
ޢަބްދުﷲ ސަޢީދު
ފަރިއްސަކީ ޅެން ހަދާން ފެށުމުގެ
ކުރީން ހަދައިއުޅުނު ދިވެހި ވަޒަންބަހުރުވައިގެ ބާވަތެކެވެ. ފަރިހީގެ ތެރޭގައި ސަމާސާ
ފަރިއްސާއި މަލާމާތުގެ ފަރިއްސާއި ދަތުރުނާމާ ފަރިއްސާއި ނަސޭހަތުގެ ފަރިއްސާއި ހާލަތު
ބަޔާންކޮށްދޭ ފަރިއްސާއި ލޯބީގެ ފަރިއްސާއި ހާދިސާތައް ނުވަތަ ވާހަކަ ކިޔައިދޭ ފަރިއްސާއި
މަޢުލޫމާތު އޮޅުންފިލުވައިދޭ ފަރިހި ހުރެއެވެ. ހދ. އަތޮޅު ފަރިއްސަކީ އެ އަތޮޅުގެ ރަށްރަށަށް
ލިބިފައިވާ ބައެއް ޚާއްޞަ ސިފަތަކާއި މަލާމާތުގެ ގޮތުން ނިސްބަތްކޮށް އުޅޭ ބައެއް ކަންކަން
ހިމަނައިގެން އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ނަންތައް ތަރުތީބުން ކިޔައިދީފައިވާ
ޒަމާންވީ ފަރިއްސެކެވެ.
ހދ. އަތޮޅުގައި ޖުމްލަ 34 ރަށް
އޮވެއެވެ. އޭގެތެރެއިން މިހަރު މީހުން ދިރިއުޅެނީ 13 ރަށުގައެވެ. މި 13 ރަށަކީ: ހަނިމާދޫ، ފިނޭ، ނައިވާދޫ، ހިރިމަރަދޫ،
ނޮޅިވަރަންފަރު، ނެއްލައިދޫ، ނޮޅިވަރަން، ކުރިނބީ، ކުޅުދުއްފުށި، ކުމުންދޫ، ނޭކުރެންދޫ،
ވައިކަރަދޫ، މަކުނުދޫ އެވެ. ފަރިހީގައި މި 13 ރަށުގެ އިތުރުން އޮތީ ދާދި ފަހަކާ ޖެހެންދެން
ވެސް މީހުން ދިރިއުޅުނު ފަރިދޫ، މާވައިދޫ، ކުބުރުދޫގެ ނަމެވެ. މި ތިން ރަށުން މީހުން
ސުނާމީއަށްފަހު ވަނީ ނޮޅިވަރަންފަރަށް ބަދަލުވެފައެވެ.