއިންގޮތަށް ލަކުޑިގަނޑެއްގެ މައްޗަށް ފޫހަރާލައިގެން އިނެއެވެ. ބޯހާވާލައިގެންނެވެ. ހަނދުވަރުގެ ފަނޑުއަލީގެ އެއީ ކާކުކަމެއް މޫސަބެއަކަށް ފާހަގައެއް ނުކުރެވުނެވެ. މޫސަބޭ އެދިމާލަށް ހިނގައިގަތުމުން ކައިރީގައި ހާމަސް އަޅާފައިހުރި މުޅޯށި ނަގާ ކިހިއްޔަށް ޖަހާލުމަށްފަހު އަނދިރިގަނޑުގެ ތެރެއިން ލާފައި އެ އަންހެން ކުއްޖާ ހިނގައިގެންފިއެވެ. އެއީ ކޮން ކުއްޖެއްކަން ދެނެގަންނާކަށް މޫސަބެއަކަށް އުނދަގުލެއް ނުވިއެވެ. ފައިދެ ދެތަނބިކަށީގައި ހުރި ދެކަށި ޖެހޭއަޑު އިވެއެވެ. މޫސަބޭ ހުއްޓުނެވެ. އެ އަވަށްޓިވެސް އަނދިރިގަނޑާ ނިވާވެ މޫސަބޭގެ ނަޒަރުން ގެއްލިއްޖެއެވެ. މިއީ ފުރަތަމަ އަވަށްޓި އެގެއަށް އައިރޭގައި ކަންހިނގިގޮތް ކަމަށް ބުނެވޭ ގޮތެވެ.


މި ވާހަކަވެސް އެކި މީސްމީހުން ކިޔާއިރު ތަފާތުތަކެއް ހުއްޓަސް މައިގަނޑު ވާހަކައަކީ އެއް ވާހަކައެކެވެ. އެރޭގެ ފަހުން އެވަށްޓިވީ އެގޭގެ ޚާދިމާއަކަށެވެ. އިރު އޮއްސުމާއެކު ބަދިގެ ފަރާތު ދޮތައް ޖަހަން ޖެހެއެވެ. ޢިޝާނަމާދުން މީހުން ފޭބުމުގެ ކުރިން ބަދިގެ ފަރާތުން " ޓޮއް ޓޮއް " އަޑު އިވެން ފަށާނެއެވެ. އެއީ އަވަށްޓި އައިސް އުޅޭކަން ފާހަގަ ކުރާގޮތެވެ. ބަދިގެ ފަރާތުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނީ އެ އަވަށްޓިއެވެ. މަސްކައްކައިދެއެވެ. ތެލިތަކާއި މަސްކައްކާ ލޯގަނޑުތައް ދޮވެދީ ކުނިކަހާ ސާފުކޮށްދީ ހަދައެވެ. ކޮންމެ ރެއަކުވެސް މަސްކައްކައިދީފައި ދަމުން ގޮވާލައެވެ. " އަހަރެން މިދަނީއެވެ. އަހަރެން މިގެންދަނީ ބަނޑައިދޫ ކޮޅަކާއި ކަށިފޮތި ކޮޅެކެވެ." ތެލިތަށި ގުޑުވާ އަޑާއި އަވަށްޓި ހިނގާ ހަދާއަޑު ކެނޑުމުން ނޫނީ އެގޭގެ ބަދިގެ ފަރާތަށް އެއްވެސް މީހަކު ނުނިކުންނާނެއެވެ. ބުނެވޭ ގޮތުގައި އަވަށްޓި ގެންދާތަކެތި އެގެންދަނީ އޭނާގެ ދަރިންނަށެވެ. ފަހުންފަހުން އައިސް މީހެއްގެ އުނދަގުލެއްނެތި މިނިވަންކަމާއެކު މޫސަބޭގެ ގޯތިތެރޭގައި އުޅެވޭގޮތްވުމުން އަވަށްޓި ދިރިއުޅެމުން އައީ ދަރިންވެސް ގޮވައިގެން ކަމުގައި ބުނެވެއެވެ. އެ ޒަމާނަކީ ހަނދުވަރުގެ އަލިކަން ނޫނީ ރަށުތެރެއިން އެހެން އަލިކަމެއް ފެންނަން ހުންނަ ޒަމާނެއްނޫނެވެ. އެ ޒަމާން މިހާރު މިވަނީ ފާއިތުވެ ގޮސްފައެވެ. ރޭގަނޑު އަވަށުތެރެއަށް އަންނަ މި ރޫޙާނީ އަންހެން ކުއްޖާ މޫސަބޭ މަރުދުވަހަށް ދާންދެންވެސް އެގޭގެ ގޯތިތެރޭގައި ރޭގަނޑަށް އައިސް އުޅުނުކަމަށް ބުނެވެއެވެ. އެ އަވަށްޓި އެގޮތަށް އުޅުނުއިރު ވަރަށް ގިނަ ބަޔަކަށް ފެންނަ ކަމަށާއި އެކަމަކު އެއްވެސް މީހަކަށް ގޯނާއެއްކޮށް އުނދަގުލެއް ނުކުރާ ކަމަށްވެސް ބުނެވެއެވެ. ދިވެހިބަސްފޮތުގައި އަވަށްޓެހި މާނަކޮށްދީފައި އޮންނަނީ އެއީ ރޭގަނޑަށް އަވަށު ތެރެއަށް އަންނަ ރޫޙާނީ އަންހެނެއް ކަމަށެވެ. ގެންގުޅެން އެނގިއްޖެނަމަ ގޭގައި މަސައްކަތް ކޮށްދޭ ކަމަށްވެސް ބުނެވޭ ކަމަށެވެ. އަދި އެއީ ޚިޔާލީ އެއްޗެއް ކަމަށެވެ. ދިވެހި ބަސްފޮތުގައި އެއީ ޚިޔާލީ އެއްޗެއް ކަމަށް އޮތްނަމަވެސް އެކަން ޤަބޫލުކުރަން ބޭނުންނުވާ އެތައް ބަޔަކު އަދިވެސް އެބައުޅެއެވެ. އެއީ ފަހަރުގައި އެބައިމީހުންނަށް އިވިފައިވާ ޤަބޫލުކުރެވިފައިވާލެއް ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. ނޫނީ ތަޖުރިބާ ކުރެވިފައިވާ ހާދިސާ އަކުން ކަމަށްވެސް ވެދާނެއެވެ. އެކަމަކު ކޮންމެ ކޮންމެ މީހަކަށް އެފަދަ ވާހަކަތައް ދައްކާ، ކިޔައިދީ ހަދާކަށް ނުކެރެއެވެ. ތުންތުންމަތިން ދެކެވެމުން އައި ގިނަ ވާހަކަތަކެކޭ އެއްފަދައިން މަނަދޫގައި އަވަށްޓި ގެންގުޅުނު ކަމަށް ބުނެވޭ ފޯކްލޯރަކީވެސް ނޭނގުމެއްގެ ތެރޭގައި އޮތް ވާހަކައެއް ކަމުގައި ދަންނަވަން ޖެހެއެވެ.


އަވަށްޓި ގެންގުޅުނު ކަމަށް ބުނެވޭ ކަތީބުގެ މޫސަބެއަކީ އަޅުގަނޑުގެ މައިފުށުގެ ކާފައެކެވެ. އެއީ އަޅުގަނޑުގެ މަންމަ ( ޛުލޭޚާ އިބްރާހިމް ) ގެ މަންމަ ( ފާތުމަތު މޫސާ ) ގެ ބައްޕައެވެ. އަވަށްޓި ގެންގުޅުނު ކަމަށް ބުނެވޭ ސަރަޙައްދު ނުވަތަ މޫސަ ކާފަގެ ގެ ހުރިތަނާ ކައިރީގައި ހުރި ބޮޑުކާށިގެ އެއީ އަޅުގަނޑު އުފަންވި ގެއެވެ. އެގޭގެނަން ފަހުންވަނީ ކުދިލުބޯމާގެއަށް ބަދަލުކޮށްފައެވެ. އެގޭގައި އަޅުގަނޑު ވަރަށް ކުޑައިރު އުޅުނު ހަނދާން ކިރިޔަ ކިރިޔާ ހުރެއެވެ. މިހާރު އެތަނަކީ ހުސްބިމެކެވެ. ނާމާން ތަކެތި ފެންނަ ތަނެއް ކަމަށް ކިޔާ އުޅެއެވެ. މަނަދޫގައި ގެންގުޅުނު އަވަށްޓި ގެންގުޅުނު ކަމަށް ބުނެވޭ ކަތީބުގެ މޫސަބޭގެ ބައްޕައަކީ ކަތީބު މުޙަންމަދު ކަލޭފާނެއެވެ. މިއީ ވަރަށް ބޮޅު ފަންޑިތަވެރިއެއް ކަމަށް ކިޔާއުޅެއެކެވެ.ނޯޓް: މި ފޯކްލޯރަކީ އުދަރެސް މަޖައްލާގައި ޝާއިޢު ކުރެވިފައިވާ ފޯކްލޯރެކެވެ.

ހަގީގީ ހާދިސާ: މަނަދޫ ސޭކުބޭ ވާހަކަ

މަނަދޫ ސޭކުބޭ އުޅުއްވި ގެކަމުގައިވާ މަނަދޫ ހިކިފިނިފެންމާގެ

ކުރީ ޒަމާނުގައި ހުކުރު، ހޯމަ ވިލޭރޭ ތަކުގައި އެބޭކަލަކު އެ އެނދު ދާންމަތިކޮޅުގައި އަވަހާރަފުޅު ލައްޕަވަން ވަޑައިގަންނަވާ ކަމަށް ބުނެވެއެވެ. އެރޭތަކުގައި އެ ގޭގައި އުޅޭ އެންމެން ނިދަން ތިބޭނީ އެތެރިގެބައިގައި، ދޮރުލައްޕާ ތަންޑުއަޅައިގެންނެވެ. އެބޭކަލެއްގެ މަރަވަޅި ކޮޅުގެ " ޓޮއްޓޮއް " އަޑު އިވެން ފެށުމާއެކު މުޅި ގޭތެރޭގައި މީރު ހުނވަދެއްގެވަސް ފެތުރިގެންދެއެވެ. އަނެއް ދުވަހު ބަލާއިރު އެނދު ދާންމަތިކޮޅުގައި އެބޭކަލަކު އަވަހާރަ ލެއްޕެވިކަމުގެ ނިޝާންތައް ފެންނަން ހުރެއެވެ. ބެޓްޝީޓަށް ހުންނަނީ ރޫޖެހިފައެވެ. ބާލީސްތަކާއި ކަންނެތޮތަކުގެ ތަރުތީބު ހުންނަނީ ގެއްލިފައެވެ.


އެރޭރޭގައި ދިއްލާފައިހުންނަ ބައްތި ރީތިކޮށް ފޮހެ، ސާފުކޮށްފައިނެތިއްޔާ ބައްތި ނިވާލައްވާނެއެވެ. އަދި ތަންމަތިކޮޅު ރީތިކޮށް އަޅާފައި ނެތިއްޔާ ބެޑްޝީޓް އޮންނާނީ ބިންމައްޗަށް އެއްލާލާފައެވެ. ބުނެވޭގޮތުގައި އެރޭރޭ ރަށުގެ އެކި ހިސާބުތަކުގައި އެބޭކަލަކު ހިންގެވި އަޑު އިވުނު އެތައް ބަޔަކު ތިބެއެވެ. މިއީ " މަނަދޫ ސޭކުބޭ " ވާހަކައެވެ. ތުންތުންމަތިން ކިޔެމުންއައި " ސޭކުބޭ ވާހަކަ " ގައި މިހާތަނަށް އައިއިރު ކިޔުމުގައި ޚިލާފުތަކެއް ހުރިނަމަވެސް މައިގަނޑު ވާހަކައަކީ އެއް ވާހަކައެކެވެ. ހާދިސާތައް ދާދިއެއްގޮތެވެ. ބުނެވޭ ގޮތުގައި ސޭކުބޭ ތުއްޕުޅުއިރު އެދުރުގެ ތަކަށް ފޮނުވައިގެން އުޅެވެސް ކިޔަވާ ވިދާޅުވާގޮތެއް ނުވިއެވެ. އާދަވެގެން ބޮޑެތިވަމުން އަންނަ ކުދިންނާއެކު މޫދަށް އެރިވަޑައިގެން ކުޅިވަރު ކުޅުއްވާ ހެއްދެވުމުގެ ބަދަލުގައި ސޭކުބޭ ވެވަޑައިގަތީ ބަސްމަދު، ގިނަ ވަގުތު އެކަނިވެރިކޮށް ވަގުތުތައް ހޭދަކުރައްވާ ބޭކަލެކެވެ. ދުވާލުގެ ގިނަ ވަގުތުތައް ހޭދަކުރައްވަނީ ވަލުތެރޭގައެވެ. ސޭކުބޭގެ މި އާދަޔާ ޚިލާފު މަޑުމައިރި މިޒާޖުފުޅުގެ ސަބަބުން އެހެން މީހުން ދެކެންފެށީ އެބޭފުޅާއަކީ " ސޭކު ކުއްޖެއް " ކަމަށެވެ. އާދެ! މޮޔަ ކުއްޖެއް ކަމަށެވެ. ދުވަސްތައް ފާއިތުވަމުންގޮސް އެއްރެއަކު އަވަހާރަފުޅުގައި ސޭކުބޭ ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާ އަޑު އިވިއްޖެއެވެ. މިކަންތައް ތަކުރާރުވާން ފެށުމުން އެކަމަކީ ބޮޑު އަޖައިބަކަށް ވެއްޖެއެވެ. ޤުރުއާނުގެ އަލިފެއްހާ މިންވަރުވެސް އެދުރުގެއަކުން އުނގެނިވަޑައިގެންފައި ނުވާތީ އާއި އެހާ ރީތިކޮށް ޤުރުއާން ކިޔަވާ ވިދާޅުވާތީއެވެ.އެއްދުވަހަކު ސޭކުބޭ ގޭގައި ވަޑައިގެން ނެތިސް އޭނާގެ ފޮށިކޮޅު ބަޔަކު ހުޅުވާ ބެލިއިރު އެފޮށިކޮޅުން ފެނުނު ކަމަށްވަނީ ޤުރުއާން ޚަތިމެކެވެ. އެ ޚަތިމް ލިޔެފައިއޮތީ މަގޫފަތްތަކެއްގައެވެ. އެދުވަހަށްފަހު ސޭކުބޭ އާއިމެދު މީހުން ދެކެމުން އައިގޮތް މުޅީން ބަދަލުވީ ކަމަށް ބުނެއެވެ.


ރަބީޢުލްއައްވަލު މަހެއްގެ ބާރަވަނަ ދުވަހެވެ. ގޭގޭގައި ދުޢާ އާއި ޞަލަވާތް ފާތިހާ ކިޔަމުން ގެންދިޔައެވެ. މިގޮތުން ގެއެއްގައި ޞަލަވާތް ކިޔަވާ ވިދާޅުވާން ސޭކުބޭ ވަޑައިގެންނެވިއެވެ. އިތުރު ދެމީހަކާއެކު ޞަލަވާތް ކިޔަވާ ވިދާޅުވަން އިންނަވާފައި ކުއްލިއަކަށް ޞަލަވާތް ކިޔަވަން އަރާތިއްބެވި ބޮޑު އައްޓާއި ފާރާ ދޭތެރެއަށް އަތްޕުޅު ލައްވައިފިއެވެ. އިރުކޮޅެއް ފަހުން އަތްޕުޅު ނެންގެވިއިރު ފެންތިކި ޖަހައެވެ. ތިޔަ ކުރެއްވީ ކޮންކަމެއްތޯ ސުވާލު ކުރުމުން ވިދާޅުވިކަމަށްވަނީ ކާށިދޫ ބޮޑު ކަނޑުގައި ދަތުރުކުރަމުންދިޔަ ބަޔަކު ކަނޑުވެގެން އެބައިމީހުން ސަލާމަތް ކުރެއްވީ ކަމުގައެވެ. އެހެން ވިދާޅުވުމުން މީހުންތައް އެވާހަކަ ޔަޤީން ކުރުމަށް އަތްޕުޅުގައިލަނީ ލޮނު ރަހަތޯ ބަލާ ހެދިކަމަށްވެއެވެ. ބުނެވޭ ގޮތުގައި އެފެންތިކިތަކުން ލީ ސޭކުބޭ ވިދާޅުވި ފަދައިން ހަމަ ލޮނު ރަހައެވެ.


އެހެން ހާދިސާއެކެވެ. މާލެ އަންނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން ހދ. ކުޅުދުއްފުށީ ދޯންޏެއް މަނަދޫގައި ބަނދަރު ޖަހައިފިއެވެ. މި މީހުން ފައިބާ ބޯފެންލާ ހެދިއިރު މޫސުން ރަނގަޅުވެ، އުޑުމަތި ސާފުވެއްޖެއެވެ. މިބައި މީހުން ފުރަން އުޅެނިކޮށް ސޭކުބޭ ވަޑައިގެން މާލެ ގެންގޮސް ދިނުމަށް އެދިވަޑައިގަތެވެ. އެމީހުންނަށް އެއީ ކޮންބޭކަލެއްކަން ނޭނގުމުގެ ސަބަބުން ކޮންމެވެސް ބަހަނާއެއް ދައްކާފައި މާލެ ގެންގޮސް ދޭކަށް އެއްބަހެއް ނުވިއެވެ. މި ދޯނިމީހުން ފުރަންވެގެން ލޮތާރި ( ނަގިލި ) ނަގަން އުޅެއުޅެ އެކަންވާގޮތެއް ނުވިއެވެ. މޫދުގެ އަޑީގައި ދޮންވެލިގަނޑު މަތީގައި ރީތިކޮށް ނަގިލި ފެންނަން އޮވެ، ނަގިލި ހިލޭގޮތް ނުވުމުން އެބައިމީހުން ވަރަށް ބިރުގަނެގެން އެއްގަމަށް ފައިބާ މިވާހަކަ ދައްކަން ފަށައިފިއެވެ. ރަށުގެ މީހުންގެ ފުށުން އެނގުނުގޮތުގައި އެގޮތަށް އެދިމާވީ ސޭކުބޭ އެއޮޑިން މާލެ ގެންދާން އެބައިމީހުން އެއްބަސް ނުވުމުންނެވެ. އަވަސް އަވަހަށް އެބައިމީހުން ސޭކުބޭ އަރިހަށްގޮސް މާފަށްއެދި، މާލެ ގެންގޮސް ދިނުމަށް އެބަސްވެ ހިތްހަލާލު ހޯދައިފިއެވެ. ނަމަވެސް އެއޮޑިން މާލެ ވަޑައިގެންނެވުމަކަށް ސޭކުބޭ އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. ވަރަށް ނިޔާމަ ދަތުރަކަށްފަހު އެދޯނި މާލެ ގޮސްފިއެވެ. އެމީހުން މާލެ އައިއިރު ސޭކުބޭ ވަޑައިގެން ހުންނެވީ މާލޭ އަތިރިމަތީގައެވެ. ބުނެވޭގޮތުގައި ސޭކުބޭ މާލެ ވަޑައިގެންނެވީ ކަޅުހިލަ ދައެއްގައެވެ.


ހުކުރުވިލޭރެއެއްގައި ދެނަމާދު ދޭތެރެ ވަގުތު ( ޢިޝާނަމާދާއި ނަޣުރިބް ނަމާދާއި ދެމެދު ) ގައި އެއް ފުރައެއްގެ ކުދިންތަކަކާއެކު ރުޤިއްޔާވެސް ދިޔައީ މަޣުރިބް ނަމާދުކޮށްގެން ގެއަށް ޔާސީން ކިޔަވާށެވެ. އެވަގުތަކީ އާންމުކޮށް ގޭގޭގައި ކުޑަކުދިން ޔާސީން ސޫރަތް ކިޔަވާ ވަގުތުކަމަށްވާތީ ރަށުގެ އެކި ހިސާބުތަކުން ކީރިތި ޤުރުއާންގެ އަޑު އިވިއިވި ހުއްޓެވެ. ކުއްލިއަކަށް ސޭކުބޭމެންގެ އަސްކަނި ދޮށުގައި ހުދުހެދުމެއްގައި ހުންނެވި ބޭކަލަކު ރުޤިއްޔާއަށް ފެނިއްޖެއެވެ. އޭރު ރުޤިއްޔާގެ ޢުމުރުންވާނީ ދިހަވަރަކަށް އަހަރުކަމަށްވާތީ ކުއްލިއަކަށް ބިރުގަންނަ ގޮތްވެގެން އަޅާ އިތިކޮށް ދުވެއްޖެއެވެ. ބުނެވޭގޮތުގައި ސޭކުބޭ އަރިހަށް އައުމަށް ރުޤިއްޔާއަށް އިޝާރާތް ކުރެއްވީ ޤުރުއާން ކިޔަވާ ވިދާޅުވެ ދެއްވާށެވެ. ނަމަވެސް ބިރުގަންލެއް ބޮޑޫކަމުން އެކުޑަ ކުއްޖާ ފިލީއެވެ. ބުނެވޭ ގޮތުގައި އެކުއްޖާ ބިރު ނުގަނެ ސޭކުބޭ އަރިހަށް ދިޔަނަމަ އެކުއްޖާވީހީ ޤުރުއާން ހިތުދަސް ކުއްޖަކަށެވެ. ނަމަވެސް މިހެން ކަންތައް ދިމާވުމުން އެކުއްޖާވީ ވަރަށް ބޮޑަށް މަސައްކަތް ކޮށްވެސް އުމުރު ދުވަހަށްވެސް ޤުރުއާން ޚަތިމް ނުކުރެވުނު މީހަކަށެވެ. ފަހުން މި ރުޤިއްޔާއަށް ކިޔުނީ ރުގީދައިތަ ކަމަށް ބުނެވެއެވެ.


ސޭކުބޭގެ ދާންމަތިކޮޅު ނުވަތަ މަގާންކޮޅު ކަމަށް ބުނެވޭ އެނދެއް ދާދި ފަހަކާ ޖެހެންދެންވެސް ނ. މަނަދޫ ކިހިފިނިފެންމާގޭގައި ހުއްޓެވެ. އެ މަގާމުކޮޅު ޒީނަތްތެރި ކޮށްފައިހުރީ ވަށައިގެން ގާތްގާތުގއި ކޮޅަށް ޖަހާފައިހުރި ސާފު ހުދުކުލައިގެ ފޮތި ދިދަތަކަކުންނެވެ. އެނދުގެ ވަޑައިގެން ޖަހާފައިހުރި މިދެންނެވި ދިދަ ތަކުގެ އިތުރުން ތަންމަތި އަޅާފައި ހުންނަނީވެސް ހުދު ކުލައިގެ ބެޑްޝީޓުންނެވެ. ތުނި ނަރު ގޮދަނޑިއެއް ދާންމަތި ކޮޅުގައި އޮވެއެވެ. ބާލީސްތަކުގެ އުރަތަކުގެ ކުލައަކީވެސް ސާފު ހުދުކުލައެވެ. އަބަދުވެސް ދާންމަތި ކޮޅުގައި ޚަތިމެއް ބާއްވާފައި އޮވެއެވެ. އަދި ނަދުރުބުނެގެން ނަދުރުފުއްދުމަށް ގެނެސް ބަހައްޓާފައިހުންނަ ގަހަނާގެ ބާވަތްތައް ނެތްއިރެއް ނުދެއެވެ. އެދާންމަތި ކޮޅުގައި އެއްވެސް މީހަކު އޮށޯވެ، އިށީނދެ ހެދުމަކީ މުޅިން މަނާކަމަކެވެ. އެދާންމަތިކޮޅު އެބޭކަލަކަށް ނިސްބަތްވާ ވަލީވެރި ބޭކަލެއް ކަމަށް ބުނެވޭ މަނަދޫ ސޭކުބޭ ފަސްދާނު ވެޑުވިފައިވަނީ ބުނެވޭގޮތުގައި މާލޭ ހުކުރު މިސްކިތް ދޮށުގައެވެ. ސޭކުބޭ އާއި ބެހޭގޮތުން ތުންތުންމަތިން ދެކެވެމުން އައިސްފައިވާ ވާހަކަތަކަށް ބަލާއިރު ކުރީ ޒަމާނުގައި ރާއްޖޭގައި މިފަދަ " ވަލީވެރިން ބޭކަލުން " ނޭ ކިޔައިގެން ފެތުރިފައިވާ ވާހަކަތަކާ ވަރަށް އެއްގޮތްކަން ފާހަގަކުރެވެއެވެ. މިފަދަ ވާހަކަތަކުގައި ޚުރާފާތުގެބައި ބޮޑުކަމުން މިހާރަކު މިފަދަ ވާހަކަތައް ޤަބޫލުކުރާ ބަޔަކު މަނަދޫއަކުންވެސް ނުފެނެއެވެ. ތުންތުންމަތިން ދެކެވެމުންއައި މި ވާހަކައަކީ މިހާވަރެއްގެ ހަގީގަތެއްހުރި ވާހަކައެއް ކަމާމެދުވަނީ ސުވާލު އުފެދިފައެވެ.


1989 ވަނަ އަހަރުގެ ތެރޭގައި މިދެންނެވި ސޭކުބޭގެ " މަގާންކޮޅު" ނަގާ ތަންސާފު ކުރެވުނެވެ. އެމަގާންކޮޅު ނުވަތަ އެނދުދާންމަތިކޮޅު ހަދާފައިހުރި އެނދު، މަނަދޫ ހިކިފިނިފެންމާގެއިން ނެރެގެން ގެންދެވުނީ މަނަދޫ ލިލީމާގެއަށެވެ. ނ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގެ ދަރިވަރުން މުޙަންމަދު ތަކުރުފާނުގެ ވާހަކައަށް ތަމްސީލެއް ކުޅުމަށް ކުރީ ޒަމާނުގެ އެނދެއް ނުލިބިގެން މި އެނދު ބޭނުން ކުރިއެވެ. އެ ތަމްސީލުގައި އެ އެނދުގައި އިށީނުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. މިއީ ފޯކްލޯރެއް ކަމުން މި ވާހަކައިގައި ތާރީޚީ ހަގީގަތްތަކެއް ކޮންމެވެސް ވަރަކަށް ހުރުމަކީ ވެދާނެ ކަމެކެވެ. މި ވާހަކަ އަޅުގަނޑު ލިޔެފައި މިވަނީ މަނަދޫގައި ތިބި ދުވަސްވީ މީހުންގެ ކައިރިން އަހާ އޮޅުންފިލުވައިގެން އެމީހުންގެ ވާހަކަތަކުގެ މައްޗަށް އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ. ވާހަކައިގައި ރުޤިއްޔާއެއްގެ ވާހަކަ އާދެއެވެ. އެއީ ކޮން ރުޤިއްޔާއެއް ކަމެއް ނޭނގެއެވެ. މީގެ އިތުރުން މި ވާހަކަ ލިޔުމުގައި މީހުން ސޭކުބޭގެ ސިފައާއިމެދު ދައްކާ ވާހަކަތައް ވާނީ އުނިކޮށްފައެވެ. ސޭކުބޭ ސިފަކަމަށް ގިނަ މީހުން ކިޔައދޭ ސިފައަކީ އާދައިގެ އާދަމުގެ ދަރިއަކަށް ނިސްބަތްކުރާވަރަށްވުރެ މާބޮޑު މީހެއްގެ ސިފަކަމަށް ބެލެވެއެވެ. މިގޮތުން ސޭކުބޭގެ ދަތްޕިލާގެ ދަތެއް މާޅިސްކެޔޮ ވަކެއްވަރު ވާކަމަށްވެސް ބުނެވެއެވެ. މިހސާބުން ސޭކުބޭގެ ވާހަކަ ނިމުނީ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. އެކަމަކު މިލިޔުމުގައި އަޅުގަނޑަށް ސޭކުބޭގެ ޙަޔާތްޕުޅާބެހޭ ގޮތުން ހޯދުނު މަޢުލޫމާތެއް ހުރިހަމަ މިވަނީ ހިމަނާފައެވެ. ( ނިމުނީ )


ނޯޓް: މި ވާހަކަ ލިޔެ ފުރަތަމަ ޝާއިޢުކުރެވުނީ އުދަރެސް މަޖައްލާގެ 35 ވަނަ އަދަދުގައި ( 17 ޖުލައި 2001 ) ގައެވެ. މަނަދޫ ހިކިފިނިފެންމާގޭ އަލްފާޟިލް އިބްރާހިމް ޢަބްދުޞަމަދަށް މިހާރު ބައެއް މީހުން "ސޭކުބޭ" ކިޔަސް މަނަދޫގައި އުޅުއްވި ވަލީވެރިބޭކަލެއް ކަމަށް ބުނެވޭ މަނަދޫ ސޭކުބެއަކީ އޭނާއެއްނޫނެވެ.

ޢަބްދުﷲ ސަޢީދު ބްލޮގަށް މަރުޙަބާ!

ޢަބްދުﷲ ސަޢީދުގެ ބްލޮގަށް މަރުޙަބާ ދަންނަވަމެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޒާތީ ޚިޔާލުގެ މައްޗަށް ބިނާވެފައިވާ ބްލޮގެކެވެ.

Wednesday, April 30, 2008

Tuesday, April 29, 2008

ކޯސްޓްގާޑްގެ ދެ އުޅަނދު "ޣާޒީ" އާއި "ޝަހީދު ޢަލީ"ގެ ޚިދްމަތް ފަށްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު

 

بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިއަދުގެ މި އުފާވެރި އިޙްތިފާލުގައި މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ކޯސްޓްގާޑް އުޅަނދު "ޣާޒީ" އާއި، ކޯސްޓްގާޑް އުޅަނދު، "ޝަހީދު ޢަލީ" ގެ ޚިދުމަތް ފަށައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބޭ ރަށްބޮޑު އުފަލެއް.


ދެންމެ ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލް ކާނަލް ޒަކަރިއްޔާ މަންޞޫރުގެ ވާހަކަފުޅުގައި، ވިދާޅުވިފަދައިން، މި ދެ އުޅަނދުގެ ބޭނުން ނުރަސްމީ ސިފައެއްގައި ވަނީ ކުރަން ފެށިފައި. އެހެންނަމަވެސް، މިއަދަކީ މި ދެ އުޅަނދުގެ ޚިދުމަތް ރަސްމީގޮތުން ފަށައިދެވޭ ދުވަސް. އެހެންކަމުން، އެ އުފާވެރި ވާޖިބު އަދާކުރުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ޝަރަފެއް ކަމުގައި ދަންނަވަން.

މި އުފާވެރި މުނާސަބަތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އަދި ސިފައިންގެ ވެރިޔާގެ ނައިބު އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި، އެމް.އެން.ޑީ.އެފް.ގެ ޗީފް އޮފް ސްޓާފް، މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރަށާއި، ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލް ކާނަލް ޒަކަރިއްޔާ މަންޞޫރަށާއި، ކޯސްޓްގާޑުގެ އިސް އޮފިސަރުންނަށާއި، އެކި ރޭންކުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، އެމް.އެން.ޑީ.އެފް.ގެ އިސް އޮފިސަރުންނަށާއި، އެކި ރޭންކުތަކުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން.

އާދެ، ކޯސްޓްގާޑުން ހިންގާ އެކިއެކި މަސައްކަތްތަކާއި، ކުރާ ޚިދުމަތްތަކުގެ ވާހަކަ އަޅުގަނޑުމެންނަށް ދެންމެވެސް އިވިގެން ހިނގައްޖެ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ކަނޑުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި ގެއްލުން ލިބޭ މީހުންނާއި، އެކިއެކި ދަތި ކަންތައްތައް ކުރިމަތިވާ މީހުން ސަލާމަތް ކުރުން. އޭގެއިތުރުން، ދިވެހިރާއްޖޭގެ މަސްކަނޑުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުން. އަދި ސިފައިންގެ ޚިދުމަތަށް ބޭނުންވާ ތަންތަނަން ސިފައިން ވަގުތުން ގެންގޮސްދިނުން. ހަމައެހެންމެ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިނގާ އެކި ކަންތައްތައް ހުއްޓުވައި، ރާއްޖޭގެ ރައްޔިތުންނަށް އަމަންއަމާންކަމާއި، ސަލާމަތްކަމާއި، ރައްކާތެރިކަން ހޯދައިދިނުން. މީގެއިތުރުން، އެކިއެކި ނުރައްކާތެރި ހާދިސާތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. މިސާލަކަށް، އެކި ރަށްރަށުގައި ފެންބޮޑުވެ، ވިއްސާރަވެ، ގަދަވުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. ހަމައެހެންމެ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ޙިމާޔަތް ކުރުމުގައި ކުރަންޖެހޭ ތަފާތު މަސައްކަތްތައް ކުރުން.

މި ހުރިހާ މަސައްކަތްތަކަކީ އަދި ޚިދުމަތްތަކަކީ، ކޯސްޓްގާޑުން ދިވެހި ރައްޔިތުންނަށް ކޮށްދެމުން އަންނަ ޚިދުމަތްތަކެއް. އެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، މިހާރަށްވުރެ ހަލުއި ގޮތެއްގައި ރައްޔިތުންނަށް ފޯރުވައިދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެއް.

މި ދެންނެވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުން. މިދުވަސްވަރަކީ ނުވަތަ މިޒަމާނަކީ އަޅުގަނޑުމެންގެ ރާއްޖެއާ ކައިރީގައި ތަފާތު އެތައް ހަރަކާތްތަކެއް ހިނގަމުންދާ ދުވަސްވަރެއް އަދި ޒަމާނެއް. އޭގެތެރޭގައި، މަސްވެރިކަން ކުރާ އުޅަނދުތައް، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުމާއި، އިޤްތިޞާދީ ސަރަޙައްދުން މަސްވެރިކަން ކުރުމާ، މިކަންތައްތައްވެސް ހިމެނޭ. ހަމައެހެންމެ، އެނޫންވެސް ގަވާއިދާ ޚިލާފު ކަންތައްތައް ކުރަމުން ދިޔުން ހިމެނޭ. ޚާއްޞަކޮށް، މިދުވަސްވަރަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާތެރިކަން ބޮޑުވަމުން ގޮސްފައިވާ ދުވަސްވަރަކަށްވާތީ، އެކަމާބެހޭ ހަރަކާތްތައްވެސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބަޔަކު ހިންގަމުން ގެންދާކަން، ނުވަތަ ގެންގޮސްފައިވާކަން އަޅުގަނޑުމެންނަށް އެނގޭ. މި ހުރިހާ ކަމެއް ކޮންޓްރޯލްކޮށް ބަލަހައްޓައި، އެކަންކަމުން ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ގެއްލުންތަކުން، ސަރުކާރާއި ރައްޔިތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީ، ކޯސްޓްގާޑުން ކުރަމުން އަންނަ ކަންތައްތަކެއް. އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރަމުން ގެންދާނެ ކަންތައްތަކެއް.

އެހެންވީމާ، މި ހުރިހާ ކަންތައްތަކެއް، މިހާރަށްވުރެ ހަލުއިކޮށް، މިހާރަށްވުރެ ފުރިހަމަކޮށް، ހަރުދަނާކޮށް ކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ގެންދަނީ މަސައްކަތް ކުރަމުންކަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަދި މިއަދު އަޅުގަނޑުމެން ޚިދުމަތަށް މި ނެރެދޭ ދެ އުޅަނދުގެ އިތުރުން، އެހެން އުޅަނދުފަހަރު ހޯދުމަށްވެސް ސަރުކާރުން ގަސްދުކޮށް، އެކަމާބެހޭ މަޝްވަރާތައް މިހާރު މިގެންދަނީ ކުރަމުން.

ރާއްޖޭގެ މަސްކަނޑުތައް ޙިމާޔަތް ކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި، ސަރވޭލަންސް ރޭޑާރ ސިސްޓަމެއް ޤާއިމުކުރުމުގެ މަޝްރޫޢެއް މިހާރު އެބަ ހިންގަމުން ގެންދަން. މި މަޝްރޫޢުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ނިންމާލެވޭތޯ މިގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. މީގެއިތުރުން، ރާއްޖޭގެ މަސްވެރިންނަށް ދިމާވާ އެކިއެކި ޙާލަތްތަކުގައި މިހާރަށްވުރެ ފަސޭހަކަމާއެކު މުޢާމަލާތު ކުރެވޭނެ ގޮތެއް ހޯދުމުގެ ގޮތުން، އެ މުޢާމަލާތުތައް ވިލަރެސް ކުރާނެ ސަރަޙައްދީ މަރުކަޒުތަކެއް، ރާއްޖޭގެ އެހެން ފަސް ސަރަޙައްދެއްގައި ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުން އެބަދޭ. މިގޮތުން ގދ.ކާޑެއްދޫގައި މިފަދަ ފުރަތަމަ ސަރަޙައްދީ މަރުކަޒު މިހާރުވަނީ ޤާއިމުކުރެވިފައި. އިރާދަކުރެއްވިއްޔާ، އަނެއް ހަތަރު ސަރަޙައްދުގައި މި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް، ކުރިއަށް އޮތް ތާނގައި ކުރެވޭނެ.

އާދެ، ރާއްޖޭގެ ސިޔާސީ ސަރަޙައްދާއި، އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަކީ ޙަޤީޤަތުގައި ވަރަށް ބުރަ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ބިންކޮޅު ކިތަންމެ ކުޑަޔަސް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ވަރަށް ބޮޑު. ރާއްޖޭގެ ސިޔާސީ ސަރަޙައްދުގައި 115,000 އަކަ ކީލޯ މީޓަރު އެބަހުރި. ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި 859,000 އަކަ ކީލޯ މީޓަރު އެބަ ހިމެނޭ. މިފަދަ ބޮޑު ސަރަޙައްދެއް ރައްކާތެރިކުރުމަކީ، ޙިމާޔަތް ކުރުމަކީ ވަރަށްބުރަ ކަމެއް. ވަރަށް ބޮޑު މަސްއޫލިއްޔަތެއް. ވަރަށް ގިނަ ވަސީލަތްތަކެއް ބޭނުންވާނެ ކަމެއް. އަދި އަޅުގަނޑުމެންގެ އަތުގައި މިއަދު މިވަރުގެ ބޯޓުފަހަރު، އުޅަނދުތައް ހުރިކަމުގައިވިޔަސް، މިވަރަކުން އަޅުގަނޑުމެންނަކަށް ފުއްދާލެވޭކަށް ނޯންނާނެ. މިއަށްވުރެ އިތުރު ވަސީލަތްތައް ބޭނުންވޭ. އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ސަރަޙައްދު ބަލަހައްޓައި ރައްކާތެރިކޮށް، ބޭރުން އަތުވެދާނެ ނުރައްކާތަކަކުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި، މަތިންދާބޯޓުވެސް ބޭނުންވެއޭ. މިހާރު ދިމާވާ ކުއްލި ހާދިސާތަކުގައި، ސިފައިންގެ އަތުގައި މަތިންދާ ބޯޓު ނެތުމުން، މިޖެހެނީ އައިލެންޑް އޭވިއޭޝަނުން ނުވަތަ އެނޫން ފަރާތެއްގެ އެހީގައި، މަތިންދާބޯޓު ބޭނުންކުރަން. އޭގެތެރޭގައި، ބެހިގެންދާ މީހުން ހޯދުމާއި، އެކިއެކި ނުރައްކާތެރި ހާދިސާތައް ދިމާވެގެން ހާލުގައިޖެހޭ މީހުން ސަލާމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަންޖެހެނީ މިހާ ދަތިގޮތެއްގައި. އެހެންވީމާ، ކުރިޔަށް އޮތްތާނގައި އަޅުގަނޑުމެން މަތިންދާބޯޓްވެސް އެބަ ބޭނުންވޭ، ހެލިކޮޕްޓަރުވެސް ބޭނުންވޭ. އަދި ރާއްޖޭގެ މި ބޮޑު ސަރަޙައްދު ރައްކާތެރިކުރުމަށްޓަކައި އެނޫންވެސް ޒަމާނީ އެކިއެކި ވަސީލަތްތައް އެބަ ބޭނުންވޭ. މިކަންކަމަކީ، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މިހާރުވެސް އެކަންތައްތައް ކުރެވެން އޮތް ގޮތަކަށް، ކުރުމަށް ވިސްނަމުން ގެންދާ ކަންތައްތަކެއް.

މިހެން ދަންނަވާއިރު، ރާއްޖޭގެ ކުޑަކަމާއި، ރާއްޖޭގެ ވަސީލަތްތައް މަދުކަމާއި، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ ކުޑަކަންވެސް، ހަމަ އަޅުގަނޑުމެންގެ ހިތަށް ގެންނަން އެބަޖެހޭ. އެކަންކަން އެހެން ހުރިނަމަވެސް، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުމަށް އަދި ރާއްޖޭގެ ރިޒުޤު ކަމުގައިވާ ރާއްޖޭގެ މަސްކަނޑުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީވެސް އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް. އަދި އޭގެއިތުރުން، ރާއްޖެއަށް އަންނާނެ އެހެން ނުރައްކާތަކުން ރާއްޖެ ސަލާމަތް ކުރުމަކީވެސް، އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް. އޭގެތެރޭގައި، މަސްތުވާތަކެތީގެ ނުރައްކަލާއި، އެކިއެކި ބޭނުންތަކުގައި އެއްތަނުން އަނެއްތަނަށް ހަތިޔާރު ގެންދާ ބަޔަކު އެކުރާ މަސައްކަތްތަކާއި، އަދި އެނޫން ގޮތްގޮތުންވެސް ރާއްޖެއަށް އެއްވެސް ކަހަލަ ނުރައްކަލެއް އަތުވެދާނެ ކޮންމެ ކަމަކުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެންގެ އަތުގައި މިނޫން އެތައް ވަސީލަތްތަކެއް ހުންނަން އެބަޖެހޭ. މިކަންކަން ކުރުމުގެ މަގު މާތްﷲ ތަނަވަސްކޮށްދެއްވާނެ ކަމުގެ ފުރިހަމަ އުންމީދުގައި އަޅުގަނޑުމެން މިތިބެނީ. އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖެއަކީ އަބަދުވެސް މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮތުން. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަބަދު ރައްކާތެރި ކުރެވިފައި އޮތުން. ރާއްޖޭގެ ދީނާއި ޢަޤީދާއާއި ރާއްޖޭގެ ސަޤާފަތު ޙިމާޔަތް ކުރެވިފައި އޮތުން. މިކަންކަން މިހެން ކުރުމަށްޓަކައި މިދެންނެވި ވަސީލަތްތަކުގެ ބޭނުން ވަރަށް ބޮޑަށް ކުރަންޖެހޭނެކަން، ތިޔަ ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ދިވެހިރާއްޖޭގެ ކޯސްޓްގާޑަށް މި ލިބުނު ކުރިއެރުމުގެ ތަހުނިޔާއާއި މަރްޙަބާ އަދިވެސް އެއްފަހަރު، ކަމާބެހޭ ފަރާތްތަކަށާއި އަދި ކޯސްޓްގާޑުގެ ހިތްވަރުގަދަ އޮފިސަރުންނަށާއި، ކޯސްޓްގާޑުގެ ސިފައިންނަށް ދަންނަވައި، އަދި އެ ބޭފުޅުން އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރު ކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.

 


Monday, April 28, 2008

ކޯސްޓްގަރޑް ޝިޕް ޣާޒީ އާއި ޝަހީދު ޢަލީ ކަމިޝަން ކޮށް ދެއްވުން














އެމްއެންޑީއެފް ކޯސްޓްގަރޑް ޝިޕް ޣާޒީ އާއި ޝަހީދު އަލީ ކަމިޝަން ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. 28 އޭޕްރީލް 2008

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...