ޢަބްދުﷲ ސަޢީދު
ގ. އެރިއަދޫ، ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލަކީ ދިވެހި
އަސްކަރިއްޔާގައި 4
އެޕްރީލް 1988 އިން، 17 ނޮވެންބަރު 2023 އަށް 35 އަހަރާއި 7 މަހާއި 14 ދުވަހުގެ
ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމަށް އަގުހުރި
ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޕްރައިވެޓް ރޭންކުގައި އަސްކަރީ
ޚިދުމަތް ފެށްޓެވި ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ 11 ޑިސެންބަރު 2018 އިން، 17 ނޮވެންބަރު 2023
އަށް ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމް ފުރުއްވާފައެވެ. އަސްކަރީ ޚިދުމަތުން 17 ނޮވެންބަރު 2023 ގައި ޝަރަފުވެރިކަމާއެކު
ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް، ޗީފް އޮފް ޑިފެންސް
ފޯސްގެ އިތުރުން ދިވެހި އަސްކަރިއްޔާގައި ފުރުއްވި އިސް މަޤާމުތަކުގެ ތެރޭގައި
ޓްރޭނިންގ އެންޑް ޑޮކްޓްރިން ކޮމާންޑުގެ ކޮމާންޑިންގ އޮފިސަރުކަމާއި،
އެމްއެންޑީއެފް މެރިން ކޯރގެ އެކްޓިން ކޮމަޑާންޓްކަމާއި، އެމްއެންޑީއެފް މާލެ
އޭރިއާގެ ކޮމާންޑަރުކަން ހިމެނެއެވެ. މީގެއިތުރުން ޑައިރެކްޓްރޭޓް އޮން
އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގައި ވަރަށް މުހިންމު މަޤާމުތަކެއް
ފުރުއްވާފައިވާ ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ ދިވެހި
އަސްކަރިއްޔާއިން ބޭރު ޤައުމަކަށް އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިފެންސް
އެޑްވައިޒަރުގެ ގޮތުން އިންޑިއާގައި ޚިދުމަތް ކުރައްވާފައެވެ. އަދި ސިފައިންގެ
ލަފާދޭ މަޖިލިހާއި އެކިއެކި ކޮމެޓީތަކާއި ބޯޑުތަކާއި މަޖިލިސްތަކުގައި ވެސް ލެފްޓިނަންޓް
ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ އިޚްލާޞްތެރި ޚިދުމަތްތަކެއް
ކޮށްދެއްވާފައެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލަކީ އެމެރިކާގެ ފޯޓް
ބެނިންގއާއި ވެލިންޓަން އަދި އިންޑިއާގެ ޑިފެންސް ސަރވިސަސް ސްޓާފް ކޮލެޖް ފަދަ
ދުނިޔޭގެ ކުރިއަރާފައިވާ އަސްކަރީ މަރުކަޒުތަކުން ތަމްރީނު ހާސިލުކުރައްވައި،
އިނގިރޭސިވިލާތާއި އިންޑިއާއާއި އެމެރިކާއިން 3 މާސްޓަރ ޑިގްރީ
ހާސިލުކުރައްވާފައިވާ ޢިލްމީ ބޭފުޅެކެވެ. އަދި ރާއްޖެއިން ބޭރުން ފުރިހަމަ
ކުރެއްވި ގިނަ ކޯސްތަކަކުން ރަން ވަނަތައް ހާސިލުކުރައްވައި ދިވެހިރާއްޖެއަށާއި
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ރީތި ނަން ހޯއްދަވައިދެއްވާފައިވާ
ބޭފުޅެކެވެ. މިގޮތުން އެ މަނިކުފާނު ހާސިލުކުރެއްވި ފުރަތަމަ ކާމިޔާބަކީ
ޕާކިސްތާނުގެ މިލިޓަރީ އެކަޑަމީން އޮފިސަރ ކެޑޭޓް ފުރިހަމަ ކުރައްވައި ބެސްޓް
އެލައިޑް ކެޑޭޓްގެ މަޤާމު ހާސިލުކުރެއްވުމެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް އެންމެ ފުރަތަމަ
ހާސިލުކުރެއްވި މާސްޓަރސް ޑިގްރީ (މާސްޓަރސް އޮފް އޮފް އާރޓްސް ޑިގްރީ އިން
ޑިފެންސް އެންޑް ސެކިއުރިޓީ އެނާލިސިސް) ހާސިލުކުރެއްވީ 1999 ވަނަ އަހަރު
އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލެންކެސްޓަރ އިންނެވެ. އެއަށްފަހު
އިންޑިއާގައި ޑިފެންސް ސަރވިސް ސްޓާފް ކޮލެޖް ފުރިހަމަ ކުރައްވައި 2003 ވަނަ
އަހަރު އިންޑިއާގެ ޔުނިވަރސިޓީ އޮފް މެޑްރާސްއިން 2 ވަނަ މާސްޓަރސް ޑިގްރީ (މާސްޓަރސް
އޮފް ސައިންސް އިން ޑިފެންސް އެންޑް ސްޓްރެޓީޖިކް ސްޓަޑީސް) ހާސިލު ކުރެއްވިއެވެ.
އަދި 2012 ވަނަ އަހަރު އެމެރިކާގެ ވޮޝިންގޓަންގެ ނެޝަނަލް ޑިފެންސް ޔުނިވަރސިޓީން
3 ވަނަ މާސްޓަރސް ޑިގްރީ (މާސްޓަރސް އޮފް އާރޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ
ސްޓަޑީސް) ފުރިހަމަ ކުރައްވައި މި ކޯހުން ޑިސްޓިންގުއިޝްޑް އޮނަރ ގްރެޖުއޭޓްގެ
މަޤާމު ހާސިލުކުރައްވައި ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ރީތި
ނަން ހޯއްދަވައިދެއްވިއެވެ. މި ކާމިޔާބާއެކު ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް
ޑިފެންސް ފޯސްގެ މަޤާމުގައި ކުރަމުން ގެންދެވި އަގުހުރި ޤައުމީ ޚިދުމަތުގެ އަގު
ވަޒަންކުރައްވައި، އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ދަސްވެނިންނަށް
ދެވޭ އެންމެ މަތީ ޝަރަފުކަމުގައިވާ "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް
ފޭމް"ގައި ހިމެނުމުގެ ޝަރަފު، 2022 ވަނަ އަހަރު ލެފްޓިނަންޓް ޖެނެރަލް
(ރިޓަޔަރޑް) ޢަބްދުﷲ ޝަމާލަށް އެ ޔުނިވަރސިޓީން އެރުވިއެވެ.
ދިވެހި އަސްކަރިއްޔާގައި ލެފްޓިނަންޓް ޖެނެރަލް
(ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތުގައި 24 ޝަރަފުގެ
ނިޝާނެއް ހާސިލުކުރައްވާފައިވެއެވެ. އަދި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް
ޚިދުމަތް ކުރައްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ އިނާމު ވެސް އެ
މަނިކުފާނު ވަނީ ހާސިލުކުރައްވާފައެވެ.