
ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖޭގެ ކެޑޭޓް ހަރަކާތްތަކުގެ ތާރީޚަށް ބަލާއިރު ތިން ދުވަސްވަރެއް
ނުވަތަ ތިން ޒަމާނެއް ފާހަގަކުރެވެއެވެ. އެއް ދުވަސްވަރަކީ މަދަރުސަތުލް ސަނިއްޔާގެ
ފިރިހެން ގޮފި (މިހާރުގެ މަޖީދިއްޔާ ސްކޫލް) ގައި 19 މާރިޗު 1945 ގައި އުފެއްދެވި
"ޚާއްޞަ ޕާޓީ" ގެ ހަރަކާތާއެކު ކެޑޭޓްގެ ހަރަކާތްތައް ފެށިގެން އައި
ދުވަސްވަރެވެ. އެއީ ދިވެހިރާއްޖޭގައި ކެޑޭޓް ހަރަކާތުގެ ބިންގާ އެޅިގެންދިޔަ ދުވަސްވަރެވެ.
މަދަރުސަތުލް ސަނިއްޔާގެ ނަމުން މަދަރުސަތުލް މަޖީދިއްޔާގެ ނަމަށް ނަން
ބަދަލުކުރެއްވީ 6 އެޕްރީލް 1947ގައެވެ. އަނެއް ދުވަސްވަރަކީ 1961 ވަނަ އަހަރު
މަޖީދިއްޔާ ސްކޫލްގައި އިނގިރޭސި މީޑީއަމަށް ކިޔަވައިދޭން ފެށުމާއެކު މަޖީދިއްޔާ
ސްކޫލުގައި "ދަ މޫވްމަންޓް"ގެ ނަމުގައި ކެޑޭޓްގެ ހަރަކާތްތަކަށް ބޮޑު
ކުރިއެރުމަކާއެކު އާ ދިރުމެއް އައި ދުވަސްވަރެވެ. އެ ދުވަސްވަރު އުފެދިގެން އައި
ކެޑޭޓުގެ ވަރުގަދަ ރޫޙުގެ ތެރެއިން 25 އޯގަސްޓް 1963ގައި މަޖީދިއްޔާ ސްކޫލުގައި "މަޖީދިއްޔާ
ކެޑޭޓް ކޯރ" އުފެދި، ކެޑޭޓް ހަރަކާތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް އައެވެ.
އަނެއް ދުވަސްވަރަކީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލް، މަދަރުސާތަކެއްގައި
ހަރަކާތްތެރިވާ ކެޑޭޓުންގެ މައްޗަށް 25 ޖުލައި 1995 ގައި "މޯލްޑިވްސް
ނޭޝަނަލް ކެޑޭޓް ކޯރ" އުފެދުމަށް ފަހުގައި އައި ދުވަސްތަކެވެ. މިއީ ކެޑޭޓުގެ
ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެޑޭޓުގެ
ހަރަކާތްތައް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ވިލަރެސްކުރެވިގެން ކުރިއަށްގެންދަންފެށި
ދުވަސްވަރެވެ.
ޚާއްޞަ ޕާޓީ
ދިވެހިރާއްޖޭގައި ކެޑޭޓުގެ ހަރަކާތް ފުރަތަމަ ފެށުންކަމަށް ބަލަނީ ސުމުއްވުލްއަމީރު
މުޙައްމަދު އަމީން ދޮށިމޭނާ ކިލެފާނުގެ ޒަޢާމަތުގައި މަދަރުސަތުލް ސަނިޔާގެ
ފިރިހެން ގޮފި (ފަހުން މަޖީދިއްޔާ ސްކޫލް) ގައި ފެށި "ޚާއްޞަ ޕާޓީ"ގެ ހަރަކާތް
ފެށުމަށެވެ. އެ ދުވަސްވަރަކީ ދިވެހި ދައުލަތް ހިންގަވާ މަޖިލިހުގެ ރައީސްކަމާއި ވަޒީރުއްދާޚިލިއްޔާ
(ހޯމް މިނިސްޓަރ)ގެ މަޤާމުގައި ހުންނަވައިގެން މުޙައްމަދު އަމީން ދިވެހި ދައުލަތް
ހިންގެވި ދުވަސްވަރެވެ. އޭރު އެއީ ސިފައިންގެ ވެރިޔާ ވެސް މެއެވެ.