
ޢަބްދުﷲ ސަޢީދު
މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު ދިވެހި އަސްކަރީ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1970 ވަނަ އަހަރު އޭޕްރީލް މަހުގެ 06 ވަނަ ދުވަހުއެވެ. ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ދިވެހި އަސްކަރިއްޔާގައި 41 އަހަރާއި 9 މަހާއި 16 ދުވަހު ޚިދުމަތް ކުރެއްވިއެވެ. މި ދިގު ޚިދުމަތަށް ފަހު ޝަރަފުވެރިކަމާއެކު އަސްކަރީ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 22 ޖަނަވަރީ 2012 ގައެވެ. ސިފައިންގެ ސާރވިސް ނަންބަރު 214، މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަށް އާންމުކޮށް މުޚާޠަބު ކުރެވެނީ "ދޮންއެނބޫ ޅަހުއްތު" ގެ ނަމުންނެވެ. އަޅުގަނޑުމެން ޢުމުރުގެ ގިނަ ސިފައިންނަށް އެއީ "އެނބޫ ސަރ" އެވެ.
މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަކީ އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ސީނިއަރ އޮފިސަރެކެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައެވެ. ޕްރައިވެޓްކަމާއި، ލާންސް ކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސާރޖެންޓްކަމާއި، ސްޓާފް ސާރޖެންޓް ކަމާއި ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމައި ވޮރަންޓް އޮފިސަރ ގްރޭޑް1 ގެ މަޤާމު ފުރުއްވިއެވެ. އޮފިސަރ ކެރިއަރގައި ލެފްޓިނެންޓްކަމާއި، ފަސްޓް ލެފްޓިނެންޓްކަމާއި، ކެޕްޓަންކަމާއި، މޭޖަރކަމުގެ މަޤާމު ފުރުއްވިއެވެ. ދިވެހި އަސްކަރީ ޚިދުމަތުގައި ގިނަ ދުވަހު ކޯސްޓްގާޑުގައި ޚިދުމަތް ކުރެއްވި ނަމަވެސް އަސްކަރިއްޔާގައި ޢުމުރާނީ ތަރައްޤީގެ ދާއިރާއިން ކުރައްވާފައިވާ ޚާއްޞަ މަސައްކަތްތައް ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި ރާޑަރ ސްޓޭޝަންތައް ޤާއިމުކުރުމަށް ކުރި މަސައްކަތްތައް ފާހަގަ ކުރެވެއެވެ.